ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ޕޮގްބާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
13 ޖެނުއަރީ 2021 - 09:48
ލަންޑަން (ޖެނުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ޔުނައިޓެޑް އެއް ވަނަ އަށް އެރީ 17 މެޗުން 36 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ. ލިވަޕޫލަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ލީގުގައި އާދިއްތަ ދުވަހުގެރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންންނާނީ ޔުނައިޓެޑާ ދެކޮޅަށެވެ.
މިއީ 2013 ވަނަ އަހަރު ޔުނައިޓެޑުން ޕްރިމިއާ ލިގު ކާމިޔާބުކުރި ސީޒަނަށް ފަހު އެ ޓީމުން ލީގުގެ 17 މެޗު ނިމުނުއިރު އެއް ވަނައިގައި އޮތް ފުރަތަމަ ފަހަރެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މި ވަގުތު ޔުނައިޓެޑްގެ ފޯކަސް އަކީ މި ރަނގަޅު ފޯމު ދެމެހެއްޓުން ކަމަށާއި ލީގަށް ވާދަކުރުމަކީ ޔުނައިޓެޑްގެ އަމާޒެއްކަމަށާއި އެކަން ކުރެވޭނެ ފެންވަރު މި ޓީމުގެ ކިބައިގައި އެބަހުރި ކަމަށެވެ.
"މިހާރު އަހަރެމެން މެޗުތަކަށްދާއިރު ކުރިން ނެތް އިތުބަރު އެބައޮތް. ދެން މި އޮތީ އެ އިތުބާރުގެ ބޭނުންކުރަންޖެހޭނެ އެންމެ ރަނގަޅު މެޗު. ޗެމްޕިއަނުންނާ (ލިވަޕޫލާ) ދެކޮޅަށް ކުޅޭ މެޗު. އެއީ އަހަރެމެންނަށް ރަނގަޅު ޓެސްޓަކަށްވާނެ،" މެޗަށް ފަހު ސޯލްޝެއާ ބުންޏެވެ.
ބާންލީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ގޯލެއް ޖެހި ނަމަވެސް އޭނާ އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ބާންލީގެ އެރިކް ޕިއެޓާސް އަށް ފައުލުކުރިކަމަށް ބަލައި ރެފްރީ ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕައުލް ޕޮގްބާ އެވެ. ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އިތުރު ގޯލެއް ޖަަހަން ލިބުނު ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.
ބާންލީ އަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ޖޭމްސް ޓާކޯސްކީގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި މަޓޭއި ވިޑްރާ އަށެވެ. ވިޑްރާ ފޮނުވާލި ދެ ބޯޅައެއް ގޯލާ ސީދާވާގޮތެއްނުވިއިރު، ޓާކޯސްކީ ޖެހި ބޯޅަ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.
ލީގުގައި ރޭ ކުޅުނު އަނެއް ދެ މެޗަށް ބަލާއިރު އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ވަނީ 1-0 އިން ނިއުކާސަލްގެ މައްޗަށް ކުރިހޯދައި މި ފަހަރު ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. ރަށުން ބޭރުގައި އެވަޓަން އިން 2-1 އިން ވުލްވްސް ބަލިކޮށް ވަނީ ލީގުގެ ހަތަރަކަށް އަރައިފަ އެވެ. އެ ޓީމަށް 17 މެޗުން ވަނީ 32 ޕޮއިންޓް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޒީހް
13 January 2021
މަރުހަބާ ސުޒޭން.