ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ރަސްމީ މެޗު ބޯޅަ ފޯރުކޮށްދިނުމަށް ޖަރުމަނުގެ އެޑިޑާސް ކުންފުންޏާ އެކު އޮތް 25 އަހަރުވީ ގުޅުން ނިމުމަކަށް އަތުވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ދި އެތުލެޓިކް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫއެފްއާއިން ވަނީ 2027-2028 ގެ ސީޒަނުން ފެށިގެން މެޗު ބޯޅަ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލާފައެވެ.
އެޑިޑާސްއިން އަންނަނީ 2001 އިން ފެށިގެން ޗެމްޕިއަންސް ލީގުގެ ބޯޅަ ސަޕްލައި ކުރަމުންނެވެ. ނަމަވެސް، އަލަށް ހުޅުވާލި ބިޑާއެކު އެޑިޑާސްގެ އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ނައިކީ އަދި ޕޫމާ އިން ވަނީ މި ކޮންޓްރެކްޓް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އެ މުބާރާތުގެ "ތަރި ބޯޅަ" ޑިޒައިނަކީ އެޑިޑާސްގެ ވަރަށް މަޝްހޫރު ރަމްޒަކަށް ތައްޔާރުކޮށްފައިވާ ބޯޅަ އެކެވެ. އާ ކުންފުންޏަކަށް މި ފުރުސަތު ލިބިއްޖެނަމަ ބޯޅައިގެ ޑިޒައިނަށް ބޮޑު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ދި އެތުލެޓިކުން ބުންޏެވެ.
ޔޫއެފްއާއިން އެ ނިންމުން ނިންމީ އާމްދަނީ އިތުރުކުރުމުގެ މަގްސަދުގަ އެވެ. ޗެމްޕިއަންސް ލީގަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް މުބާރާތެވެ. މިދިޔަ ސީޒަނުގައި އެކަނިވެސް 1.18 ބިލިއަން މީހުން އެ މުބާރާތް ބަލާފައިވާކަމަށް ތަފާސްހިސާބުން ދައްކަ އެވެ.
މުބާރާތަށް އޮތް ތަރުހީބާ އެކު މެޗު ބޯޅައިގެ ސްޕޮންސާޝިޕްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ އިތުރުން، ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގުގެ ބޯޅަ ސްޕޮންސާޝިޕް ވެސް މި ޕެކޭޖުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެބައޮތެ ކަމަށް ވެސް ދި އެތުލެޓިކުން ބުންޏެވެ.
ޔޫރަޕްގެ ދެވަނަ އަދި ތިންވަނަ ފަންތީގެ އެ ދެ މުބާރާތްތައް މެޗު ބޯޅަ 2024 ވަނަ އަހަރުން ފެށިގެން ފޯރުކޮށްދެމުން އަންނަނީ ފަރަންސޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ޑެކެތުލޯން އިންނެވެ.
ޕޫމާއިން ދަނީ ފަހަކަށް އައިސް ފުޓްބޯޅައިގެ ބޮޑެތި މާކެޓްތަކަށް އަތްގަދަ ކުރަމުންނެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލަލީގާ އަދި އިޓަލީގެ ސެރީ އޭ އަށް ވެސް ބޯޅަ ސަޕްލައި ކުރުމުގެ ހައްގު މިހާރު އޮތީ ޕޫމާ އަތުގައެވެ.
މީގެ 25 އަހަރުން ކުރިން ޗެމްޕިއަންސް ލީގަށް ކުރިން ބޯޅަ ފޯރުކޮށް ދިނީ ނައިކީންނެވެ. އެ ކުްފުނިން ބޭނުންވަނީ ކުރިން އެ ކުންފުނީގެ އަތުގައި އޮތް މި ހައްގު އަލުން ހޯދައި، ދުނިޔޭގެ ފުޓްބޯޅައިގައި ނުފޫޒު ގަދަކުރުމަށެވެ.
މި ބިޑްތައް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.