ކެޓަލޫނިއާ (އޮކްޓޯބަރު 19) - ބާސެލޯނާގެ ރައީސް ކަމުގައި ހުރި ދުވަސްވަރު، ކުޅުންތެރިންގެ ބަހަށް ބަރޯސާވެ، ޓީމު ކޮޅަށް ޖަހަން އިތުރު މަސައްކަތްތަކެއް ނުކުރެވުމުން އެކަމާ ހިތާމަކުރާ ކަމަށް އެޓީމުގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.
ބާސެލޯނާ ނިސްބަތްވާ ސްޕެއިންގެ ކެޓަލޫނިއާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު އެއްގައި ބާޓޮމެއޫ ވިދާޅުވީ ޗެމްޕިއަންސް ލީގުގައި 2019 ވަނަ އަހަރު ލަދުވެތި ގޮތަކަށް ލިވަޕޫލް އަތްދަށުވި މެޗަށް ފަހު، ކުރިމަގަށް ޓީމެއް ބިނާކުރުމުގެ މަސައްކަތް އޮތީ ފަށަން ޖެހިފައި ކަމަށެވެ.
"ލިވަޕޫލް އަތުން ބަލިވި މެޗަށް ފަހު ކަންކަން ދިރާސާ ކޮށް އެކަން ހައްލުކުރަން ނޫޅެވުނީ އެއީ އަހަރެންގެ ކުށެއް. ކުރިޔަށް އޮތް ޖީލަށް އާ ޓީމެއް ބިނާކުރުމުގެ މަސައްކަތް ކުރަން ޖެހިފައި އޮތީ،" ބާޓޮމެއޫ ވިދާޅުވި އެވެ.
"އަހަރެން އެހީ ކުޅުންތެރިންގެ އަޑު، އެއީ ގޯސްކޮށް ދިޔަ ކަމެއް. ފައިސާގެ ގޮތުން ވެސް ދަތިތަކެއް ހުއްޓާ އަނެއްކާ ބޯމަތި ކޮށްލީ މި ޕެންޑަމިކް (ކޮވިޑް19)."
ބާޓޮމެއޫ ވަނީ އޭނާގެ ރައީސް ކަމުގެ ދައުރުގެ ފަހު ކޮޅު ބާސެލޯނާއަށް ކިލިއަން އެމްބާޕޭ ވެސް ގެންނަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވި އެވެ.
"އެމްބާޕޭ (ބާސެލޯނާއަށް) ސޮއިކުރުމާ ގާތަށް ދިޔަ. އެކަމަކު ކޯޗުން ބޭނުންވީ ޑެމްބެލޭ. އަހަރެމެން ސޮއިކުރުވި ބައެއް ކުޅުންތެރިންނަށް ކުލަބުގެ އުންމީދުތަކާ އެއްވަރަށް ކުޅުމެއް ނުދެއްކުނު. ގިނަ ހަރަދުތަކެއް ކުރެވުނީ،" ބާޓޮމެއޫ ވިދާޅުވި އެވެ.
"ކުޓީނިއޯ ގެނައީ އިނިއެސްޓާ ޓީމު ދޫކޮށް ދާތީވެ. އޭނާ އެއީ އޭރު އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ. ޑެމްބެލޭ ގެނައީ ނޭމާ ޓީމު ދޫކޮށްލުމުން. މި ދެ ކުޅުންތެރިންގެ ސޮއި ހޯދުމުން ގިނަ ބަޔަކު ތައުރީފް ކުރި."
މީގެ އިތުރުން ބާޓޮމެއޫ ބުނީ، ގްރީޒްމަން ގެންނަން އަހަރެއް ވަންދެން ކޯޗުން ލަފާ ދިން ކަމަށާއި، ކޯޗުން ދެކޭ ގޮތުގައި ލުއިސް ސުއަރޭޒް އިންޖަރީވާއިރު އޭނާ ނެތްތަން ފޫބައްދަން އެންމެ ރަނގަޅު ކުޅުންތެރިއަކީ ގްރީޒްމަން ކަމަށެވެ.
ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ޓީމު ދޫކޮށްލުމާ ގުޅިގެން އެ ޓީމަށް މިހާރު ވަނީ ފަހުގެ ތާރީހެއްގައި ނުވާހާ ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާން ޖެހިފަ އެވެ.
"މެސީ ޓީމު ދޫކޮށްލުމުން ގިނަ މައްސަލަތަކެއް ކުރިމަތިވި. އަހަރެމެންނަކީ ކުޅުންތެރިން ގަންނަ ކުލަބެއް. ވިއްކާ ކުލަބެއް ނޫން،" ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ޓީމު ދޫކޮށްލުމާ ގުޅޭ ގޮތުން ބާޓޮމެއޫ ވިދާޅުވި އެވެ.
"އަހަރެން 2020 ވަނަ އަހަރު މެސީ ޓީމުގައި ބަހައްޓަން ވަރަށް މަސައްކަތް ކުރިން. އޭރު އޭނާ ޓީމު ދޫކޮށްލަން ބޭނުންވި. އެކަމަކު ފަހުން ޓީމުގައި މަޑުކުރަން ނިންމުމުން ވެސް މަޖުބޫރުވީ ޓީމު ދޫކޮށްލަން. ޗެމްޕިއަންސް ލީގުގައި އަހަރެމެންގެ (ބާސެލޯނާގެ) ވާދަވެރި ކްލަބަކަށް އޭނާ ދުލެއް ނުކޮށްލެވޭނެ."
"ނޭމާ، ލުއިސް ފީގޯ، ރިވާލްޑޯ ފަދަ ކުޅުންތެރިންނާ މެސީ މުޅިން ތަފާތު. އޭނާއަކީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށް ވުމަކީ ހައިރާން ވާން ޖެހޭވަރު ކަމެއް ނޫން. ޖުލައި 2020 ގައި މެސީ ބާސެލޯނާގައި އިތުރު ދެ އަހަރު މަޑުކުރަން އެއްބަސް ވެވުނު. އެކަމަކު ފަހުން ޓީމު ދޫކޮށްލަން ނިންމީ ކީއްވެ ކަން މެސީ ގާތުން އޮޅުން ފިލުވަން ޖެހޭ."
ބާޓޮމެއޫ ވިދާޅުވީ، މިހާ ހިސާބުން އަދި ބާސެލޯނާ ދޫކޮށް ނުލާނެ ކަމަށާއި، އަލުން ބާސެލޯނާގެ ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށެވެ.
"އަހަރެން އަދި އަލުން އިންތިހާބުގައި ވާދަ ކުރާނަން. މި ކުލަބުގައި 12 ސީޒަން މަސައްކަތް ކުރިން. ޔޮއާން ލަޕޯޓާ އާއި ސަންޑްރޯ ރޮސެލްގެ ރައީސްކަމުގެ ދައުރުގައި ވެސް. އެއަށް ފަހު އަހަރެން ވެސް ރައީސަކަށް ހުރިން. މި ހުރިހާ ކަމަކަށް ވިހަލީ ކޮވިޑް-19" ބާޓޮމެއޫ ވިދާޅުވި އެވެ.