ބާސެލޯނާ (ޖުލައި 27) - އެފްސީ ބާސެލޯނާ އާއި އެ ޓީމުގެ ކުރީގެ ފޯވަޑް ނޭމާއާ ދެމެދު ހަތަރު އަހަރު ވަންދެން ކޯޓުގެ މަރުހަލާގައި އޮތް މައްސަލަ ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ކޮށްފި އެވެ.

ބާސާ ދޫކޮށް ނޭމާ، ޕީއެސްޖީ އަށް ބަދަލުވީ 2017 ގަ އެވެ. ޕީއެސްޖީ އަށް ނޭމާ ބަދަލުވީ ބާސާއާ އެކު އާ އެއްބަސްވުމުގެ ކޮންޓްރެކުޓް އާ ކުރި ފަހުންނެވެ. އާ ކޮންޓްރެކްޓުގައި ސޮއިކުރީ އޭނާ އަށް 70 މިލިއަން ޑޮލަރު ދޭން ބާސާ އިން އެއްބަސްވުމުންނެވެ. އޭގެ ދުވަސްތަކެއް ފަހުން ނާމޭ ވަނީ 222 މިލިއަން ޑޮލަރަށް ޕީއެސްޖީއަށް ބަދަލުވެފަ އެވެ.

ބާސާ އިން އެ ފައިސާ ނުދޭތީ، ނޭމާ ވަނީ ޕީއެސްޖީ އަށް އޭނާ ބަދަލުވި ފަހުން މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. ބާސެލޯނާގައި ހުންނަ ކޯޓަކުން ވަނީ ބާސާއާ އެއްކޮޅަށް މައްސަލަ ނިންމައިފަ އެވެ.

ނަމަވެސް ނޭމާގެ ފަރާތުން ކޯޓުގެ ނިންމުން އިސްތިއުނާފު ކުރި އެވެ. އެ މަރުހަލާގައި ވަނިކޮށް އިއްޔެ ބާސާ އިން ބުނީ، ދެ ފަރާތް އެއްބަސްވެ މައްސަލަ ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.