ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

ދިވެހި ލީގު 2023: 12 ޖާގައަށް ހަތަރު ޒޯނަށް ހަތަރު ޑިވިޝަން

ދިވެހި ޕްރިމިއާ ލީގު އާ ފޯމެޓް އިއުލާން ކުރުމަށް ބޭއްވި ޕްރެސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމުގެ ޕްލޭން އެފްއޭއެމުން މިއަދު އާންމު ކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގު 2023-2024 އިން ފެށިގެން ކުރިއަށް ދާނީ ޖުމުލަ 12 ޓީމާ އެކު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގަ އެވެ. ދިވެހި ޕްރިމިއާ ލީގު ފުރަތަމަ އަހަރު ފަށާނީ މިހާރު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމާ އެކު އެވެ. އެފްއޭއެމުން ވަނީ އެ އަހަރުގެ ލީގުގެ ބާކީ ހަތަރު ޖާގަ އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެ ގޮތް މިއަދު އާންމު ކޮށްފަ އެވެ. އެގޮތުން މުޅި ރާއްޖެ ބަހާލަނީ ހަތަރު ޑިވިޝަނަށެވެ.

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގައި ޒޯންތައް ބެހިފައިވާ ގޮތް

ޒޯން 1: ހއ, ހދ, ށ، ނ، ރ

ޒޯން 2: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ

ޒޯން 3: ތ، ލ، ގއ، ގދ، ޏ، ސ

ޒޯން 4: ގްރޭޓާ މާލެ އޭރިއާ

ކޮންމެ ޒޯނެއްގައި ހަތަރު ޑިވިޝަން އޮންނާނެ އެވެ. ދިވެހި ޕްރިމިއާ ލީގުގެ އަނެއް ހަތަރު ޖާގަ 2023 ގައި ލިބޭނީ ކޮންމެ ޒޯނެއްގައި ވެސް ހިމެނޭ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށެވެ. ޒޯން ހަތަރެއް ނުވަތަ ގްރޭޓާ މާލެ އޭރިއާ އިން 2022 ގެ ދެ ވނަ ޑިވިޝަން ޗެމްޕިއަން ޓީމު ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ފަހަރަށް ކުޅޭ ލީގަށް ކޮލިފައި ވާނެ އެވެ.

ދިވެހި ޕްރިމިއާ ލީގު އާ ފޯމެޓް އިއުލާން ކުރުމަށް ބޭއްވި ޕްރެސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިވެހި ޕްރިިމިއާ ލީގުގެ ހޯމް އެންޑް އަވޭ ފޯމެޓް އެކުލަވާލުމުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވީ، ޔުނައިޓެޑް ވިކްޓަރީގެ ކުރީގެ ކޯޗު މުހައްމަދު އާދަމެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ކުރިން ފުރުއްވި މުހައްމަދަކީ، 2015 ވަނަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕްގެ އިންތިޒާމު ކޮމިޓީގެ ޗެއާމަނެވެ. އެ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި ހޯމް އެންޑް އަވޭގެ އެންމެ ބޮޑު މުބާރާތެވެ.

ލީގުގެ ކޮލިފިކޭޝަންގެ ފޯމެޓް އިއުލާން ކުރުމަށް މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި، މުހައްމަދު ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފުޓްބޯޅަ ލީގު ސިސްޓަމްގައި އެންމެ އިސް މުބާރާތަކަށް ވާނީ ދިވެހި ޕްރިމިއާ ލީގު ކަމަށެވެ.

ޒޯން ތަކުގައި ހިމެނޭ ޑިވިޝަންތައް

އޯޕަން ޑިވިޝަން

ތިން ވަނަ ޑިވިޝަން

ދެ ވަނަ ޑިވިޝަން

ފުރަތަމަ ޑިވިޝަން

މުހައްމަދު ވިދާޅުވީ ގްރޭޓާ މާލެ އޭރިއާގެ ޒޯން ފިޔަވައި އަނެއް ތިން ޒޯން ހުޅުވާލާއިރު ހުރިހާ ޓީމެއް ވެސް ފަށާނީ އޯޕަން ޑިވިޝަނުން ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ފަށައިފި ނަމަ އަންނަ އަހަރުގެ އޮކްޓޯބަރާ ހަމައަށް ހުރިހާ ޑިވިޝަންތަކެއް ވެސް ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މާލޭ ޒޯން އިން 2023 ގެ ޕްރިމިއާ ލީގު ޖާގަ ލިބިގެން ދާނީ 2022 ގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމަށެވެ. އެހެން ޒޯންތަކުގައި 2023 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނީ އެ ޒޯންގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމެވެ.

