ބާސެލޯނާ (އޮކްޓޫބަރު 27) - ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ދިޔަ ނަމަވެސް އެ މަގާމުން އިސްތިއުފާދޭން ނުވިސްނާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ބާސެލޯނާގެ ހިންގާ ބޯޑުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން ހުށަހެޅޭނީ މަދުވެގެން 16000 މެމްބަރުންގެ ސޮޔާ އެކު އެވެ. ބާސެލޯނާގެ ސަޕޯޓަރުންގެ ގްރޫޕުން (އާންމު މެމްބަރުން) އިސްވެ ހިންގި ހަރަކާތުގައި ޕެޓިޝަން ހުށަހެޅީ 20,687 މެމްބަރުންގެ ސޮޔާ އެކު އެވެ. ބާސެލޯނާ އިން ވަނީ 16250 ސޮއި ކަށަވަރުކަމަށް ނިންމައި އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށްގެންދަން ނިންމައިފަ އެވެ. މިހާރު މަސައްކަތްކުރަމުން އަންނަނީ އަންނަ މަހު ކުރީކޮޅުގައި ވޯޓުގެ ކަންތައްތައް ފުރިހަމަކުރާށެވެ. ސްޕެއިނުގައި ކޮވިޑް-19ގެ ކަންތައްތައް ކޮންޓްރޯލްކުރެވިގެންދާ ގޮތަކުން ވަރަށް އަވަހަށް އިތުބާރު ނެތްކަމުގެ ވޯޓުގެ ކަންތައްތައް ޝެޑިއުލްކުރެވިގެންދާނެ އެވެ.
އިއްޔެ އޮތް ބާސެލޯނާގެ ބޯޑު މެމްބަރުންގެ ބައްދަލުވުމުގައި ބަޓޮމެއު މަގާމުން އިސްތިއުފާދޭނެ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރުމުން ބާޓޮމެއު ވަނީ އެކަން ދޮގުކޮށްފަ އެވެ. ބާޓޮމެއު ވިދާޅުވީ އޭނާގެ ވިސްނުމުގައި ބާސެލޯނާގެ ޕްރޮޖެކްޓްތަކެއް އެބަހުރި ކަމަށާއި އެކަން އެހެން ހުއްޓައި އިސްތިއުފާ ނުދޭނެ ކަމަށެވެ.
"އަހަރެންގެ ހިޔާލަކަށް ވެސް ނާދޭ އިސްތިއުފާ ދޭކަށެއް. މިހާރު ކްލަބްގައި މި އޮތީ އަހަރެން ވަރަށް ޝައުގުވެރިވާ ޕްރޮޖެކްޓެއް. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން އެކުވެގެން އަންނަ އެއްޗެއް މިއީ. ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން އެ ހުރީ މެސީ،" ބާޓޮމެއު ވިދާޅުވި އެވެ.
"އިތުބާރު ނެތް މައްސަލައިގެ ވޯޓުގައި ނިންމާ ނިންމުމަކަށް މަރުހަބާ ކިޔާނަން."
މިހާރު އޮތްގޮތުން ބާސެލޯނާގެ އިންތިހާބު ތާވަލުކޮށްފައި އޮތީ އަންނަ އަހަރު މާޗް އަށެވެ. އެކަމަކު ބާޓޮމެއު އިތުބާރު ނެތްކަމަށް ވޯޓުން ކަނޑައަޅައިފިނަމަ އިންތިހާބު އަވަސްވާނެ އެވެ. މިދިޔަ އަހަރު ބާސެލޯނާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބާޓޮމެއު ވަނީ އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ބާސެލޯނާ ރައީސް ކަމަށް ވާދަކުރައްވާ ގިނަ ކެންޑިޑޭޓުން ވަނީ ބާޓޮމެއުގެ ދައުރުގައި ހިނގާފައިވާ ކަންތައްތައް ތަހުގީގުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ބާސެލޯނާގެ ރައީސްކަމުން ވީ އެންމެ އަވަހަކަށް ބާޓޮމެއު ދުރުކުރަން ގިނަ ކެންޑިޑޭޓުން ތާއީދުކުރާ ސަބަބަކީ ކްލަބްގެ ކަންތައްތައް އަވަހަށް ރަނގަޅުކުރުމަށެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ކްލަބަށް ރަސްމީކޮށް އަންގާފައިވަނިކޮށް އޭނާ ހުއްޓުވީ ބާސެލޯނާ އިންނެވެ. މެސީ ވެސް ވަނީ އޭނާ ކްލަބް ދޫކޮށްލަން ބޭނުންވާކަން ބާޓޮމެއު ގާތުގައި ކުރިން ބުނިކަމަށް ވެސް ބުނެފަ އެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް ބާޓޮމެއު ވިދާޅުވީ މެސީ މަޑުކުރުވީ އުސޫލުގެ ތެރެއިން ކަމަށާއި އެއީ ފުޓްބޯޅައިގެ ނިންމުމެއް ކަމަށެވެ.
"ކްލަބް ބަދަލުކުރަން ބޭނުންވާކަން ހާމަކުރަން މެސީ އަށް އޮތް ޑެޑްލައިނެއް. އޭގެ ކުރިން އޭނާ އެކަމެއް ނުުކުރާކަން އެނގެން އޮތީ. ބައެއް ވާހަކަތައް ދެކެވުނު ކްލަބްގެ މާލީ ހާލަތު ރަނގަޅުކުރަން އަހަރެން މެސީ ވިއްކާލަން ނިންމި ކަމަށް. އެކަމަކު އެއީ ވެސް ހަގީގަތެއް ނެތް ވާހަކައެއް. އެކަން އެނގެން އެ އޮތީ މެސީ އެ ހުރީ ބާސެލޯނާގައި. އަހަރެމެން އެންމެން ބޭނުންވަނީ މެސީ ބާސެލޯނާގައި ހުރެ ރިޓަޔާކުރަން. އަހަރެންގެ އުއްމީދަކީ މެސީ ލައިގެން މި ސީޒަނުގައި ބާސެލޯނާ ތަށްޓެއް ހޯދުން،" ބާޓޮމެއު ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެލްކްލަސިކޯ މެޗުން ބާސެލޯނާ ބަލިވުމުން އެ ކްލަބްގެ ކޯޗު ރޮނާލްޑް ކޫމަން އާއި ބާސެލޯނާގެ ބޯޑު މެމްބަރުން ވަނީ އެ ކްލަބާ ދެކޮޅަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ނިންމުންތައް ގިނަވަމުން އަންނާތީ ވީއޭއާރް އަކީ އެ ޓީމާ ދެކޮޅަށް އޮތް ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބާޓޮމެއު ވިދާޅުވީ ވީއޭއާރްގެ މައްސަލަތަކުގައި ބާސެލޯނާ އިން މިހާރު ވާނީ ސްޕެނިޝް ލީގުގައި ވީއޭއާރް ބޭނުންކުރަމުން އަންނަ ގޮތްތަކުގެ ތަފްސީލެއް ލިޔުމުން ދޭން އެދިފައި ކަމަށާއި އެކަން އެގޮތަށް ކުރަން ޖެހުނީ ތަކުރާރުކޮށް އެކި ގޮތަށް ބާސެލޯނާއާ ދެކޮޅަށް ނިންމުންތައް އަންނާތީ އެކަން ހިނގަމުން އަންނަ ކަމެއް އޮޅުންފިލުވުމަށް ކަމަށެވެ.