ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ނަސްލީ ގޮތުން އިހާނެތި ބަސްތަކެއް ބުނި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ބެންފީކާގެ މިޑްފީލްޑަރު ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ދެވަނަ ލެގު މެޗަށް ޔޫއެފާއިން ސަސްޕެންޑް ކޮށްފިއެވެ.

ޔޫއެފާގެ ޑިސިޕްލިނަރީ ބޮޑީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ހަފްތާގެ ފުރަތަމަ ލެގުގައި ހިނގި ކަމަށް ބެލެވޭ ހާދިސާ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. 

"(ނަމަވެސް) ޖިއަންލޫކާ ޕްރެސްޓިއާނީ ޔޫއެފާގެ ކްލަބް މުބާރާތެއްގެ ކުރިއަށް އޮތް މެޗަށް ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަން،" ޔޫއެފާގެ ބަޔާނުގައި ވެއެވެ.

ޔޫއެފާ އިން ބުނީ މިހާރު ދީފައިވާ އެއް މެޗުގެ ސަސްޕެންޝަނަކީ ވަގުތީ ފިޔަވަޅެއް ކަމަށެވެ. ތަހުގީގު ނިމުމުން އިތުރު ފިޔަވަޅެއް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޔޫއެފާއިން ބުންޏެވެ. ޕްރެސްޓިއާނީގެ މައްޗަށް މި ކުށް ސާބިތުވެއްޖެ ނަމަ، އޭނާ މަދުވެގެން 10 މެޗަށް ސަސްޕެންޑް ކުރާނެއެވެ.

މާދަމާ ރޭ ސެންޓިއާގޯ ބާނަބެއުގައި ކުޅޭ މެޗުގައި ޕްރެސްޓިއާނީ އަށް ބައިވެރިއެއް ނުވެވޭނެއެވެ. ބެންފީކާ މި މެޗަށް ނުކުންނަނީ ފުރަތަމަ ލެގުން 1-0 އިން ބަލިވެފައި އޮތުމުން، އެ ނަތީޖާ އަނބުރާލައި ގަދަ 16 އަށް ދަތުރުކުރުމުގެ އުންމީދުގައެވެ.

ބްރެޒިލްގެ ތަރި ވިނީޝިއުސް ފުރަތަމަ ލެގުގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރި ވަގުތު، އާޖެންޓީނާ ޕްރެސްޓިއާނީ އޭނާއަށް ނަސްލީ ގޮތުން ފުރައްސާރަކުރި ކަމަށް ރެފްރީ އަށް ވިނީ ރިޕޯޓް ކުރި އެވެ. މި ހާދިސާއާ ގުޅިގެން މެޗު ވަނީ 10 މިނެޓަށް މެދުކަނޑާލި އެވެ.

އުމުރުން 20 އަހަރުގެ ޕްރެސްޓިއާނީ ބުނަމުންދަނީ އޭނާ ވިނީޝިއަސްއާ ޒުވާބުކުރި ނަމަވެސް، ނަސްލީ ގޮތުން އެއްޗެއް ނުބުނާ ކަމަށެވެ. ނަމަވެސް ރެއާލްގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެ ހާދިސާ ސިފަކުރީ ފުޓްބޯޅައަށް ކުރިމަތިވި ލަދެއްގެ ގޮތުގައެވެ. އަދި ކީލިއަން އެމްބާޕޭ ބުނި ގޮތުގައި ޕްރެސްޓިއާނީ ފަދަ ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ހައްގު މިހާރު ވަނީ ގެއްލިފައެވެ.

ބެންފީކާގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ، ވިނީޝިއަސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރި ގޮތަށް ފާޑުކިޔާފަ އެވެ. މޮރީނިއޯގެ އެ ވާހަކަތަކަށް ބެޔާން މިޔުނިކްގެ ކޯޗު ވިސެންޓް ކޮމްޕެނީ އާއި ކްލަރެންސް ސީޑޯފް ފަދަ ފުޓްބޯޅަ ލެޖެންޑުން ވަނީ މޮރީނިއޯ އަށް ފާޑުކިޔާފަ އެވެ. 

ފުރަތަމަ ލެގް މެޗުގައި ރެފްރީ އަށް ނިސްބަތްކޮށް އެއްޗެއް ބުނުމުން، މޮރީނިއޯ އަށް ދެއްކި ރަތް ކާޑާ އެކު އޭނާ ވަނީ މާދަމާ ރޭގެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.