ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ޔޫއެފާގެ ދެކޮޅުވެރިޔެއްގެ ގޮތުގައި ނެގީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭނާގެ ޕްލޭންތަކެވެ. މިދިޔަ ދެތިން އަހަރު، އެ ހަފުލާތަކުގައި ޔޫއެފާގެ ދުޝްމަނެއްގެ ގޮތުގައި ފެނުނީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއޮ އޭނާ ޗެއާމަންކަން ކުރެއްވި ޔޫރަޕިއަން ސުޕަ ލީގެވެ. 

ޔޫއެފާގެ ދުޝްމަނުން ބަދަލުވީ އެވެ. އެ އިދާރާއާ ރެއާލާ ދެމެދު އޮތީ މިހާރު ބަދަހި ގުޅުމެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް "އޭއެސް" ގެ ޗީފް އެޑިޓަރު އަރިޓްޒް ގަބިލޮންޑޯ ލިޔެފައިވާ ގޮތުގައި މިިދިޔަ ފަސް އަހަރު، ޔޫރަޕްގެ އެންމެ ޝަރފުވެރި ކްލަބް މުބާރާތުގެ ތަށި މާލީގޮތުން ވަރުގަދަ ކްލަބްތައް ކަމަށްވާ، ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީން ހޯދިޔަސް، ރެއާލް މެޑްރިޑުން އުފައްދާ ބްރޭންޑް ވެލިއުއެއް އެއިން ކްލަބަކަށް ނުއުފެއްދެ އެވެ. 

އޭނާ ލިޔެފައިވާ ގޮތުގައި އެއީ ޔޫއެފާއަށް އެންމެ ޕްރެޝަރު ކުރިމަތި ކުރި ވަގުތުގައި ވެސް ރެއާލް، އެ އިދާރާ އަށް އެ ކްލަބް އެއްލާނުލެވުނު ސަބަބެވެ. 

ޔޫރަޕިއަން ސުޕަ ލީގުގެ އިވެންޓެއްގައި ޕެރޒް ކުރިން ވާހަކަ ދައްކަނީ: އެ ޕްރޮޖެކްޓް އޭނާ ވަނީ މަޑުޖައްސާލަފައި
ޔޫރަޕިއަން ސުޕަ ލީގުގެ އިވެންޓެއްގައި ޕެރޒް ކުރިން ވާހަކަ ދައްކަނީ: އެ ޕްރޮޖެކްޓް އޭނާ ވަނީ މަޑުޖައްސާލަފައި

"ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ފަދަ މާލީގޮތުން ވަރުގަދަ އާ ކްލަބްތަކާއި އަދި އާސެނަލް، ބާސެލޯނާ އަދި ބެޔާން މިއުނިކް ފަދަ ތާރީހީ ބޮޑެތި ކްލަބްތައް އަލުން ޗެމްޕިއަންސް ލީގުގައި ވަރުގަދަ އަށް ކުޅުން ދައްކަން ފަށައިފިކަން، މިދިޔަ ތިން ސީޒަނުގައި ވެސް ފެނުނެވެ.،" އަރިޓްޒް ލިޔެފައިވެ އެވެ.

އެކަމަކު މިފަހަރު ވެސް ގުރޫޕް ސްޓޭޖުގައި ވާދަކުރާ 36 ޓީމުގެ ލިސްޓުގައި ރެއާލް މެޑްރިޑުން ގެނެސްދޭ މާކެޓް ވެލިއު އެހެން އެއްވެސް ޓީމަކާ އަޅާނުކިޔެ އެވެ.،" 

ޕްރީމިއާ ލީގުގެ ވަށައިގެން އޮތް މާލީ ބޯ ފަށަލަ އާއި ޕީއެސްޖީގެ ބޮޑު މާލީ ބާރަށް ވެސް، މާކެޓްގެ އެންމެ އަގުބޮޑު ޓީމުގެ ގޮތުގައި ރެއާލް މެޑްރިޑުގެ ރެއާލްގެ ނުފޫޒު ހުއްޓުވޭން ނެތްކަމަށް އަރިޓްޒް ބުންޏެވެ. 

ރެއާލް ސްކޮޑުގެ މާކެޓް އަގު އުޅެނީ 1.69 ބިލިއަން ޑޮލަރުގަ އެވެ. މިއީ މެންޗެސްޓާ ސިޓީގެ 1.66 ބިލިއަން ޑޮލަރާއި، ގަދަ ތިނެއް ގައި ހިމެނޭ ޕީއެސްޖީގެ 1.58 ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.