އޯޕަން ޑިވިޝަން

އޯޕަން ޑިވިޝަން ކުޅޭނީ ޒޯންގެ ޓީމުތަކުގެ މެދުގައި ގުރޫޕްތަކަށް ބަހާލައިގެންނެވެ. މުހައްމަދު ވިދާޅުވީ ގުރޫޕްތައް ބަހާނީ ކައިރި ކައިރީގައި ހުންނަ ރަށްތަކުގެ ޓީމުތައް އެއް ގުރޫޕެއްގައި ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެ ގުރޫޕެއްގެ މެޗުތައް އޮންނާނީ އެ ގުރޫޕެއް ހިމެނޭ ކޮންމެވެސް އެއް ރަށެއްގައި ސެންޓްރަލައިޒް އުސޫލުން ކަމަށެވެ.

އެ ގުރޫޕްގެ މެޗުތައް ކުޅޭނެ ރަށެއް ކަނޑައަޅާނީ އެފްއޭއެމުން ހުޅުވާލާ ބިޑިން މަރުހާލާގެ ތެރެއިންނެވެ.

"ޓީމުތައް ބައިވެރިވާ ނިސްބަތުން އޯޕަން ޑިވިޝަން ކުޅޭނެ ގޮތާއި އޭގެ ފޯމެޓް ބަދަލުވެގެން ހިނގައިދާނެ،" މުހައްމަދު ވިދާޅުވި އެވެ. "އޯޕަން ޑިވިޝަން ކުރިއަށް ގެންދާނެ ގޮތް ޑިސައިޑް ކުރެވޭނީ ޓީމުތައް ބައިވެރި ވުމަށް ފަހު."

އޯޕަން ޑިވިޝަންގައި ކިތަންމެ ގިނައިން ވެސް ޓީމުތައް ބައިވެރި ވެވޭނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އޯޕަން ޑިވިޝަން ކާމިޔާބު ކުރާ ޓީމުތައް ކޮލިފައި ވާނީ އެ ޒޯންގެ ތިން ވަނަ ޑިވިޝަނަށެވެ.

ތިން ވަނަ ޑިވިޝަން

މުހައްމަދު ވިދާޅުވީ ތާޑް ޑިވިޝަން ކުޅޭނީ ހަ ގުރޫޕަކަށް ބަހާލައިގެން ކަމަށާއި ހަ ގުރޫޕުން ގަދަ 18 ޓީމު ކޮލިފައި ވާނީ ދެ ވަނަ ޑިވިޝަނަށް ކަމަށެވެ. ތިން ވަނަ ޑިވިޝަންގައި ވެސް ގުރޫޕް ބަހާނީ ކައިރި ކައިރީގައި ހުންނަ ރަށްތަކުގެ ޓީމުތައް އެއް ގުރޫޕަކަށް ބަހާލައިގެންނެވެ.

އެ ޑިވިޝަންގައި ކޮންމެ ގުރޫޕެއްގެ މެޗުތައް ވެސް ކުޅޭނީ ސެންޓްރަލައިޒް އުސޫލުންނެވެ. އެ ރަށެއް ކަނޑައަޅާނީ އެފްއޭއެމުން ހުޅުވާލާ ބިޑިން މަރުހާލާ ތެރެއިންނެވެ.

ދެ ވަނަ ޑިވިޝަން

ގްރޭޓާ މާލޭގެ ޒޯން ފިޔަވައި ކޮންމެ ޒޯނަކުން، ދެ ވަނަ ޑިވިޝަންގައި ހިމެނޭނީ 18 ޓީމެވެ. އެއީ ތިން ވަނަ ޑިވިޝަނުން ޕްރަމޯޓްވި 18 ޓީމެވެ. އެ 18 ޓީމުގެ ތެރެއިން އެންމެ ގަދަ އަށް ޓީމު ކޮލިފައި ވާނީ ފުރަތަމަ ޑިވިޝަނަށެވެ.

ދެ ވަނަ ޑިވިޝންގެ ގުރޫޕްތައް ބެހުމުގައި ކައިރިކަިއރީގައި ހުރި ރަށްތަަކަކަށް ނުބާލާނެ އެވެ. އެ ޑިވިޝަންގެ ގުރޫޕްތައް ބާހަނީ ގުރު ނަގައިގެންނެވެ. އެ ޑިވިޝަންގެ ކޮންމެ ގުރޫޕެއްގެ މެޗުތައް ވެސް ކުޅޭނީ ސެންޓްރަލައިޒް އުސޫލުންނެވެ.

