އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ނެގި ރާއްޖޭގެ ގައުމީ ސްކޮޑުން ބުރު ސްޕޯޓްސްގެ ކެޕްޓަން އަލީ ހަމްދާނަށް ފުރުސަތު ދީފި އެވެ.
މިއީ ސީނިއާ ގައުމީ ޓީމުގެ ސްކޮޑަށް އޭނާ ނެގި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، 2019 ގައި 23 އަހަރުންދަށުގެ ގައުމީ ޓީމުގައި އޭނާ ހިމެނުނެވެ. އަދި އޭގެ ކުރިން 19 އަހަރުންދަށުގެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ.
ގައުމީ ކޯޗު އިސްތަވާން އުރުބާނީ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑުން ވަނީ، ކުރިން އޭނާ ނެގި ސްކޮޑުގައި ނުހިމެނޭ ބައެއް ކުޅުންތެރިންނަށް ޖާގަ ދީފަ އެވެ. މިދިޔަ މަހާއި މި މަހު ކުރީކޮޅު ކުޅުނު މެޗުތަކަށް ނެގި ސްކޮޑުގައި ނުހިމެނުނު ކުޅުންތެރިންގެ ތެރެއިން، މިފަހަރު ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި ވިކްޓަރީގެ ކެޕްޓަން ނާއިޒު ހަސަން (ދާދު) ހިމެނެ އެވެ.
ޗައިނާ އާއި ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށް ކުޅުނު މެޗުތަކަށް ނެގި ސްކޮޑުގައި ދާދުއަށް ބައިވެރި ނުވެވުނީ އާއިލީ ކަމެއް ދިމާވުމުންކަމަށް، އުރްބާނީ އޭރު ބުންޏެވެ.
ނިއު ރޭޑިއަންޓްގެ ޒުވާން އެޓޭކިން މިޑްފީލްޑަރު އީތަން އިބްރާހިމް ޒަކީ ވެސް އެ ތިން މެޗަށް ނެގި ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ. އުރްބާނީ ބުނިގޮތުގައި އެއީ، އޭރު އީތަންގެ ސްކޫލް އިމްތިހާނު އޮތުމުންނެވެ. ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުން އުރްބާނީ ވަނީ އޭނާ އަށް ވެސް ފުރުސަތު ދީފަ އެވެ.
އެ ފަހަރުގެ ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިންގެ ތެރެއިން، މިފަހަރު ނެގި ސްކޮޑްގައި ދެން ހިމެނޭ ކުޅުންތެރިޔަކީ ވިކްޓަރީގެ އެއްވަނަ ކީޕަރު މަހައްމަދު ޝަފީއު (ޗެކް) އެވެ. އޭރު އޭނާ ހުރީ އަނިޔާގަ އެވެ.
ގައުމީ ޓީމުން ޖާގަ ދިން ފާހަގަކުރެވޭ އަނެއް ކުޅުންތެރިޔަކީ ނިއު ރޭޑިއަންޓްގެ މުހައްމަދު ނާއިމެވެ. މިއީ އުރުބާނީގެ ދައުރުގައި ގައުމީ ސްކޮޑުން އޭނާއަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބައެއް އެހެން ކޯޗުންގެ ދައުރުގައި ނާއިމަށް ގައުމީ ޓީމުން ޖާގަ ދީފައިވެ އެވެ.
ލީގުގައި މޮޅު ކުޅުމެއް ދެއްކައި ލަނޑުތަކެއް ޖެހި ނަމަވެސް، ވިކްޓަރީގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ޓީމުގައި ހިމަނާފައެއް ނުވެ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން، ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް ކުރިއަށް ގެންދާނީ އިންޑޮނޭޝިއާގަ އެވެ. ގައުމީ ޓީމު މިއަދު ވަނީ އެ ގައުމަށް ދާން ފުރާފަ އެވެ. ޖުމުލަ 24 ކުޅުންތެރިން ހިމެނޭ ސްކޮޑްގެ އެންމެ ކުޅުންތެރިޔެއް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ވަނީ މިއަދު ޓީމާ އެކު ފުރާފަ އެވެ.
ޓީމާ އެކު މިއަދު ދަތުރުނުކުރާ ކުޅުންތެރިޔަކީ އޮޑި ސްޕޯޓްސްގެ ޑިފެންޑަރު އަހްމަދު އައިހަމް (އައިހު) އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ އަންހެނުން މިއަދު ވަނީ ވިހައިފަ އެވެ. އެއީ އެ ދެމަފިރިންގެ ދެވަނަ ދަރިފުޅެވެ. އޭނާ ޓީމާ ގުޅޭނީ ބުދަ ދުވަހު އެވެ.
ބަންގްލަދޭޝްގައި މިއަންނަ މަހު 4-17 އަށް ކުރިއަށް ގެންދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން އިންޑިއާ އަދި ޕާކިސްތާނާ އެކު ގުރޫޕް ބީގަ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑް
ގޯލް ކީޕަރުން: މުހައްމަދު އަޝްވާން (އޮޑި ސްޕޯޓްސް)، ހުސައިން ޝަރީފް (މާޒިޔާ)، މުހައްމަދު ޝަފީއު (ވިކްޓަރީ)
ޑިފެންޑަރުން: ސަމޫހު އަލީ (މާޒިޔާ)، ހަސަން އީނާޒް (ޓީސީ ސްