ރެއާލް މެޑްރިޑްގެ އާ ކެޕްޓަން، ބްރެޒިލްގެ މާސެލޯ ވިއޭރާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.

މިދިޔަ ހަ އަހަރު، ރެއާލްގެ ކެޕްޓަންކަން ކުރި ސާޖިއޯ ރޯމާސް ވަނީ، އެ ކްލަބު ދޫކޮށްލައިފަ އެވެ. ރާމޯސް ކްލަބު ދޫކޮށްލާކަން އިއާލާން ކުރި އިރު ވެސް މާސެލޯ ހުރީ ރާއްޖޭގަ އެވެ.

މާސެލޯ ޗުއްޓި ހޭދަކުރަމުން ދަނީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި - ޕްރައިވެޓް އައިލެންޑްގަ އެވެ. އޭނާ އެ ރިސޯޓްގައި ހޭދަ ކުރަމުންދާ މަންޒަރުތައް މާސެލޯ ވަނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.

އެ ރިސޯޓަކީ ޔޫރަޕްގައި ކުޅޭ މަޝްހޫރު ކުޅުންތެރިން ޗުއްޓީ ހޭދަކޮށްލަން އަންނަ ރިސޯޓެކެވެ. ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވެސް ވަނީ މި މަހު އެ ރިސޯޓްގައި ޗުއްޓީ ހޭދަ ކޮށްފަ އެވެ. އަދި ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް"ގެ އިސްތިހާރު ޖަހައިފައިވާ ލަ ލިގާގެ ކްލަބު ސެލްޓަ ވީގޯގެ މިޑްފީލްޑާ ޑެނިސް ސުއަރޭޒް ވެސް މި މަހު އެ ރިސޯޓްގައި ޗުއްޓި ހޭދަކުރި އެވެ.

މާސެލޯ އަށް ރެއާލް މެޑްރިޑުގެ ކެޕްޓަންގެ ޒިންމާތައް ހަވާލުވީ، ކެޕްޓަން ކަނޑައެޅުމުގައި އެ ކްލަބުގައި އޮންނަ އުސޫލުގެ ދަށުންނެވެ. ކްލަބުގެ ކެޕްޓަން ބޭންޑް ރެއާލް އިން ދެނީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ދުވަހު ކްލަބަށް ކުޅުނު ކުޅުންތެރިޔާއަށެވެ. މާސެލޯ ރެއާލް އަށް ކުޅޭތާ މިހާރު 15 އަހަރުވީ އެވެ.

އޭނާ ވެގެންދާނީ، 117 އަހަރު ފަހުން ސްޕެއިން އަށް ނިސްބަތް ނުވާ ކުޅުންތެރިންގެ ތެރެއިން ރެއާލްގެ ކެޕްޓަންކަން ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ސްޕެއިނަށް ނިސްބަތް ނުވާ ކުޅުންތެރިންގެ ތެރެއިން ރެއާލްގައި އެންމެ ފަހުން ކެޕްޓަންކަން ކުރީ 1914 ގައި ފެޑްރީކޯ ރެވުއެލްޓޯ އެވެ. އޭނާއަކީ ގުއަޓެމާލާ އަށް ނިސްބަތްވި ކުޅުންތެރިޔެކެވެ.