ފުރަތަމަ ޑިވިޝަން

ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި އަށް ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ފަހު އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމު 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.

"ހޯމް އެންޑް އަވޭ އުސޫލުން 2023-2024 ގެ ލީގަށް ޓީމުތައް ނެގުމުގައި ނީންނާނެ ޕްލޭއޮފްގެ އެއްވެސް މަރުހަލާއެއް،" މުހައްމަދު ވިދާޅުވި އެވެ. "ކޮންމެ ޒޯނެއްގެ ވެސް ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމު އޮޓޮމެޓިކުން ޕްރިމިއާ ލީގަށް ދާ ގޮތަށް ހަމަޖެހިފައި ވާނީ."

ފުރަތަމަ ފަށާއިރު މާލޭގެ ޒޯން ތަފާތު

ފަށާއިރު މާލޭގެ ޒޯން ތާފަތުވާ ސަބަބަކީ މާލޭ ޒޯންގައި މިހާރު ވެސް ތިން ވަނަ ޑިވިޝަން އަދި ދެ ވަނަ ޑިވިޝަން އޮތުމުންނެވެ.

މާލޭ ޒޯން އިން 2023 ގެ ލީގަށް ކޮލިފައި ވާނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމެވެ. ހޯމް އެންޑް އަވޭގެ ފުރަތަމަ މުބާރާތް ނިމުމަށް ފަހު އެ ހާލަތު ބަދަލު ވާނެ އެވެ.

"ސެކަންޑް ޑިވިޝަން 2022 ގައި ކުޅެފައި ސެކަންޑް ޑިވިޝަންގެ ޗެމްޕިއަން ޓީމު ޕްރަމޯޓް ކުރަނީ ޑީޕީއެލް (ދިވެހި ޕްރިމިއާ ލީގު) އަށް. އެއީ ޒޯން ހަތަރެއްގެ ޗެމްޕިއަނުންގެ ގޮތުގައި އެ ޓީމު އަންނާނީ،" އޭނާ ވިދާޅުވި އެވެ.

ދިވެހި ޕްރިމިއާ ލީގު އާ ފޯމެޓް އިއުލާން ކުރުމަށް ބޭއްވި ޕްރެސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ ޒޯންގައި 2022 ގެ ދެ ވަނަ ޑިވިޝަންގެ އެންމެ ފުލުގައި އޮތް ޓީމު ފިޔަވައި އެ ޑިވިޝަންގެ ރޭންކިންގެ ދެ ވަނަ އާއި އަށް ވަނައިގައި ހިމެނޭ ޓީމުތައް ކޮލިފައި ވާނީ 2023 ގެ މާލޭ ޒޯން ފުރަތަމަ ޑިވިޝަނަށެވެ. އަދި ދެ ވަނަ ޑިވިޝަންގެ ފުލުގައި އޮތް ޓީމު ހަމަ އެ ޑިވިޝަންގައި މަޑުކުރާނެ އެވެ. ދެ ވަަނަ ޑިވިޝަންގެ ބާކީ ނުވަ ޖާގަ ލިބޭނީ ތިން ވަނަ ޑިވިޝަންގެ އެންމެ ގަދަ ނުވަ ޓީމަށެވެ.

މާލޭ ޒޯންގެ ތިން ވަނަ ޑިވިޝަންގެ ފުލަށް ދާ ހަ ޓީމު އެ ޑިވިޝަންގައި މަޑު ކުރާނެ އެވެ. މާލޭ ޒޯންގެ ތިން ވަނަ ޑިވިޝަންގައި މިހާރު ވެސް ޖާގަ ކަނޑައެޅިފައި ވަނީ 15 ޓީމަށެވެ. ތިން ވަނަ ޑިވިޝަނުން ނުވަ ޓީމު ދެ ވަނަ ޑިވިޝަނަށް ޕްރަމޯޓް ވުމުން، އެ ޑިވިޝަންގެ އެ ހުސް ޖާގަތަކަށް ކޮލިފައި ވާނީ އޯޕަން ޑިވިޝަނުން ގަދަ ނުވަ ޓީމެވެ.

ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ މުބާރާތް ނިމުމަށް ފަހު މާލޭގެ ޒޯނެކޭ އަތޮޅު ތެރޭގެ އަނެއް ތިން ޒޯންގައި ވެސް ޕްރޮމޯޝަނާއި ރެލިގޭޝަން އެއްގޮތް ވާނެ އެވެ.

