ނިސްބަތްވާނެ ގައުމެއް ނެތް ކްލަބެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޝެރިފް ޓިރާސްޕޯލުން، މެޑްރިޑްގައި ރެއާލް މެޑްރިޑް 2-1 އިން ރޭ ބަލިކޮށްފި އެވެ.
ޖިއޮގްރަފީ ގޮތުން ޝެރިފް ނިސްބަތް ވަނީ މޯލްޑޯވާއާ 20 ކިލޯމީޓަރު ދުރުގައި އޮންނަ ޓްރާންޒްނިސްޓީރިއާ އަށެވެ. ޓްރާންޒްނިސްޓީރިއާ އަކީ ވަކި ފައިސާ އަކާއި ވަކި ސަރުކާރެއް ގާއިމުކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ޓްރާންޒްނިސްޓީރިއާ އަކީ ގައުމެއް ނުވަތަ ދައުލަތެއްގެ ގޮތުގައި ބަލައެއް ނުގަނެވެ. އަދި އެ ފައިސާ ދުނިޔޭގެ އެހެން ތަނަކުން އެކްސްޗޭންޖް ވެސް ނުކުރެވެ އެވެ.
ޗެމްޕިއަންސް ލީގުގައި ޝެރިފް ވާދަކުރަނީ މޯލްޑޯވާގެ ޓީމެއްގެ ހައިސިއްޔަތުންނެވެ. އެ ޓީމު ހިމެނެނީ ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކޮށް، ވަރުގަދަ ރެއާލް މެޑްރިޑާއި އިންޓަ މިލާން ހިމެނޭ ގުރޫޕްގެ އެއް ވަނައިގަ އެވެ.
ސެންޓިއާގޯ ބެރްނެބުއޭ ސްޓޭއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ޝެރިފްއިންނެވެ. އެ ޓީމުގެ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކުރީ ޖާސުރްބެކް ޔަކްޝީ ބޮއޭވް އެވެ.
ދެ ވަނަ ހާފުގައި، ކަރީމް ބެންޒެމާ ވަނީ ލިބުނު ޕެނަލްޓީއަކުން ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް ޕޮއިންޓެއް ހޯދާނެ ފުރުސަތެއް ވެސް ޝެރިފް އިން ރެއާލަށް ނުދިނެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ޝެރިފްއިން ވަނީ ޔޫރަޕުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދި ރެއާލް ބަލިކޮށްލައިފަ އެވެ. ޝެރިފްގެ އެ ލަނޑު ކާމިޔާބުކުރީ ލަގްޒަމްބާގްގެ މިޑްފީލްޑާ ސަބާސްޓިއަން ތިލް އެވެ.
ޝެރިފް ޓީމު އެކުލަވާލައިފައިވާ ގޮތުން އެ ޓީމުގައި ގިނައީ އެހެން ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ރޭ ރެއާލް އާ ދެކޮޅަށް ކުޅުނު މެޗުގައި މޯލްޑޯވާ އަށް ނިސްބަތްވާ އެއް ވެސް ކުޅުންތެރިޔަކަށް ފުރުސަތެއް ނުދެ އެވެ.
ޗެމްޕިއަންސް ލީގުގައި ނެރުނު ނަތީޖާއިން ޝެރިފް އަކީ އާދައިގެ ޓީމެއް ނޫންކަން އެ ޓީމުން ސާބބިތު ކޮށްދިފި އެވެ. ކުޅުނު ދެ މެޗުން މޮޅުވެ ގުރޫޕްގެ އެއް ވަނައިގައި ޝެރިފް އޮތީ ހަ ޕޮއިންޓް ހޯދައި ފައިދާ ތިން ގޯލާ އެކު އެވެ. އެ ޓީމު ނޫނީ ފައިދާ ގޯލެއް އޮތް އެހެން ޓީމެއް އެ ގްރޫޕަކު ނެތެވެ.
ގުރޫޕް ސްޓޭޖުގައި ޝެރިފް ކުޅުނު ފުރަތަމަ މެޗުގައި ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކްގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.
ރެއާލް މެޑްރިޑްގެ ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ ޗެމްޕިއަންސް ލީގުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އޭސީ މިލާންގެ މައްޗަށް 2-1 އިން ކުރި ހޯދައިފަ އެވެ.