ބާސެލޯނާ (އޮކްޓޫބަރު 28) - އޭނާގެ އިތުބާރު ކަމުގެ ވޯޓެއް ނަގަން ބާސެލޯނާގެ އާންމު މެމްބަރުން ތައްޔާރުވަމުން ދިޔަ ނަމަވެސް މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ވިދާޅުވިތާ ދެ ދުވަސް ވެސް ނުވަނީސް ޕްރެޝަރު ބޮޑުވެ ބާސެލޯނާގެ ރައީސްގެ މަގާމުން ޖޯސެފް ބާޓޮމެއު އިސްތިއުފާ ދީފި އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ބާސެލޯނާގެ ބޯޑު މެމްބަރުންގެ ބައްދަލުވުމަށް ފަހު ބާޓޮމެއު މަގާމުން އިސްތިއުފާ ދޭނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އެ ދުވަހު އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދިނުމުގެ ހިޔާލެއް އަދި ނާންނަ ކަމަށާއި މަގާމުން އަމިއްލަ އަށް ވަކިނުވާނެ ކަމަށެވެ. އެ ދުވަހު ބާސެލޯނާގެ ބޯޑުން ވަނީ ކްލަބްގެ ލީޑަޝިޕްގެ އިތުބާރު ނެތް މައްސަލައިގެ ވޯޓު ނެގުން މި ވަގުތަށް މަޑުޖައްސާލަން ކެޓަލޫނިއާ ސަރުކާރަށް ހުށަހަޅައިފަ އެވެ. އެކަމަކު ބާސެލޯނާގެ އާންމު މެމްބަރުންގެ ރޫހާ ހިލާފަށް އެކަން ނުކޮށްދޭން ކެޓަލޫނިއާ ސަރުކާރުން ނިންމުމާ ގުޅިގެން ބާސެލޯނާގެ ރައީސްގެ މަގާމުން ބާޓޮމެއު އާއި އޭނާގެ ބޯޑު މެމްބަރުން އިސްތިއުފާ ދޭން މަޖުބޫރުވީ އެވެ.
ބާސެލޯނާގެ ހިންގާ ބޯޑުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން ހުށަހެޅޭނީ މަދުވެގެން 16،000 މެމްބަރުންގެ ސޮޔާ އެކު އެވެ. ބާސެލޯނާގެ ސަޕޯޓަރުންގެ ގްރޫޕުން (އާންމު މެމްބަރުން) އިސްވެ ހިންގި ހަރަކާތުގައި ޕެޓިޝަން ހުށަހެޅީ 20,687 މެމްބަރުންގެ ސޮޔާ އެކު އެވެ. ބާސެލޯނާ އިން ވަނީ 16،250 ސޮއި ކަށަވަރުކަމަށް ނިންމައި އިތުބާރު ނެތް ކަމުގެ ވޯޓު އަންނަ މަހު ކުރީކޮޅު ނަގަން ވާހަކަތައް ފަށައިފަ އެވެ. އެކަން ހުއްޓުވޭނެ އެތައް ގޮތެއް ބާޓޮމެއުގެ ފަރާތުން ބެލި ނަމަވެސް އެކަން ހާސިލް ނުވެ އެންމެ ފަހުން އޭނާ މަގާމު ދޫކޮށްލަން މަޖުބޫރުވީ އެވެ.
މިހާރު އޮތްގޮތުން ދެން އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގޮސް ސީދާ ބާސެލޯނާގެ އިންތިހާބު ބާއްވަން ވަނީ މަގުފަހިވެފަ އެެވެ. ކުރިން އޮތްގޮތުން އިންތިހާބު ބާއްވަން އޮތީ އަންނަ އަހަރު މާޗް މަހު އެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުނީ ކްލަބްގެ ހާލަތު އިންތިހާ އަށް ދަށަށްދާތީވެ ވީ އެންމެ އަވަހަށް ކްލަބްގެ ހާލަތު ބަދަލުކޮށް ބާޓޮމެއު ކޮށްފައިވާ ގޯސް ކަންތައްތައް ތަހުގީގުކުރުމުގެ ގޮތުންނެވެ.
ބާޓޮމެއުއާ މެދު ބާސެލޯނާގެ ސަޕޯޓަރުން (އާންމު މެމްބަރުން)ގެ ކެތްތެރިކަން ކޮޅުންލީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ކްލަބްގެ ފަރާތުން ގޯސް ގިނަ ނިންމުންތަކެއް ފެނިގެންދިޔުމުންނެވެ. އެ ގޮތުން ބާސެލޯނާގެ ކޯޗުގެ މަގާމުން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ކީކޭ ސެޓިއެން ހަމަޖައްސައި ފަހުން އޭނާ ވެސް ވަކިކުރުމާއި ބާސެލޯނާގެ ކުރީގެ އާއި މިހާރުގެ ކުޅުންތެރިންގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ބާސެލޯނާގެ ބޯޑް މެމްބަރުންގެ އެއްބާރުލުމާ އެކު އެޖެންސީއެއް މަސައްކަތްކުރިކަމަށް ދެކެވުނު ވާހަކަތަކާއި މި އަހަރު ބާސެލޯނާގެ ބޯޑުގައި ތިބި ހަ މެމްބަރުން ކުއްލިއަކަށް އިސްތިއުފާ ދިނުން ހިމެެނެ އެވެ.
އެކަމަކު މި ހުރިހާ ކަމަކަށް ވުރެން ބޮޑުވީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ޓީމު ދޫކޮށްލަން ނިންމައި ކްލަބްގެ މެނޭޖްމަންޓާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރި ހިސާބުންނެވެ. މެސީ ރަސްމީކޮށް ކްލަބް ބަދަލުކުރަން ބޭނުންވާކަން ހާމަކުރުމުން ވެސް އެގްރީމެންޓުގައި ހުރި ވަކި މާއްދާތަކަކަށް ރިއާޔަތްކޮށް ބާސެލޯނާ އިން ވަނީ މެސީ މަޑުކުރުވައިފަ އެވެ. މެސީ ބުނީ ކްލަބްގައި މަޑުކުރަން ބޭނުންވީ އޭނާ ލޯބިވާ ކްލަބެއް ގޮވައިގެން ކޯޓަށް ދާން ބޭނުންނުވާތީ ކަމަށެވެ. މެސީއާ މެދު ބާސެލޯނާގެ މެނޭޖްމަންޓުން ކަންތައް ކުރި ގޮތުން ކުރީގެ ކުޅުންތެރިންނާއި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްދިޔަ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
ބާސެލޯނާގެ ކުރީގެ ރައީސް ސަންޑްރޯ ރޮސެލްގެ ގާތް މީހެއްގެ ގޮތުގައި ކްލަބްގެ ނައިބު ރައީސެއްގެ މަގާމަށް 2010 ވަނަ އަހަރު އިންތިހާބުވި ބާޓޮމެއު ކްލަބްގެ ރައީސްކަމާ ހަވާލުވީ 2014 ވަނަ އަހަރު ރޮސެލް މަގާމުން އިސްތިއުފާ ދޭން ޖެހުމުންނެވެ. ރޮސެލް މަގާމުން އިސްތިއުފާ ދިނީ ސަންޓޯސް އިން ނޭމާ ގަތުމުގައި އުސޫލުން ބޭރުން ކަންތައްތަކެއް ކޮށްފައިވާކަން ފަޅާ އެެރުމުންނެވެ.