ޕްރޮމޯޝަން އަދި ރެލިގޭޝަން

ހޯމް އެންޑް އަވޭގެ ފުރަތަމަ މުބާރާތުގައި މާލޭގެ ޒޯން ފިޔަވައި ކޮންމެ ޒޯނެއްގެ ވެސް ފުރަތަމަ ޑިވިޝަން ކާމިޔާބު ކުރާ ޓީމު ޕްލޭއޮފްއާ ނުލައި ސީދާ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ އެވެ. ހޯމް އެންޑް އަވޭ އުސޫލުން 2023-2024 ގައި ދިވެހި ޕްރިމިއާ ލީގު ފެށުމަށް ފަހު ރެލިގޭޝަން ޕްލޭއޮފް ކުޅެން ޖެހޭނީ ފުލަށް ދިޔަ ހަތަރު ޓީމެވެ.

ދިވެހި ޕްރިމިއާ ލީގުގެ 12 ޓީމުގެ ތެރެއިން ފުލަށް ދިޔަ ހަތަރު ޓީމު ރެލިގޭޝަން ކުޅޭނީ ޒޯންތަކުގެ ފަސްޓް ޑިވިޝަނުންގެ ޗެމްޕިއަނުންނާ އެވެ. ފުލަށް ދިޔަ ކޮންމެ ޓީމަކުން ޕްލޭއޮފްގައި ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަނުންގެ ތެރެއިން ޓީމަކާ ދެކޮޅަށް ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގު ކުޅެން ޖެހޭނެ އެވެ. ބައްދަލު ކުރަން ޖެހޭ ޓީމެއް ކަނޑައަޅާނީ ގުރު ނަގައިގެންނެވެ.

އެ ޕްލޭއޮފް މެޗުތަކުން މޮޅުވި ހަތަރު ޓީމު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ. ޕްލޭއޮފްގައި ނާކާމިޔާބުވި ހަތަރު ޓީމު ޖެހޭނީ އެ ޓީމެއް ނިސްބަތްވާ ޒޯނެއްގައި ފުރަތަމަ ޑިވިޝަން ކުޅޭށެވެ.

"ވަކިން ގުރުލާނީ ޑީޕީއެލްގެ ބޮޓަމް ހަތަރު ޓީމާ ޒޯންތަކުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ހަތަރު ޓީމުގެ ތެރެއިން ޓީމަކާ ޖެހޭ ގޮތަށް. ހޯމް އެންޑް އަވޭ އުސޫލުން ޕްލޭއޮފް ކުޅެފައި، އެތަނުން މޮޅުވާ ޓީމު ޑީޕީއެލްގައި މަޑުކުރާ ގޮތަށް އެ ތަނުން ބަލިވާ ޓީމެއް އެ ޓީމެއް ނިސްބަތްވާ ޒޯނެއްގެ ފުރަތަމަ ޑިވިޝަނަށް ވެއްޓޭނީ،" މުހައްމަދު ވިދާޅުވި އެވެ.

ފުރަތަމަ ޑިވިޝަންގައި ވެސް އެންމެ ފުލުގައި އޮންނަ ޓީމު، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅެން ޖެހޭނެ އެވެ. އަދި ދެ ވަނަ ޑިވިޝަންގެ ފުލަށް ދާ ޓީމު ވެސް ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅެން ޖެހޭނެ އެވެ. އެކަމަކު ތިން ވަނަ ޑިވިޝަން ތަފާތެވެ. ތިން ވަނަ ޑިވިޝަންގެ ފުލަށް ދާ ޓީމު ރެލިގޭޓް ވާނީ ސީދާ އޯޕަން ޑިވިޝަނަށެވެ. އޯޕަން ޑިވިޝަންގެ ޗެމްޕިއަން ޓީމު ސީދާ ތިން ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނެ އެވެ.

"މިސާލަކަށް އެއް ޒޯނަކުން ދެ ޓީމު ފުރަތަމަ ޑިވިޝަނަށް ވެއްޓެންޏާ، އެންމެ ފުލަށް ދާ ދެ ޓީމު ޖެހޭނެ ރެލިގޭޝަން ކުޅެން. އޭގެ މާނައަކީ އަހަރެމެން ސްލޮޓް ހަމަކުރަން އަބަދުވެސް ރެލިގޭޝަނުންނާއި ޕްރޮމޯޝަނުންނާއޭ އޭގެ މަސައްކަތް ކުރާނީ،" މުހައްމަދު ތަފްސީލް ދެއްވި އެވެ.

