ބީއެމްއެލް އާއި އެފްއޭއެމް އާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ އާއި އެފްއޭއެމްގެ ރައީސް ބައްސާމް --- ފޮޓޯ: ބީއެމްއެލް
15 ސެޕްޓެމްބަރ 2021 - 15:28
ގައުމީ ބޭންކު، ބީއެމްލް އިން އަނެއްކާވެސް ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްފި އެވެ.
ގައުމީ ޓީމުގެ ޕާޓްނަރެއްގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލްއިން ދަނީ ހަރަކާތްތެރި ވަމުންނެވެ. ގައުމީ ޓީމުން މިހާރު ބޭނުން ކުރަމުންދާ ފަރުމާ އަކީ ބީއެމްއެލްގެ އިސްނެގުމުގެ މަތިން އަމިއްލަ ފަރާތަކުން ފަރުމާކޮށްފައިވާ ޖޯޒީ އެކެވެ.
ބީއެމްއެލް އާއި އެފްއޭއެމްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ އެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
ސޯޔާ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނަޝިޕް އާކުރުމަކީ އެ ބޭންކަށް ލިބިގެންދާ އުފަލެއް ކަމަށެވެ.
"ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އަޅުގަނޑުމެން ވެސް ނުހަނު ބޮޑު އިސްކަމެއް ދޭކަމެއް،" ސޯޔާ ވިދާޅުވި އެވެ.
"ކުރިއަށްއޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން."
ބައްސާމް ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް ބީއެމްއެލް އެއްބާރުލުން ދެއްވާ ކަމަށްޓަކައި ބައްސާމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"އަަޅުގަނޑުމެންގެ ގައުމީ ޓީމުގެ ކުޅުންތެރިން ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ،" ބައްސާމް ވިދާޅުވި އެވެ.
"މި ފުރުސަތުގައި ގައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން."
ގައުމީ ޓީމުގެ ޕާޓްނަރެއްގެ ގޮތުގައި ކުރިއަށް އޮތް ދެ އަހަރު ވެސް ހަރަކާތްތެރިވާނީ ބީއެމްއެލް އެވެ. އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ބޭންކިން ޕާޓްނަރަކީ ވެސް ބީއެމްއެލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުޖީ
15 September 2021
މިކަހަލަ ރަސްމީ ފަންކްޝަނެއްގައި ބައްސާމު ހެދުން އަޅާފައި ހުރިގޮތުން ފެންނަނީ ބެންކަށާ އެތަނުގެ ވެރިޔާއަށް ގަދަރު ނުކުރާކަން.