އޭނާގެ ހެޓްރިކާ އެކު މެންޗެސްޓާ ސިޓީގެ މައްޗަށް ހޯދުނު މޮޚަކީ ވަރަށް ދުވަހަށް ފަހު ލިބުނު ބޮޑު އުފަލެއް ކަމަށް ފެޑެރީކޯ ވަލްވާޑޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގް މެޗުގައި ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗު ރރއާލުން ކާމިޔާބު ކުރީ ވަލްވާޑޭގެ ހެޓްރިކާ އެކު 3-0 ންނެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާނަބޭއުގައި ކުޅުނު މެޗުގެ ބަތަލަކީ ފުރަތަމަ ހާފުގައި އެންމެ 22 މިނެޓުގެ ތެރޭގައި ހެޓްރިކެއް ފުރިހަމަކުރި އުރުގުއޭގެ މިޑްފީލްޑަރު ވަލްވާޑޭ އެވެ.
ކީލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް ފަދަ ތަރިން އަނިޔާގެ ސަބަބުން މެޗުގައި ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް، ވަލްވާޑޭގެ މޮޅު ކުޅުމާ އެކު މާޑްރިޑުން ވަނީ ޕެޕް ގާޑިއޯލާގެ ސިޓީ ފުނޑުފުނޑުކޮށްލާފައެވެ.
އުފަލުން ހުރި ވަލްވާޑޭ ބުނީ ރޭގެ މެޗަކީ ހުވަފެނެއް ފަދަ ރޭގަނޑެއް ކަމަށެވެ. މިވަރުގެ މެޗަކުން އުފަލެއް މި ލިބުނީ ވަރަށް ދުވަހަށް ފަހު ކަމަށް އޭނާ ބުންޏެވެ.
"(މިއީ) އާދަޔާހިލާފު ކަމެއް، މިކަހަލަ މެޗުތަކެއް އައުމަށް އެދި ހުވަފެން ދެކޭނެ،" މޫވިސްޓާ އަށް ދިން އިންޓަވިއުގައި ވަލްވާޑޭ ބުންޏެވެ.
"މިވަރުގެ މެޗަކުން އުފަލެއް މި ލިބުނީ ވަރަށް ދުވަހަށް ފަހު. އަހަރެން ވަރަށް އުފާވެއްޖެ، އެކަމަކު ހުރިހާ ކަމަކަށް ވުރެ ބޮޑަށް އުފާވަނީ ޓީމު މޮޅުވީމަ."
މެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ވަލްވާޑޭ ކާމިޔާބުކުރީ ކީޕަރު ޓިބޯ ކޯޓުއާ ފޮނުވާލި ދިގު ބޯޅައެއް ހޯދައި، ސިޓީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ކައިރިން ނައްޓާލުމަށްފަހު އެވެ. އޭގެ ހަތް މިނެޓު ފަހުން ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ދެވަނަ ލަނޑު ޖެހި އެވެ. ހެޓްރިކް ފުރިހަމަ ކުރީ ހާފު ނިމެން އުޅެނިކޮށް ބްރަހީމް ޑިއާޒްގެ ބޯޅައަކުންނެވެ. ދެވަނަ ހާފުގައި ވިނީޝިއުސްއަށް ލިބުނު ޕެނަލްޓީއެއް ޑޮނަރުއްމާ ދިފާއުކުރި އެވެ.
އެކަމަކު އޭގެ ފައިދާ ސިޓީއަކަށް ނުނެގުނެވެ. ރެއާލްގެ ޑިފެންސް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ސިޓީގެ ތަރި އާލިން ހާލަންޑަށް މުޅި މެޗުގައިވެސް މާ ބޮޑު ނުރައްކަލެއް ކުރެވޭ ގޮތެއް ނުވި އެވެ.
މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމަށް މިހާ ބޮޑު ނަތީޖާއަކުން ބަލިވުން ހައްގު ނޫން ކަމަށެވެ. ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި އޭނާގެ ޓީމު ކުޅުނީ އެހާ ދަށްކޮށެއް ނޫނެވެ. ނަމަވެސް މާޑްރިޑުގެ އޭރިއާ ތެރޭގައި ފުރުސަތުތައް ނިންމާލުމުގައި ކުޅުންތެރިންގެ ތޫނުފިލިކަން ކުޑަވީ ކަމަށް ކޯޗު ބުންޏެވެ.
ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ މި ނަތީޖާ ސިފަކުރީ ވަރަށް "އަނދިރި ރެއެއް" ގޮތުގަ އެވެ.
މާޑްރިޑުގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނީ މާޑްރިޑަކީ ދުވަހަކުވެސް އުންމީދު ކަނޑާލާނެ ޓީމެއް ނޫންކަން ރޭ ސާބިތުކޮށް ދީފި ކަމަށެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު މެންޗެސްޓާގަ އެވެ. - (އޭއެފްޕީ)