"އެއްވެސް ހާލަތެއް ދިމާވެގެން ވެސް މިސާލަކަށް ފަސްޓް ޑިވިޝަން ޗެމްޕިއަން ޓީމު ޑީޕީއެލް އަށް ޕްރޮމޯޓްވެ އެތަނުން ޓީމެއް މަދުވީ. އެހެންވެއްޖެއްޔާ އެ ޒޯނެއްގައި އެ ފަހަރު ނޯންނާނެ ރެލިގޭޝަނެއް، އެފަހަރު އޮންނާނީ މުޅިން އޮޓަމެޓިކުން. މާނަ އަކީ ތާޑް، ސެކަންޑަށް ގޮސްފައި ސެކަންޑުން ފަސްޓަށް ގޮސްފައި އެ ހުރިހާ ލީގެއްގައި ސޮލޮޓް ހަމަވާނީ."

9 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

18 July 2021

އަޅުގަނޑުވެސް ބުނާނީ މާލޭމީހުން 4 ޑިއުސަން ކުޅެއް ބައިތިއްބާފަ! ރާއްޖެތެރެ އުތުރާ ދެކުނުން ޒޯންތަކައް ބަހާލާފަ ކޮންމެ އަހަރަކުވެސް އަވަހައް މުބާރާއް ކުޅި ނިއްމަންވީހެން އެއިރުން ރިސޯޓުގަ ތިބޭ ޒުވާނުނައްވެސް މުބާރާއް ނިއްމާފަ އަނބުރާ ވަޒީފާޔައްދެވޭނެ! މިގައުމުގެ އާބާދީ ތަނޤނުދޭ ބޯޅަކުގެން ކައިގެން ބޮއިގެން އުޅޭކައް! އެގޮތައް މާލޭމީހުނައް ހީވެގެން ބޭރުން ކުޅުންތެރިން ގެނެސް ކުލަބު ތައްހަދާ ފައިސާ ނުދޭތި ދިވެހި ފުޓުބޯޅަގަ ފޯރިނެތީ

The name is already taken The name is available. Register?

ޟާނު

18 July 2021

3 ޑިވިސަނަށްވެސް މިއުޅެނީ މާލޭގަވެސް ލީގެއް ނުގެންދެވިގެން 2000 ހަމަ ނުވާ ތަންތާ ތިބުނާ 4 ޑިވިސަނަށް ބަހއިގެން ކުޅެނީ ކޮން ބައެއްލައްވާ ވަޒީފާ ދޫކޮށްފަ ގޮސް ފުޓްބޯޅަ ކުޅެވޭބާ އެއްޓީމު ބައިވެރިވާ އިރުވެސް މުބާރާތް ކުރިޔަށް ނުގެންދެވޭ އާބާދީ ބޮ ޑެތި ގައުމުތަކުގަ މުބާރަތް ކުޅޭހެން ރާއްޖޭގަ ކުޅެވޭބާ

The name is already taken The name is available. Register?

އޮގަރޭ.

16 July 2021

ކީއްކުރަން 4 ވަނަޒޯނެއް ހަދާ މާލޭގެ ޓީމް ތައް ވަކި ޒޯނެއްގެ ގޮތުގައި ބާއްވަންވީ ؟؟ ކަލޭމެން އަދި ވެސް ތިއުޅެނީ ބާރުތައް ދޫކޮށްލާން ބިރުންތަ ؟ މާލޭ ޓީމް ތަކަށް މިގޮތަށް ޙާއްސަކަމެއް ދޭނަމަ ހޯމްއަވޭ ކުޅުނު ކަމުގައި ވިޔަސް އިންސާފުވެރިކަމާއި އެކު ތިޔަ މުބާރާތް ކުރިއަކަށް ނުދާނެ. އެހެން ވިމާ އެމީހުނަށް ތިޔަ ލީގު ދޫކޮށްލާފައި އުތުރާއި ދެކުނުގައި ވަކި މުބާރާތެއް ބޭއްވުން މާ ރަނގަޅުވާނެ.

The name is already taken The name is available. Register?

