މޮރީނިއޯ (ކ)، އޭނާއަކީ ޗެލްސީގެ ސަޕޯޓަރުންގެ ފުރިހަމަ ލޯބި ހޯދާފައިވާ ކޯޗެއް.-- ފޮޓޯ: އޭއެފްޕީ
01 އޮކްޓޯބަރ 2025 - 06:14
ލަންޑަން (ސެޕްޓެމްބަރު 1) - ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ ވަނީ އެ ޓީމުގެ ލެޖެންޑަރީ ކޯޗު ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅުނު ޕޯޗުގަލްގެ ބެންފީކާ 1-0 އިން ބަލިކޮށްފަ އެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި، ޗެލްސީގެ ލަނޑު ގޯލު ފޫއަޅުވައިލީ ފުރަތަމަ ހާފުގައި އަލެހަންދްރޯ ގާނާޗޯ ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅަ ބެންފީކާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވައްދައިގެންނެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތު އެ ޓީމުގެ ޔާއޯ ޕެޑްރޯ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
މިއީ ޗެލްސީ އެންމެ ފަހުން ލީގުގައި ޖެހިޖެހިގެން ވީ ދެ ބައްޔަށް ފަހު ހޯދި މުހިއްމު މޮޅެކެވެ. ނަމަވެސް މޮރީނިއޯގެ ބެންފީކާ ވަނީ މެޗުގައި ޗެލްސީ އަށް ވުރެ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގައި ފާހަގަ ކޮށްލެވުނު އެއް ކަމަކީ، ބެންފީކާއިން 132 މިލިއަން ޑޮލަރުގެ އަގަކަށް ޖެނުއަރީ 2023 ގައި ގެންދިޔަ އެންޒޯ ފެނާންޑޭޒް، ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ކޯނަރެއް ނަގަން ދިޔަ ވަގުތު ބެންފީކާގެ ސަޕޯޓަރުން އޭނާއާ ދިމާއަށް އެއްޗެހިތަކެއް އުކައި، ދިމާކޮށްލުމުން ކުޑަ ވަގުތުކޮޅަކަށް މެޗު ހުއްޓާލަން ޖެހުމެވެ.
އެންޒޯ (ވ)؛ ކެޕްތަން ބޭންޑް އަޅައިގެން ރޭގެ މެޗުގައި ޗެލްސީ ލީޑޫ ކުރީ އޭނާ.-- ފޮޓޯ: އޭއެފްޕީ
އެންޒޯ ހޯދަން ޗެލްސީން މަސައްކަތް ކުރި ދުވަސްވަރު އޭނާ ވަނީ ބެންފީކާގެ ލޯގޯގައި ބޮސް ދިނުމަށް ފަހު، އެ ކްލަބަށް އޮތް ލޯބި ވެސް ދައްކާލައިފަ އެވެ. ނަމަވެސް އޭނާ ޗެލްސީ އަށް ބަދަލުވާން ކުލަބްގެ ބޯޑަށް ވެސް ފިއްތުންތައް ކުރިމަތި ކުރުމާ އެކު، އޭނާ އަށް ސަޕޯޓަރުންގެ ނުރުހުން ވެސް ފަހުން އަމާޒުވި އެވެ.
ރޭގެ މެޗުގައި ސަޕޯޓަރުން އެންޒޯއާ ދިމާކޮށްލުމުން، ސަޕޯޓަރުން މައިތިރި ކުރީ ޗެލްސީގެ "ސްޕެޝަލް ވަން" މޮރީނިއޯ އެވެ. އޭނާ ވަނީ ސަޕޯޓަރުން ގާތަށް ގޮސް އެ މީހުން މައިތިރިކޮށް، އަލުން ކުޅުން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމު ކޮށްދީފަ އެވެ.
މޮރީނިއޯ ބެންފީކާއާ ހަވާލުވެފައި ވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. މިއީ އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. ސީޒަން ފެށި އިރު ހުރި ކޯޗު ބްރޫނޯ ލާގްއާ އެކު، ބެންފީކާ ވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި އަޒަރުބައިޖާންގެ ގަރަބާގް އަތުން ބަލިވެފަ އެވެ. އޭނާ މަގާމުން ވަކިކުރީ އެ މެޗުން ބަލިވުމުންނެވެ.
ޗެލްސީ ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބެޔާން މިއުނިކް އަތުން 3-1 އިން ބަލިވެފަ އެވެ. ބެޔާން ވަނީ ރޭ އެޓީމުގެ ދެވަނަ މެޗުގައި ސައިޕްރަސްގެ ޕާފޯސް އަތުން 5-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ހެރީ ކޭން ދެ ލަނޑު ޖެހި އިރު، ރަފައެލް ގުރޭރޯ އާއި މައިކަލް އޮލީސޭ އަދި ނިކޮލަސް ޖެކްސަން ވެސް ވަނީ ގޯލު ޖަހައިފަ އެވެ.
ޕާފޯސް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ގްރީސްގެ އޮލިމްޕިއާކޯސްއާ ވާދަކޮށް ޕޮއިންޓެއް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy