ވިނީޝިއުސް ޖޫނިއާ ލަނޑާ އެކު ބެންފީކާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރި ހޯދައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ރެއާލް މެޑްރިޑް ދަތުރު ކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި މި ދެ ޓީމުގެ ފުރަތަމަ ލެގް ލިޒްބަންގައި ކުޅެ ރެއާލުން 1-0 ން ކާމިޔާބު ކުރީ ވިނީގެ ލަނޑުންނެވެ. ދެވަނަ ލެގް ރޭ މެޑްރިޑްގައި ކުޅުނު މެޗުގައި ފުރަތަ،ަ ލީޑް ނެގީ ބެންފީކާއިންނެވެ. އެ ޓީމުގެ ރަފާ ސިލްވާ 14 ވަނަ މިނެޓްގައި ލަނޑު ޖެހި އެވެ. ނަމަވެސް ދެ މިނެޓްތެރޭ އައުރޭލިއަން ޗުއަމެނީ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
މެޗުގެ 80 ވަނަ މިނެޓްގައި ވިނީ ލަނޑު ޖަހައި 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް ދެވަނަ ބުރަށް ގެންގޮސްދިނެވެ.
މެޗުން މޮޅުވި ނަމަވެސް، ރެއާލްގެ ފަރާތުން ފެނުނީ އުންމީދު ކުރި ވަރަށް ވުރެ ދަށް ކުޅުމެކެވެ. މިދިޔަ ހަފުތާގައި ލިޒްބަންގައި ދެއްކި ކުޅުމަށް ވުރެ ވެސް ރޭ އެ ޓީމުގެ ކުޅުން ދަށެވެ. މިހާރު އޮތް ފޯމުގައި ޗެމްޕިއަންސް ލީގުގެ ކުރިއަށް މަރުހަލާގައި ރެއާލަށް ކުރިއަށް ދެވިދާނެތޯ މެޗު އެނަލިސްޓުން ސުވާލު އުފައްދަ އެވެ.
ސްކޮޓްލެންޑްގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު އީއެސްޕީއެންގެ ފުޓްބޯޅަ އެނަލިސްޓް ކްރެގް ބާލީ ބުނީ ރެއާލްގެ ކުޅުމުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެކަމުގެ އެއްވެސް ސިފައެއް ނެތް ކަމަށެވެ.
ނަމަވެސް، ވިނީޝިއަސްގެ ފެންވަރާއި އޭނާގެ ހުނަރާ މެދު ސުވާލެއް ވެސް ވެސް ނުއުފައްދަ އެވެ.
ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން، ބެންފީކާގެ ޑިފެންޑަރުންނަށްވުރެ ބާރަށް ދުވެފައި ގޮސް، ގޯލްކީޕަރު އަނަޓޯލީ ޓްރޫބިން އަށް ވެސް ފުރުސަތު ނުދީ ވިނީ ގޯލް ޖަހި އެވެ. އެއަށް ފަހު އޭނާގެ މަޝްހޫރު "ނެށުމުން" އުފާފާޅުކޮށްފަ އެވެ. އެއީ މީގެ ހަފުތާއެއް ކުރިން ބެންފީކާގެ ކޯޗު ހޯޒޭމޮރީނިއޯ ފާޑުކިޔުން އަމާޒުވި އުފާފާޅުކުރުމެކެވެ.
ރެއާލަށް ކުޅުނު އެންމެ ފަހު ފަސް މެޗުގައި ވިވެސް ވިނީ އެ ވަނީ ލަނޑު ޖަހާފަ އެވެ. އެއީ މި ސީޒަނުގައި އޭނާގެ ކެރިއަރުގައި މިހާތަނަށް ފެނުނު އެންމެ ރަނގަޅު ފޯމެވެ. ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅުނު 27 މެޗުގައި އޭނާ ޖެހި ހަ ލަނޑު ޖަހާފަ އެވެ. އާ ކޯޗު އަލްވާރޯ އާބެލޯއާގެ އިރުޝާދުގެ ދަށުން ކުޅުނު އެންމެ 10 މެޗުން ވަނީ އޭނާ ވަނީ ހަ ލަނޑު ހަމަކޮށްފަ އެވެ.
ރެއާލް މެޑްރިޑަށް އޮތް ހަމައެކަނި އުފަލަކީ 2022 އަދި 2024 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ވިނީޝިއަސް އަލުން ފޯމަށް އައުމެވެ. ނަމަވެސް، ޓީމުގެ ޑިފެންސް ފެނުނީ ވަރަށް ބަލިކަށިކޮށެވެ. މެދުތެރެއިން ކުޅުން ރޭވުމުގައި ވެސް ރެއާލަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި އެވެ.
ޕޯޗުގީޒް ލީގުގެ ތިންވަނައިގައި އޮތް ބެންފީކާ އަކީ މި ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުގައި ހަ މެޗުން ބަލިވެފައިވާ ޓީމެކެވެ. އެހެން ނަމަވެސް، ޗެމްޕިއަންސް ލީގުގެ ރަސްގެފާނުގެ ގޮތުގައި އެ ކްލަބްގެ ސަޕޯޓަރުން މަޝްހޫރު ކުރާ ރެއާލާ ދެކޮޅަށް ބެންފީކާއިން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. 15 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް، މިހާރު އޮތް ފޯމުގައި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެނަލިސްޓުން ނުބަލަ އެވެ.