ބާސެލޯނާ (އޮކްޓޫބަރު 8) - ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ޕެޓިޝަން ފައިލްކުރެވޭ ވަރަށް ކްލަބް މެމްބަރުންގެ ސޮއި ލިބުމާ އެކު ބާޓޮމެއު އަމިއްލަ އަށް މަގާމުން އިސްތިއުފާދޭން ވިސްނަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާގެ ހިންގާ ބޯޑުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން ހުށަހެޅޭނީ މަދުވެގެން 16000 މެމްބަރުންގެ ސޮޔާ އެކު އެވެ. ބާސެލޯނާގެ ސަޕޯޓަރުންގެ ގްރޫޕުން އިސްވެ ހިންގި ހަރަކާތުގައި ޕެޓިޝަން ހުށަހެޅީ 16250 މެމްބަރުންގެ ސޮޔާ އެކު އެވެ. އިއްޔެގެ ވަގުތެއްގައި ކްލަބުން ވަނީ އެ ހުރިހާ ސޮޔެއްގެ ސައްހަަކަން ކަށަވަރުކޮށްފަ އެވެ.
ކްލަބްގެ ގަވާއިދުގައިވާ ގޮތުން ޕެޓިޝަންގެ ސައްހަކަން ކަނޑައަޅާތާ 20 ދުވަސްތެރޭ ވޯޓު ކުރިއަށްގެންދާނެ ގޮތެއް އާންމުކުރަން ޖެހެ އެވެ. އެ ވޯޓުގައި ބާޓޮމެއުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި އާ އިންތިހާބަކަށް ދާން މަދުވެގެން ވޯޓުލާ މީހުންގެ ތިންބައި ކުޅެ ދެ ބައި މީހުންގެ ވޯޓު ލިބެންޖެހެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ވޯޓާ ހަމައަށް ނުދަނިސް ބާޓޮމެއު އަންނަނީ އިސްތިއުފާ ދޭން ވިސްނަމުންނެވެ.
ބާސެލޯނާގެ އިންތިހާބުގައި ވާދަކުރައްވާ އަދި ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖޯޑީ ފާރޭ ވިދާޅުވީ އޭނާ އަށް ލިބިފައިވާ މައުލޫމާތު ގޯސްކަމުގައިނުވާނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ބާޓޮމެއު އާއި މިހާރުގެ ބޯޑް މެމްބަރުން އިސްތިއުފާ ދިނުމުގެ ފުރުސަތު ބޮޑެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށްގެންދަން އޮތް ހުރަހަކީ ކޮވިޑް-19ގެ ސަބަބުން މީހުން އެއްވެ އުޅެ ކުރިއަށްގެންދާ ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ނެތުމެވެ. އެކަމަކު ބާސެލޯނާގެ އޮފިޝަަލަކު ބުނީ ގަވާއިދުގެ ތެރެއިން ބާޓޮމެއުގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެންމެ އަވަހަށް ވެސް އިންތިހާބެއް ބޭއްވޭނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހުގައި ކަމަށެވެ. އެކަމަކު އެއަށް ވުރެން އަވަސްވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ބާޓޮމެއުގެ އިތުބާރު ނެތްކަމަށް ފާސްނުވެއްޖެނަމަ އިންތިހާބު ބާއްވަނީ މިހާރު ޝެޑިއުލްކޮށްފައި އޮތް ގޮތަށް މާޗް މަހުގަ އެވެ.
ވަގުތީ ރައީސެއްގެ ގޮތުގައި މަސައްކަތްކުރި ބާޓޮމެއު ބާސެލޯނާގެ ރައީސްގެ މަގާމަށް އައީ 2015 ވަނަ އަހަރުގެ މެދުތެރެއިންނެވެ. މިދިޔަ ދެ އަހަރު ބާސެލޯނާގެ ހާލަތު ވަރަށް ބޮޑަށް ދަށްވީ ބާޓޮމެއުގެ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށް ކުރީގެ ކުޅުންތެރިންނާއި ކްލަބްގެ ކުރީގެ ރައީސުން އަންނަނީ ތުހުމަތުކުރަމުންނެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ ބާޓޮމެއުގެ ނިންމުންތަކަށް ފާޑުކިޔައިފަ އެވެ. ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ މައްސަަލަ ވައްދަން ނިންމީ ވެސް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ބާސެލޯނާ ދޫކޮށްލަން ކުރި މަސައްކަތުގެ ސަބަބަކީ ކްލަބްގެ ހިންގާ ބޯޑުގެ ގޯސް ނިންމުންތަކަށްވުމުންނެވެ.
ބާސެލޯނާގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބުގައި ބާޓޮމެއު ވާދަނުކުރައްވާނެ އެވެ. ދެން އޮތް އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވިކްޓަ ފޮންޓް ނޫނީ ކުރިން ބާސެލޯނާ ރައީސަކަށް ހުރި ޔޮއާން ލަޕޯޓާ ތެރެއިން އެކަކެވެ. ބާސެލޯނާގެ ރައީސްގެ މަގާމް 2003-2010 އަށް ފުރުއްވި ލަޕޯޓާގެ ދައުރުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރޭންކް ރައިޑާކާއި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީ އެވެ. ޔޫތު ޓީމުގެ ކޯޗަކަށް ގާޑިއޯލާ ހުއްޓާ 2008 ވަނަ އަހަރު އޭނާ ސީނިއާ ޓީމަށް ގެނައީ ލަޕޯޓާ އެވެ. އެކަންވީ އެ ކްލަބް ކާމިޔާބީގެ މުޅިން އާ ހަރުފަތަކަށް އެރުމެވެ.
ފޮންޓްގެ ވިސްނުމަކީ ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒަށް އިސް ރޯލެއް ދީގެން ކްލަބް ކުރިއަށް ގެންދިއުމެވެ. ބާސެލޯނާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ރަނގަޅު މިސްރާބެއްގައި ދާނަމަ އޭނާ ކޯޗުގެ މަގާމުގައި ބަހައްޓާފައި ޒަވީ ގެންނާނީ އެހެން މަގާމަށް ކަމަށް ފޮންޓް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.