އެންމެ ފަހުގެ ޗެމްޕިއަނެވެ. ބަންގްލަދޭޝްގައި ބާއްވަން އޮތް މުބާރާތް ރާއްޖޭގައި ބާއްވަން ހަމަޖެހުމަކީ ރާއްޖެ އަށް ފުޓްބޯޅައިގައި މިދިޔަ ތިން އަހަރު ލިބުނު އެންމެ އުފާވެރި ޚަބަރެވެ. ކޮވިޑް-19 ގެ ސަބަބުން ޑޮމެސްޓިކް ފުޓްބޯޅަ ސީޒަނަށް އަސަރު ކުރި އެވެ. އެކަމަކު ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކޮވިޑުގެ އެންމެ ސޭފް ގައުމަކީ ރާއްޖެ އެވެ. އޮގަސްޓް މަހު ރާއްޖޭގައި ވަނީ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖު ކުރިއަށް ގެންގޮސްފަ އެވެ.

އަމިއްލަ ގައުމުގައި މުބާރާތް ބާއްވާތީ، ތައްޓާ މެދު ކުރެވޭ އުންމީދު ބޮޑެވެ. ދިވެހިންގެ ހުރިހާ އުންމީދެއް ހުރީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންކަން ހޯދީ ޓީމުގައި ހިމެނު މުހިންމު ހުރިހާ ކުޅުންތެރިން މިފަހަރު ވެސް ރާއްޖޭގެ ސްކޮޑްގައި ހިމެނެ އެވެ. އޭރު އޮތް ޓީމަށް ވުރެ މިހާރު އޮތް ޓީމު ވަރުގަދަ ކަމަށް ކުރީގެ ކުޅުންތެރިން ފާހަގަ ކޮށްފައިވެ އެވެ.

ކޯޗު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކޯޗުކޮށްދޭނީ ދިވެހި ކޯޗެއްކަން އިއުލާން ކުރި ހިސާބުން އެންމެން ވެސް ބުނީ އެ ކޯޗަކަށް ވާނީ އަލީ ސުޒޭން ކަމަށެވެ. ކުރީގެ ކޯޗް މާޓީން ކޫޕްމަންގެ އެސިސްޓެންޓަކަށް ހުރި ސުޒޭން ވަނީ ސެޕްޓެމްބަރ މަހު، 23 އަހަރުންދަށުގެ ގައުމީ ޓީމާ ހަވާލުވެފަ އެވެ. ގައުމީ ޓީމުގެ ކޯޗުކަން އޭނާއާ ހަވާލު ކުރީ ސާފް ޗެމްޕިއަންޝިޕަށެވެ.

ކޯޗް އަލީ ސުޒޭން
ކޯޗް އަލީ ސުޒޭން

އެކްޓިވްކޮށް ފުޓްބޯޅައިގައި މަސައްކަތްކުރާ ކޯޗުންގެ ތެރެއިން އެންމެ ކާމިޔާބު ދިވެހި ކޯޗަކީ ސުޒޭނެވެ. ކޯޗެއްގެ ގޮތުގައި 11 ތަށި އޭނާ ހޯދި އެވެ. ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރު ވަމުން ދިޔައިރު، މި މަހު ކުރީ ކޮޅު ސުޒޭން ކޮވިޑް އަށް ޕޮޒިޓިވްވި އެވެ. އެހެންވެ ގަތަރުގައި ޓްރޭނިންތަކުގެ ބޮޑު ބައެއް އޭނާ އަށް ގެއްލުނެވެ. ގަތަރުގައި އޭނާ އަށް ޓްރޭނިންތަކުގައި ބައިވެރިވެވުނީ އެންމެ ފަހު ތިން ދުވަހު އެވެ. އެކަމަކު ޓީމު ހޯދާފައިވާ ކުރިއެރުމާ މެދު ސުޒޭން ހިތްހަމަޖެހެ އެވެ. ސާފް ޗެމްޕިއަންޝިޕް ވާނީ ކޯޗިން ކެރިިއަރުގައި އޭނާ ނަގާ އެންމެ ބޮޑު ޗެލެންޖަށެވެ.

އޫރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޝެޑިއުލް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހިރާއްޖެ

- އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ދިވެހިރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ދިވެހިރާއްޖެ