14 ޖެނުއަރީ 2021 - 09:43
ލަންޑަން (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-0 އިން ބްރައިޓަން ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަ އަށް ޖެހިލިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން ފުލަމްއާ 1-1 އިން އެއްވަރުވެ ލީގުގައި ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
ސިޓީން ތިން ވަނަ އަށް އެރީ ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ފަސް ވަނައިގައި އޮތް އެވަޓަންއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ތިން ޓީމަށް ވެސް 32 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ލަނޑުން އެންމެ ކުރި ލިބެނީ އެއް މެޗު މަދުންކުޅެފައި އޮތް ސިޓީ އަށެވެ. އެވަޓަން އާއި ލެސްޓާ 17 މެޗު ކުޅުނުއިރު، ސިޓީ ކުޅެފައިވަނީ 16 މެޗެވެ.
ހަ ވަނައިގައި އޮތް ޓޮޓެންހަމް ރޭ މޮޅުވިނަމަ އެ ޓީމަށް ލަނޑުގެ ތަފާތުން ތިން ވަނަ އަށް އެރޭނެ އެވެ. އެހެން ނަމަވެސް އެއްވަރުވުމުން އެ ޓީމު ހަ ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު އެވެ.
ބްރައިޓަން ކޮޅަށް ސިޓީގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ. އޭނާ މި ގޯލު ޖެހީ ކެވިން ޑިބްރޭނާ ދިން ބޯޅައަކުންނެވެ. ބްރައިޓަން އިން ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި އެ ޓީމުގެ އަލެކްސިސް މެކްއަލިސްޓާ ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ޕެނަލްޓީ އަކުން ރަހީމް ސްޓާލިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ރޭގެ ނަތީޖާއާ އެކު ސިޓީ ވަނީ ބަލިނުވެ ޖެހިޖެހިގެން 14 މެޗު ފުރިހަމަކޮށްފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސީޒަނުގެ ކުރީކޮޅުގައި އެކި ސަބަބުތަކާ ހުރެ ސިޓީގެ އަސްލު ކުޅުން ދައްކަން ދަތިތަކެއް ހުރި ކަމަށާއި މަޑުމަޑުން މުޅި ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ބޭނުންވާ ލެވަލަށް ގެނެވޭތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ކުރިން ޝެޑިއުލްގައި އޮތްގޮތުން ޓޮޓެންހަމް ރޭގެ މެޗު ކުޅެން އޮތީ އެސްޓަން ވިލާއާ އެވެ. އެކަމަކު އެސްޓަން ވިލާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާތީ އެ ޓީމުގެ ބަދަލުގައި ޕްރިމިއާ ލީގުގެ ބޯޑުން ހަމަޖެއްސީ ޓޮޓެންހަމާއި ފުލަމް މެޗު ކުޅޭގޮތަށެވެ. މި މެޗަކީ ވެސް ފުލަމްގައި ކޮވިޑް ކޭސްތަކެއް ގިނަވި ދުވަސްތަކުގައި ފަސްކުރަން ޖެހުނު މެޗެކެވެ.
ޓޮޓެންހަމަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުން ހެރީ ކޭން އެވެ. ލީޑުފުޅާކުރަން ޓޮޓެންހަމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ފުލަމް އިން އެއްވަރުކުރީ މެޗު ނިމެން 16 މިނިޓަށް ވެފައި ވަނިކޮށް އިވާން ކަވަލޭރޯ ޖެހި ގޯލުންނެވެ.
މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މި މެޗުގައި މި ނަތީޖާ ނުކުތުމުގައި ބޮޑު ކްރެޑިޓެއް ހައްގުވަނީ ފުލަމް ގޯލު ބެލެހެއްޓި ކުޅަދާނަ ގޯލްކީޕަރު އަލްފަންސޯ އަރެއޯލާ އަށެވެ. އޭނާ ވަނީ ވަރަށް މޮޅު ބޯޅަތަކެއް ހުއްޓުވާފައި ކަމަށާއި ޓޮޓެންހަމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމަށް މޮރީނިއޯ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy