އެތުލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމް
09 ޖޫން 2021 - 13:06
މެޑްރިޑް (ޖޫން 9) - ރެއާލް މެޑްރިޑްގެ ހޯމް ދަނޑުގެ ގޮތުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމް ބޭނުން ކުރަން އެ ކްލަބުން ވިސްނަން ފަށައިފި އެވެ.
ރެއާލްގެ ދަނޑު، ސެންޓިއާގޯ ބެރްނެބުއޭ މަރާމަތު ކުރުމުގެ މަސައްކަތް މިިދިޔަ އަހަރު މާޗު މަހުން ފެށިގެން ދަނީ ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ފުޓްބޯޅަ ސީޒަން މެދުކަނޑާލުމުން އެ ކްލަބުން ފެށީ ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތެވެ.
ބެރްނެބުއޭ ބަންދު ކުރުމަށް ފަހު، ރެއާލްގެ ހޯމް މެޗުތައް އެ ޓީމުން ކުޅެފައި ވަނީ، ކްލަބުގެ ބީ ޓީމުގެ މެޗުތައް ކުޅޭ، އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގަ އެވެ. ބެރްނެބުއޭ ބަންދު ކުރުމުން އެތުލެޓިކޯ އިން ބުނެފައި ވަނީ، ރެއާލް މެޑްރިޑް ބޭނުން ނަމަ ވަންޑާ މެޓްރޯޕޮލިޓާނާޓޯ ބޭނުން ކުރުމުގެ ހުއްދަ ދޭން ތައްޔާރަށް އޮތް ކަމަށެވެ.
ނަމަވެސް އޭރު ރެއާލްއިން ނިންމީ ސްޓޭފަނޯ ސްޓޭޑިއަމް ބޭނުން ކުރުމަށެވެ. ކޮވިޑް-19 ގެ ހާލަތަށް ފަހު ލަ ލީގާގައި ފުރަތަމަ ފަހަރަށް ސަޕޯޓަރުން ވައްދައިގެން އަންނަ ސީޒަންގައި މެޗުތައް ކުޅޭނެ އެވެ. ޑި ސްޓެފަނޯ ސްޓޭޑިއަމްއަކީ 2،000 މީހުންގެ ޖާގައިގެ ކުޑަ ސްޓޭޑިއަމްއެކެވެ.
މެޓްރޯޕޮލިޓާނޯގައި މެޗުތައް ކުޅުމާ މެދު ރެއާލް އިން ވިސްނުން ގެންގުޅޭ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. އެ ކްލަބުގެ އަމާޒަކީ ކޮވިޑްގެ ހާލަތުގައި ސަޕޯޓަރުންގެ ދެމެދުގައި ޑިސްޓެންސް ދީގެން ވެސް މަދުވެގެން 20،000 މީހުން މެޗުތައް ބަލަން ވެއްދުމެވެ. މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްއަކީ 68،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.
އެ ސްޓޭޑިއަމް ރެއާލަށް އެތުލެޓިކޯ އިން ދޫކުރަނީ ކުއްޔަކަށް ނޫނެވެ. އެތުލެޓިކޯ މެޑްރިޑްގެ ކުރީގެ ހޯމް ސްޓޭޑިއަމް ވިސެންޓޭ ކެލްޑްރޯން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު 1996-1997 ގެ ސީޒަންގައި އެތުލެޓިކޯގެ ހޯމް މެޗުތައް ކުޅުނީ މިހާރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ފެންނަ ރެއާލްގެ ބެރްނެބުއޭ ސްޓޭޑިއަމްގަ އެވެ.
ދެ ޓީމުގެ ހޯމް މެޗުތައް އެއް ދަނޑެއްގައި ކުޅޭނަމަ، ހޯމް މެޗުތައް ފުށުނާރާ ގޮތަށް ލަ ލީގައިން ލީގު ޝެޑިއުލް ރާވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy