ބާސެލޯނާ (އޮކްޓޫބަރު 29) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ދައުވާ އިން އޭނާ ސަލާމަތްވެއްޖެ އެވެ.
ނޭމާ އާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ 2013 ވަނަ އަހަރު ސަންޓޯސް އިން ބާސެލޯނާ އަށް ބަދަލުވި މައްސަލައިގެ ޝަރީއަތެއްގަ އެވެ.
ސްޕެއިންގެ ޕީޖީ އިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ނޭމާ އަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކާ އެކު 10 މިލިއަން ޔޫރޯ (8.6 މިލިއަން ޕައުންޑް) އިން ޖޫރިމަނާއެއް ކުރާށެވެ. ނަމަވެސް ފަހުން ޕީޖީ އިން ވަނީ ކުރެވުނު ހުރިހާ ތުހުމަތުތަކަކާއި ދައުވާތަކެއް އިއްޔެ ބާތިލް ކޮށްފަ އެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ތެރޭގައި ނޭމާގެ މައިންބަފައިންނާއި ބާސެލޯނާގެ ކުރީގެ ރައީސުން ކަމަށްވާ ޖޯސެފް މާރިއާބާޓޮމެއޫ އާއި ސަންޑްރޯ ރޮސެލް ގެ އިތުރުން، ސަންޓޯސްގެ ކުރީގެ ރައީސް އޮޑިލިއޯ ރޮޑްރިގޭޒް ހިމެނެ އެވެ.
ނޭމާ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފައި ވާއިރު، އޭނާ ބުނެފައި ވަނީ ޓްރާންސްފާގެ މަޝްވަރާތަކުގައި އޭނާ ބައިވެރިވި ކަން ހަނދާނުގައި ނެތް ކަމަށް ބުނެފަ އެވެ. ބްރެޒިލްގެ ސަންޓޯސް އިން ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވާން ދެ ކުލަބުން 2011 ވަނަ އަހަރު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ޑީލް ފުރިހަމަ ވީ 2013 ވަނަ އަހަރު ނޭމާ ބާސާއާ ގުޅުމުންނެވެ.
އުމުރުން 17 އަހަރުގައި ނޭމާގެ ހައްގުތަކުގެ %40 ހިއްސާ 2 މިލިއަން ޔޫރޯ އަށް ހޯދި އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ޑީއައިއެސް އިން ބުނެފައި ވަނީ، ބާސެލޯނާއިން އެއްބަސްވި ޓްރާންސްފާ ފީގެ އަގު ދަށް ވުމުން ގެއްލުން ވި ކަމަށެވެ. އެ ކުންފުނީގެ ގާނޫނީ ވަކީލު ޕައުލޯ ނާސިރު ވިދާޅުވީ، ނޭމާ އަށް 60 މިލިއަން ޔޫރޯ ހުށަހެޅި ކުލަބުތައް ތިބި ކަމަށެވެ.
ބާސެލޯނާ އިން ހާމަ ކުރާ ގޮތުގައި ނޭމާގެ ޓްރާންސްފާ ފީ އަކީ 57.1 މިލިއަން ޔޫރޯ ކަމަށާއި، އޭގެ ތެރެއިން 40 މިލިއަން ދިނީ ނޭމާގެ އާއިލާއަށް ކަމަށެވެ. އަދި ސަންޓޯސް އަށް ދެއްކި ބާކީ 17.1 މިލިއަން ޔޫރޯގެ 40 ޕަސެންޓަށް ވާ ފައިސާ ޑީއައިއެސް އަށް ލިބިފައި ވާ ކަމަށެވެ.
ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ވަނީ ދުނިޔޭގެ ރެކޯޑް ފީ އެއް ކަމަށްވާ 222 މިލިއަން ޔޫރޯ (220 މިލިއަން ޕައުންޑް) އަށް ޕީއެސްޖީ އަށް ބަދަލު ވެފަ އެވެ.
މި މައްސަލައިގައި ޕީޖީއާ ހަމައަށް ދިޔައީ، 2017 ވަނަ އަހަރު ނޭމާ ސްޕެއިންގެ ހައިކޯޓުގައި ކުރި އިސްތިއުނާފުން ނާކާމިޔާބު ވުމުންނެވެ.
ޑީއައިއެސް އިން އެދިފައި ވަނީ ނޭމާ އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށާއި، ބާޓޮމެއު އާއި ރޮސެލް ވެސް ޖަލަށް ލައި، ޖޫރިމަނާގެ ގޮތުގައި ޖުމްލަ 149 މިލިއަން ޔޫރޯ ހޯދާށެވެ. ޕީޖީ އިން މަސައްކަތް ކުރީ ރޮސެލް އަށް ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު އިތުރު 8.4 މިލިއަން ޔޫރޯ އިން ބާސެލޯނާ ޖޫރިމަނާ ކޮށް، ނޭމާ ދެ އަހަރަށް ޖަލަށް ލައި، 10 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކުރާށެވެ.
އެހެން ނަމަވެސް ނޭމާގެ އާއިލާ ތަމްސީލު ކުރާ، ބޭކާ މެކްކަޒީން ލޯ ފާމްގެ ވަކީލުން ބުނެފައި ވަނީ، މިއީ ސްޕެއިން އިން ބޭރުގައި ބްރެޒިލްގެ ރައްޔިތުންގެ ދެމެދު ހިންގާފައިވާ މުއާމަލާތްތަކަކަށް ވެފައި، ސްޕެއިންގެ ކޯޓުތަކަށް "ނޭމާ އާއިލާ އާއި އެމީހުންގެ ކުންފުނި އެން އެންޑް އެންއާ ދެކޮޅަށް ދައުވާ ކުރުމުގެ އިހްތިސާސް ނެތް" ކަމަށެވެ.
އަދި ތުހުމަތު ކުރެވޭ ޖަރީމާތަކަކީ ބްރެޒިލްގައި އަދަބު ލިބޭނެ ކަންކަން ނޫން ކަމަށް ވެސް އެބޭފުޅުން ފާހަގަކުރެއްވި އެވެ.-- ބީބީސީ