ރެއާލްގެ ސްޓޭޑިއަމް: އެ ސްޓޭޑިއަމުން ވެސް އެތައް މިލިއަން އާމްދަނީއެއް އެ ކްލބުން ހޯދާ
ރެއާލްގެ ސްޓޭޑިއަމް: އެ ސްޓޭޑިއަމުން ވެސް އެތައް މިލިއަން އާމްދަނީއެއް އެ ކްލބުން ހޯދާ

އާސެނަލް (1.54 ބިލިއަން ޑޮލަރު)، ބާސެލޯނާ (1.46 ބިލިއަން ޑޮލަރު)، ބަޔާން މިއުނިކް (1.21 ބިލިއަން ޑޮލަރު) އަދި ލިވަޕޫލް (1.20 ބިލިއަން ޑޮލަރު) ގެ އަގުވެސް އުޅެނީ އެއް ބިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ.

ރެއާލް، އެއްލާލެވެން ނެތުމުން، އެ ކްލަބުން ވަކާލާތު ކުރި ޔޫރަޕިއަން ސުޕަ ލީގުގެ ބައެއް އުސޫލުތައް ޔޫއެފާއިން ވެސް ތަންފީޒުކުރަން ފަށާފައިވާކަމަށް، ލިޔުންތެރިޔާ އަރިޓްޒް ގަބިލޮންޑޯ ބުނެފައިވެ އެވެ. 

އޭނާ ލިޔެފައިވާ ގޮތުގައި ޔޫއެފާ އަށް ވެސް މިހާރު ގަބޫލުކުރެވޭ ހަގީގަތަކީ ރެއާލާ ދެކޮޅުވެރި ވުމަށް ވުރެ އެ ކްލަބާ އެކު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން މާ ފައިދާހުރި ކަމަށެވެ.

"ސުޕަ ލީގުން ހުށަހެޅި ވިޔަފާރީގެ މޮޑެލްތައް (މެޗުތައް ދެއްކުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރުން ފަދަ ކަންކަން) ޔޫއެފާއަށް ބޭނުން ކުރެވޭނެ މަގު ވަނީ ތަނަވަސްވެފަ އެވެ.،" އަރިޓްޒް ގަބިލޮންޑޯ ލިޔެފައިވެ އެވެ. 

ފޯބްސް މަޖައްލާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރެއާލްގެ މުޅި ކްލަބުގެ އަގު (ޓީމު ވެލިއު) ވަނީ 6.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފަ އެވެ. ލާލީގާގެ ޗެމްޕިއަންކަން 36 ފަހަރު ޔޫއެފާ ޗެމްޕިއަންކަން 16 ފަހަރު ހޯދާފައިވާ ރެއާލަކީ މާލީގޮތުން ވަރުގަދަ އެހެން ކްލަބްތައް ވަކި މަހުޖަނަކު ނުވަތަ ކުންފުންޏެއްގެ މިލްކެއްގެ ނޫނެވެ.

ފޯބްސްގެ ހިސާބުތަކުން ރެއާލްގެބްރޭންޑްގެ މައުލޫމާތު
ފޯބްސްގެ ހިސާބުތަކުން ރެއާލްގެބްރޭންޑްގެ މައުލޫމާތު

އެ ކްލަބުގައި އޮންނާނީ މެންބަރުންގެ މިލްކުވެރިކަމުގެ ދަށުން ހިންގާ ސިސްޓަމެކެވެ.

ފޯބްސްގެ ހިސާބުތަކުންދައްކާގޮތުގައި 2024-2025 ވަނަ އަހަރުގެ ސީޒަނުގައި އެކަނި ވެސް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު އެ ކްލަބުން ހޯދި އެވެ. ހިންގުމުގެ ހުރިހާ ހަރަދެއް ކަނޑައި ސާފު ފައިދާގެ ގޮތުގައި 245 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. 

ފޯންސްގެ ތަފާސްހިސާބުން ރެއާލް މިދިޔަ ސީޒަނުގައި 

- ކްލަބުގެ މުޅި އަގު = 6.6 ބިލިއަން ޑޮލަރު 

- އާމްދަނީ (2024-2025) = 1.3 ބިލިއަން ޑޮލަރު 

- ސާފު ފައިދާ = 245 މިލިއަން ޑޮލަރު 

- މުޅި އަހަރުގައި މެޗު ދުވަސްތަކުގައި ލިބޭ އާމްދަނީ = 1.7 ބިލިއަން ޑޮލަރު 

- ބްރޯޑްކާސްޓިން އާމްދަނީ = 2.5 ބިލިއަން ޑލަރު 

- އިޝްތިހާރާއި ސްޕޮންސަރޝިޕުން ލިބުނު އާމްދަނީ = 3.6 ބިލިއަން ޑޮލަރު 

ޗެމްޕިއަންސް ލީގުގައި ރެއާލްގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.