ޝޯމޭން

16 July 2021

ދެން ތިހާބޮޑަށް ރީޖަންސް އަށް ބަހައިގެން ބޮޑު ގައުމީ ލީގެއް ބާއްވާއިރު ކޮންމެ ކޮންމެ ނަމެއް ޓީމަށް ކިޔައިގެން ތި ލީގުގަ ބައިވެރި ކުރީމަ އެހާ ހަމައެއް ނުޖެހޭނެކަން ހަނދާން ބަހައްޓާތި. ވިކްޓަރީ ވެލެންސިޔާ ކަހަލަ ނަންނަމަކީ ޒަމާންވެފަ ހުރި ނަންނަމަށް ވިޔަސް ބޭނުންކޮށްފަ ހުރި ޓާމްސް އަށް ބަލާފަ އެއީކީ ރީޖަން ސްޕެސިފިކް ޓާމްސް އެއް ނޫން. އެހެންވީމަ ރަށުގެ ނުވަތަ އަވަށެއްގެ ނަން ޓީމުން ރިޕްރެޒެންޓު ނުވަންޏާ ތި ގައުމީ ލީގެއް ގޮތުގަ އެހާހަމައެއްނުޖެހޭނެ.

The name is already taken The name is available. Register?

ދިއްދޫ ކޯޗު

16 July 2021

އެއްވަނަ ޑިވިޝަނާއި 2 ވަނަ ޑިވިޝަން އަދި 3 ވަނަ ޑިވިޝަން ހެދުމުގެ ބޭނުމަކީ މާލޭ ޓީމް ތަކާއި އެހެން ރަށްރަށުގެ ޓީމް ތަކަށް ވާދަނުކުރެވޭ ގޮތް ހެދުން. އެހެން ނޫންނަމަ ކީއްކުރަން މިވަގުތު ހަދާ ޑިވިޝަން ތަކެއްތަ؟ ކޮންމެ ރަށަކުން ޓީމް ތައް ބައިވެރިކޮށްގެން 3ރީޖަނުގައި ލީގެއް ބާއްވާ އެތަނުން އެންމެ މޮޅު 6 ޓީމް ޕްރިމިއަރ ލީގު ގައި ކުޅޭ ގޮތަށް އުތުރުން 6 ޓީމް މެދު ރާއްޖެ ތެރެއިން 6 ޓީމް އަދި ދެކުނުން 6 ޓީމް ހޯމް އަވޭ އަށް ކުލެން ހަދާބަލަ.

The name is already taken The name is available. Register?

ރަފައިދާ ބިން ތިސޯރަސް ބިން ސޯދުބޭ

16 July 2021

ހާދަ ކޮމްޕްލިކޭޓަޑޭ. ތިހާ ބައިވަރު ޑިވިޝަން ބާއްވަންޖެހޭބާ އާބާދީ އެހާ ކުޑައިރު؟ 2 ޑިވިޝަން ބާއްވަން އޯކޭ ކޮންމެ ޒޯނަކުންވެސް އެކަމް ފުރަތަމަވެސް ބޮޑުތަނުގަ ހިފާފަ ފަށަން އެ ދިމާކުރަނީ.

The name is already taken The name is available. Register?

ޠުިޮ7ޔތރ

15 July 2021

ހުސް ފޮނި

The name is already taken The name is available. Register?

ޝުކުރިއްޔާ2021

15 July 2021

ތިހުރިހާ ޑިވިޝަނެއްގަ ކުޅެން ތިބީ އެއްޓީމުތަކެއް. އެއް ކުޅުންތެރިންތަކެއް. މިލިޔަނުން ކުޅޭމީހުން ތިބި ތަނެއް ނަމަ ރަނގަޅު ދިހަ ބާރަ ޑިވިޝަން ހަދަން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 July 2021

ވަރަށް ރަނގަޅު ވާހަކައެއް. ހޯމްއަވޭ ތައާރަފުކޮށް ތުރާކުނުން އައްޑުއަށް ލީޤު ތައާރަފު ކުރާއިރު މިކަން ކާމިޔާބުވާނެގޮތަކަށް ކަންކަން ރާވަންޖެހޭ. # މާލޭމީހުން ކުރާކަމެއްގައި އެމީހުނަށް އެޑްވާންޓޭޖް އޮންނަގޮތަށް ކަންކަން ކުރަމުންދާ އުސޫލުން މިކަމުގައިވެސް ޒޯންތައް ބަހާލާފައިވާގޮތް އެންމެ ގޯސްނޫންކަމަށް ބެލެވިދާނެ. # ނަމަވެސް މުބާރާތް ފައްޓާ 3 ނުވަތަ 5 އަހަރުގައި 3 ޑިވިޝަން ހެދުމުގެ ބަދަލުގައި ލީގެއްގެ ގޮތުގައި ޒޯނު މުބާރާތް ބޭއްވުން ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454