ނޮވެމްބަރު މަހު ބަންގްލާދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، ގައުމީ ޓީމު ޗައިނާއާ ދެކޮޅަށް މެޗެއް ކުޅެން ހަމަޖައްސައިފި އެވެ.
މި މަހު ފަހުކޮޅުގައި ކުރިމަތިލާ ފީފާ އިންޓަނޭޝަނަލް ވިންޑޯގައި ކުޅޭ މި މެޗު އޮންނާނީ މި މަހު 24 ގައި ޗައިނާގަ އެވެ. މެޗު ކުޅޭނީ އެ ގައުމުގެ ޗޮންގްކިން ލޯންގްޝިންގް ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ މެޗު އޮންނާނީ ޗައިނާ ގަޑިން 19:35 (ރާއްޖޭ ގަޑިން 16:35 ގަ އެވެ.)
ޗައިނާ މެޗަށްފަހު ގައުމީ ޓީމު ދަތުރުކުރާނީ ކިރިގިސްތާނުގެ ބިޝްކެކަށެވެ. އެ ގައުމުގައި ކިރިގިސްތާނުގެ ގައުމީ ޓީމާއި ލުބުނާނާ ދެކޮޅަށް ރާއްޖޭން މެޗުތަކެއް ކުޅޭނެ އެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖޭން ކުޅޭ މެޗުތައް
- ސެޕްޓެމްބަރު 24: ޗައިނާއާ ދެކޮޅަށް
- ސެޕްޓެމްބަރު 28: ކިރިގިސްތާނާ ދެކޮޅަށް
- އޮކްޓޯބަރު 1: ލުބުނާނާ ދެކޮޅަށް
މި ތިން މި މެޗަކީ ގައުމީ ކޯޗު އިސްތުވާން އުރުބާނީ އަދި ޓީމުގެ ކުޅުންތެރިންނަށް ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން ފެންވަރު ވަޒަންކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
އެފްއޭއެމުން މީގެ ކުރިން ވަނީ ކިރިގިސްތާނާއި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗުގެ އިއުލާން ކޮށްފަ އެވެ.
ރާއްޖޭން ވަނީ މިހާތަނަށް ޗައިނާއާ ދެކޮޅަށް ހަ މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ޗައިނާއިން ވަނީ ރާއްޖޭގެ މައްޗަށް ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. ވޯލްޑް ކަޕް 2002 ގެ ކޮލިފައިން، 2001 ގައި މާލޭގައި ކުޅުނު މެޗު ޗައިނާއަށް މޮޅުވެވުނީ 1-0 ންނެވެ.
ޗައިނާއާ ދެކޮޅަށް ރާއްޖޭން އެންމެ ފުރަތަމަ މެޗެއް ކުޅުނީ އެ އަހަރު އޭޕްރީލް މަހު އެވެ. އަމިއްލަ ދަނޑުގައި ކުޅެ ޗައިނާއިން ވަނީ 10- ން ރާއްޖޭގެ މައްޗަށް ކުރި ހޯދާފަ އެވެ. އެ މެ ޗުގައި ރާއްޖޭގެ ހަމައެކނި ލަނޑު ޖެހީ ހުއްރިޔާގެ ލެޖެންޑް އިސްމާއީލް ނަސީމް (ކޭޑީ) އެވެ. އެއީ ދިވެހި ކުޅުންތެރިޔަކަށް މިހާތަނަށް ޗައިނާއާ ދެކޮޅަށް ޖެހުނު ހަމަ އެކަނި ލަނޑެވެ.
ރާއްޖޭން އެންމެ ފަހުން ޗައިނާއާ ދެކޮޅަށް މެޗެއް ކުޅުނީ ފީފާ ވޯލްޑް ކަޕް ކުއަލިފައިންގައި ޖޫން 2021 ގަ އެވެ. ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާރްޖާ ކުޅުނު މެޗު ޗައިނާއިން ކާމިޔާބު ކުރީ 5-0 ންނެވެ.
- 22 އެޕްރީލް 2001: ޗައިނާ 10 - 1 ރާއްޖެ
- 28 އެޕްރީލް 2001: ރާއްޖެ 0 - 1 ޗައިނާ
- 08 ސެޕްޓެމްބަރު 2015: ރާއްޖެ 0 - 3 ޗައިނާ
- 24 މާޗު 2016: ޗައިނާ 4 - 0 ރާއްޖެ
- 10 ސެޕްޓެމްބަރު 2019: ރާއްޖެ 0 - 5 ޗައިނާ
- 11 ޖޫން 2021: ޗައިނާ 5 - 0 ރާއްޖެ