ބެންފީކާ (ފެބްރުއަރީ 18) - ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑް 1-0 އިން ބެންފީކާ ބަލިކުރި މެޗުގައި ވިނީޝިއަސް ޖޫނިއާގެ އަމަލުތަކަށް، ބެންފީކާގެ ކޯޗު ހޯޒޭ މޮރީނިއޯ ފާޑު ކިޔައިފި އެވެ.

ވިނީޝިއަސް ވަނީ 50 ވަނަ މިނިޓުގައި މޮޅު ގޯލެއް ޖަހައި، ރެއާލް މެޑްރިޑަށް ލީޑު ހޯދައިދީފަ އެވެ. އަދި ގޯލަށް ފަހު އޭނާ ވަނީ ކޯނަރު ދަނޑިއާ ދިމާލުގައި އިދިކޮޅު ޓީމަށް އިހުތިރާމު ކުޑަވާނެ ފަދަ ބޭއަދަބީ ނެށުމަކާ އެކު އުފާފާޅު ކޮށްފަ އެވެ.

އެ މެޗުގައި ވިނީޝިއަސް ވަނީ ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ އާއި އެހެން ކުޅުންތެރިން އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލީ ކަމަށް ބުނެ ބޮޑު މައްސަލަގަނޑަކަށް ވެސް ހަދައިފަ އެވެ.

މޮރީނިއޯ އަށް މެޗުގެ 85 ވަނަ މިނިޓުގައި ރަތް ކާޑެއް ވެސް ދެއްކި އެވެ. އަދި ދެވަނަ ލެގުގައި ރެއާލްގެ ދަނޑުގައި ކުޅޭ މެޗަށް އޭނާ ވަނީ ސަސްޕެންްޑް ވެފަ އެވެ. ޔޫއެފާގެ އެންޓި ރޭސިޒަމް ޕްރޮޓޮކޯލްގެ ދަށުން 10 ވަރަކަށް މިނިޓަށް މެޗު މެދުކަނޑާލި ވަގުތު މޮރީނިއޯ ވަނީ ވިނީ އާއި ޕްރެސްޓިއާނީއާ ވެސް ވާހަކަ ދައްކައިފަ އެވެ.

"ވިނީޝިއަސް އާއި ޕްރެސްޓިއާނީ ވެސް ބުނަނީ ތަފާތު ދޭއްޗެއް. އަހަރެން ބޭނުމެއް ނޫން ޕްރެސްޓިއާނީގެ ވާހަކަ އަހަރެން ފުރިހަމައަށް ގަބޫލުކުރަމެކޭ ބުނާކަށް. އަދި ވިނީޝިއަސްގެ ވާހަކަ މުޅިއަކުން ތެދެކޭ ވެސް އަހަރެން ނުބުނާނަން،" މޮރީނިއޯ ބުންޏެވެ.

"އަހަރެންނަށް އެނގޭހާ ވެސް އެއްޗަކީ އެ ގޯލާ ހަމައަށް މެޗު ކުރިއަށް ދިޔައީ ވަރަށް ފުރިހަމަކޮށް. ބެންފީކާ ފެށި ވަރަށް ރަނގަޅަށް، ރެއާލް ވެސް ވަރަށް ވަރުގަދަ. ދެން ވިނީޝިއަސް ޖެހީ އޭނާ ނޫނީ [ކިލިއަން] އެމްބާޕޭ އަށް އެކަނި ޖެހޭ ފަދަ މޮޅު ގޯލެއް. ދެން މައްސަލަ ޖައްސައި ދަނޑުގައި ތިބި 60،000 އެއްހާ ސަޕޯޓަރުން ކުރިމަތީ މި ޑްރާމާއެއް ފަށާކަށް ނުޖެހޭ."

މޮރީނިއޯ ވަނީ މިދިޔަ އަހަރުތަކުގައި ވިނީޝިއަސް އަށް ކުރިމަތިވި ނަސްލީ ދިމާކުރުންތަކުގެ މައްސަލަތަކުގެ ވާހަކަ ވެސް ފާހަގަ ކޮށްފަ އެވެ.

"ކިތައް ފަހަރު ކިތައް ދަނޑުގައި މިފަދަ ކަންކަން ދިމާވެފައި ހުރީ؟ އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް، އަހަރެން ވަރަށް ލޯބިވާ ކުޅުންތެރިއެއް އެއީ،" މޮރީނިއޯ ބުންޏެވެ.

"އަހަރެން ބުނިން ވިނީޝިއަސް ގާތުގައި، އެފަދަ މޮޅު ގޯލެއް ޖަހައިފަ ސެލެބްރޭޓް ކޮށްފަ އެކަން ނިމުނީ ނޫންހޭ. ނަސްލީގޮތުން ދިމާކުރީއޭ ބުނީމަ އަހަރެން ބުނިން މި ކްލަބުގެ ތާރީހުގައި ވެސް އެންމެ މަގުބޫލް ކުޅުންތެރިޔާ ޔޫސޭބިއޯ އަކީ ކަޅު ކުޅުންތެރިއެކޭ. އެފަދަ މޮޅު ގޯލެއް ޖަހާފައި އޭނާ ކީއްވެ ޔޫސޭބިއޯ ނޫނީ ޕެލޭ ނޫނީ ޑި ސްޓެފާނޯ އުފާފާޅުކުރާ ފަދަ ސެލެބްރޭޝަނެއް ނުޖެއްސީ. އެފަދަ މޮޅު ގޯލެއް ޖަހައިފަ އުފާފާޅުކުރަން ވެސް ވާނީ އިދިކޮޅަށް އިހުތިރާމު ކުޑަ ނުވާނޭހެން."

ކުރީގެ ރެއާލް މެޑްރިޑްގެ ކޯޗު ވަނީ އޭނާއަށް ދެއްކި ރަތް ކާޑާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

"އަހަރެންނަށް ރަތް ކާޑު ދެއްކީ ވަރަށް ސީދަލަށް އެއްޗެއް ބުނެގެން. ރެފްރީ އަތުގަ ގަނޑުކޮޅެއް އޮތް، އޭގަ އޮތީ [އޮރޭލިއެން] ޗުއަމެނީ، [އަލްވަރޯ] ކަރޭރާސް އަދި [ޑީން] ހިއުސެން އަށް ރީނދޫ ކާޑެއް ނުދެއްކޭނެ ކަމަށް ލިޔެފައި،" މޮރީނިއޯ ބުންޏެވެ.

އަދި 1،400 އެއްހާ މެޗުގައި ބެންޗުގައި އޭނާ ހޭދަކޮށްފައިވާ ކަމަށާއި އެހެންވެ ރެފްރީ ކާޑު ދައްކާނެ މީހުންނާއި ނުދައްކާނެ މީހުން އެނގޭ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.