އޭއެސް ރޯމާ އަތުން 4-3 އިން ރެއާލް މެޑްރިޑް ރޭ މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ދިމާވި އުނދަގޫތަކުގެ ފުރިހަމަ ޒިންމާ އެޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯ އަމިއްލައަށް ނަގައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރޯމާއިން 3-1 ގެ ލީޑެއް ނަގާފައިވަނިކޮށް، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ކާލޯސް އެސްޕީ އާއި އެންޑްރިކް ފިލިޕޭ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އަރްދާ ގުލާ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޓޯނިއޯ ރޫޑިގާ ބޮލުން ޖެހި ލަނޑާއެކު ރެއާލުން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. އެއީ މެޗުގައި ގުލާ ތަނަވަސްކޮށްދިން ދެވަނަ އެސިސްޓެވެ.

މެޗށް ފަހު މޮރީނިއޯ ބުނީ، ފުރަތަމަ ހާފުގައި ރޯމާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީގެ އުކުޅުތަކުގެ ކުރިމަތީގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވި ކަމަށެވެ.

"ފުރަތަމަ ހާފަކީ ކޯޗު [އަހަރެން] ގެ ގޯހެއް. ދެވަނަ ހާފަކީ ކުޅުންތެރިންގެ މޮޅުކަން،" މޮރީނިއޯ ބުންޏެވެ.

"ފުޓްބޯޅައަކީ 90 މިނެޓުގެ ވިސްނުންތެރިކަމާ އެކު ކުޅުން. އިދިކޮޅަށް ނުކުންނަ ޓީމުތަކަކީ މުހިންމު ބައެއް. އަދި މިރޭ [ރޭ] އިދިކޮޅަށް ނުކުތް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް."

އޭނާ ބުނީ މުޅި 90 މިނެޓުގައި އެހާ ވަރުގަދަ ކުޅުމެއް ދެއްކުމަކީ އިދިކޮޅު ޓީމަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ދެވަނަ ހާފުގައި ގެނައި ބަދަލުތަކުގެ ފައިދާ ފެނުނު ކަމަށެވެ.

މެޗުގެ 59 ވަނަ މިނެޓުގައި މޮރީނިއޯ ވަނީ ވިނީޝިއުސް ޖޫނިއާގެ ބަދަލުގައި އެންޑްރިކް އަދި ގުލާ ކުޅެން ނެރެފައެވެ. އަދި އެއަށްފަހު، މެޗުގެ ތެރެއަށް އަލުން ވަނުމަށް ރެއާލުން މަސައްކަތް ކުރަމުންދަނިކޮށް އެސްޕީ އާއި ބާނާޑޯ ސިލްވާވެސް ވަނީ ކުޅެން ނެރުނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވިނީޝިއުސް ބުނީ، އޭނާ ބަދަލުކުރުމުން ހިތްހަމަނުޖެހުނު ކަމަށެވެ. އަދި އެކަމާ އެވަގުތު ރުޅިއައުމަކީ ވެދާނެކަމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ބަދަލުގެ ސަބަބުން ޓީމަށް ކާމިޔާބީ ލިބުމުން ހިތްހަމަޖެހޭކަމަށް ބްރެޒިލްފެ ފޯވާޑް ބުންޏެވެ.