ބާސެލޯނާ (އޮކްޓޫބަރު 20) - ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓެއް ނަގަން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައި އެ ކްލަބްގެ އާންމު މެމްބަރުންގެ ކޮންޓްރޯލް ގެއްލޭ ފަދަ ވިޔަފާރި ޑީލެއް ބާސެލޯނާގެ މިހާރުގެ ލީޑަޝިޕުން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާގެ ހިންގާ ބޯޑުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން ހުށަހެޅޭނީ މަދުވެގެން 16000 މެމްބަރުންގެ ސޮޔާ އެކު އެވެ. ބާސެލޯނާގެ ސަޕޯޓަރުންގެ ގްރޫޕުން (އާންމު މެމްބަރުން) އިސްވެ ހިންގި ހަރަކާތުގައި ޕެޓިޝަން ހުށަހެޅީ 20,687 މެމްބަރުންގެ ސޮޔާ އެކު އެވެ. ބާސެލޯނާ އިން ވަނީ 16250 ސޮއި ކަށަވަރުކަމަށް ނިންމައި އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށްގެންދަން ނިންމައިފަ އެވެ. މިހާރު މަސައްކަތްކުރަމުން އަންނަނީ އަންނަ މަހު ކުރީކޮޅުގައި ވޯޓުގެ ކަންތައްތައް ފުރިހަމަކުރާށެވެ.

އިތުބާރު ނެތްކަމުގެ ވޯޓުގެ ވާހަަކަތައް ދެކެވެމުންދަނިކޮށް ބާސެލޯނާގެ ރައީސް ބާޓޮމެއު ދާދި ފަހުން ވަނީ ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިގެ 30 ޕަސެންޓް އުނިކުރަން ހުށަހަޅައިފަ އެވެ. އެކަމަކު ކުޅުންތެރިން ވަނީ އެ ހުށަހެޅުމަށް ފުރަގަސްދީފަ އެވެ. އެހެންވެ ބާޓޮމެއު މިހާރު އަންނަނީ ބޯޑު މެމްބަރުންގެ ރުހުމާ އެކު އެހެން ވިޔަފާރި ޑީލެއް މަޝްވަރާކުރަމުންނެވެ.

ދާދި ފަހުން ބާސެލޯނާ އިން އާންމުކުރި ކްލަބްގެ މާލީ ރިޕޯޓްތަކަށް ބަލާއިރު ކްލަބްގެ ދަރަނި މިދިޔަ އަހަރު ހުރި 255 މިލިއަން ޑޮލަރު މި އަހަރުގެ ޖޫންއާ ހަމައަށް އައިއިރު ވަނީ 574 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މިދިޔަ ސީޒަނަށް ވަކިން ލިބުނު މާލީ ގެއްލުން އުޅެނީ 114 މިލިއަން ޑޮލަރުގަ އެވެ. މި މައްސަލަތަކަށް ހައްލެއް ހޯދައި ކްލަބްގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ބާސެލޯނާ އިން އަންނަނީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ގޯލްޑްމަން ސަކްސް އިން 800 މިލިއަން ޔޫރޯ (941 މިލިއަން ޑޮލަރު)ގެ ލޯނެއް ނަގަން މަޝްވަރާކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މި ލޯން ނަގަނީ ނިސްބަތުން ބަލާއިރު ބާސެލޯނާ އަށް ގެއްލުންވާނެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

ބާސެލޯނާގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާގެ ދައުރުގައި ކްލަބްގެ ފައިނޭންޝިއަލް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި ސްޕެއިނުގެ މަޝްހޫރު މާލީ ތަޖުރިބާކާރު އަދި ޑައިގޮނަލް އިންވެސްޓްމަންޓްގެ ސީއީއޯ މާކް ސިރީއާ ވިދާޅުވީ ގޯލްޑްމަން ސަކްސް އިން ބާސެލޯނާގެ މިހާރުގެ މެނޭޖްމަންޓުން ނަގާ ލޯންގެ ދެ ފަރާތް ފެންނަން ޖެހޭނެ ކަމަށާއި ޓްރެކް ރެކޯޑަށް ބަލާއިރު ގޯސް ކަންތައްތަކެއްކޮށްފައިވާ ބޭންކަކާ އެކު ބާސެލޯނާގެ މާލީ ހާލަތު ވަރަށް ގޯސްކޮށް އޮއްވައި މި ފަދަ ލޯނެއް ނެގުން ރަނގަޅުނުވާނެ ކަމަށެވެ.

"ބާސެލޯނާގެ މާލީ ހާލަތު މިހާރު އޮތީ ހިތަށް ގެންނަން ވެސް އުނދަގޫވާހާ ދަށުގައި. ރަނގަޅު އިންވެސްޓްމަންޓެއް އޮންނަން ޖެހޭ ކްލަބެއްގެ ހާލަތު މިހާ ދަށް ހާލަތެއްގައި އޮއްވައި އަޑިނޭގޭ ލޯން އެއްބަސްވުމެއް ހެދުމަކީ ރަނގަޅު ނިންމުމެއް ނޫން. މީގައި ގެއްލުމުގެ ކޮޅު ގޮސް ޖެހޭނެ ހިސާބެއް އަދި އަންދާޒާ ނުކުރެވޭ،" ސްޕެއިނުގެ ރޭޑިއޯ އަކަށް ސިރީއާ ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"އަހަންނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާނަމަ ގޯލްޑްމަން ސަކްސްގެ ލޯންތައް މާ ރަނގަޅަށް ނޫން ގޮސްފައި ހުރީ. އިންވެސްޓްމަންޓް ބޭންކަކުން ނަގާ ލޯނާއި އެހެން ބޭންކަކުން ނަގާ ލޯން ތަފާތުވާނެ. ބާސެލޯނާގެ މިހާރުގެ މާލީ ހާލަތު އޮތްގޮތުން އަހަންނަށް ނުފެނޭ އެ ވަރުގެ ބޮޑު ލޯނެއް އަވަސް މުއްދަތެއްގައި ދެއްކޭނެ ކަމެއް. އިންވެސްޓްމަންޓް ބޭންކްތަކުގެ ލޯން އަނބުރާ ނުދެއްކޭނަމަ އެ ލޯން ނެގި ފަރާތްތަކުގެ ވިޔަފާރި ކޮންޓްރޯލް ގެއްލިފައި އެބަހުރި. މިހާލަތަށް ބަލާއިރު ބާސެލޯނާ އަށް އޮތް ގެއްލުމަކީ ކްލަބްގެ އާންމު މެމްބަރުންގެ ކޮންޓްރޯލް ގެއްލުން."

ސިރީއާ ވިދާޅުވީ މި ދަނޑިވަޅުގައި ބާސެލޯނާ އިން ލޯނެއް ނަގާނަމަ އެކަން ކުރަންވީ ސްޕެއިނުގެ ބޭންކަކާ އެކު ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވޭނެ މަގެއް ފެންނަން ނެތީ ކްލަބްގެ މިހާރުގެ ލީޑަޝިޕާ މެދު މީހުންގެ އިތުބާރު ނެތުމުން ކަމަށެވެ. ގޯލްޑްމަން ސަކްސްއާ އެކު އެ ލޯން ކުރިއަށް ގޮސްފިނަމަ ބާސެލޯނާގެ އާންމު މެމްބަރުންގެ އަތުގައި އޮތް ކްލަބްގެ ކަންކަމުގައި ބަސްބުނުމާއި އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ނުކުރެވިދާނެ ކަމުގެ ބިރު ބޮޑެވެ.

ސިރީއާގެ ނަޒަރުގައި ބާސެލޯނާގެ މާލީ ހާލަތު ދަށްވީ ކޮވިޑް-19ގެ ސަބަބުން ކަމަށް ސީދާ ނުބުނެވޭނެ ކަމަށާއި ހާލަތު ދަށްވާން ފެށީ މީގެ ދެ ތިން އަހަރު ކުރިންކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

ބާސެލޯނާގެ ކުރީގެ ބައެއް އޮފިޝަލުން ސިފަކުރާގޮތުގައި ބާޓޮމެއު ލޯނެއް ނަގައިގެން މި ވަގުތު ކުރަން ބޭނުންވާ ކަމަކީ ކްލަބް ތެރޭގައި ހުރި ދަރަނިތައް ކުޑަކުރުން ކަމަށާއި އޭގެތެރޭން ގިނަ ދަރަނިތަކަކީ ކްލަބްގެ ލީޑަޝިޕްގެ ގޯސް ނިންމުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށެވެ.

ބާޓޮމެއުގެ ލީޑަޝިޕްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މިހާރު މަސައްކަތްކުރަމުން އަންނަނީ އަންނަ މަހު 1 ނޫނީ 2 ގަ އެވެ. އެ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނީ އަންނަ ހަފްތާގައި ކަޓަލޫނިއާ ސަރުކާރުގެ ބަައްދަލުވުމެއްގަ އެވެ. އެ ތާރީހުގައި ވޯޓު ބޭއްވިއްޖެނަމަ ބާޓޮމެއު މަގާމުން ދުރުކުރަން ބާސެލޯނާގެ އާންމު މެމްބަރުންގެ ތެރެއިން މަދުވެގެން 10 ޕަސެންޓް މީހުން ވޯޓުލައި ވޯޓުގައި ބައިވެރިވާ ތިންބައި ކުޅަ ދެބައި މީހުންގެ ތާއީދު އެކަމަށް ބޭނުންވާނެ އެވެ. އެ ގޮތަށް ނިމިއްޖެނަމަ ބާޓޮމެއު މަގާމުން ވަގުތުން ދުރުވާން ޖެހޭނެ އެވެ.

މީގެ ކުރިން ބާސެލޯނާގެ ތާރީހުގައި އެ ކްލަބްގެ ރައީސެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ކުރި މަސައްކަތް ކާމިޔާބެއްނުވެ އެވެ. އެގޮތުން އެންމެ ފުރަތަމަ 1998 ވަނަ އަހަރު އޭރު ބާސެލޯނާގެ ރައީސް ޖޯސެފް ލުއިސް ނޫނިއޭޒްގެ އިތުބާރު ނެތްކަމުގެ ވޯޓު ފާހެއް ނުވި އެވެ. އަދި 2008 ވަނަ އަހަރު ލަޕޯޓާ މަގާމުން ދުރުކުރަން ނަގަން އުޅުނު ވޯޓު ވެސް ހަމައެއްނުވި އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ކުރި މަސައްކަތް ކާމިޔާބުނުވީ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލަ ވައްދަން ބޭނުންވާ އަދަދަށް އާންމު މެމްބަރުންގެ ސޮއި ނުލިބުމުންނެވެ.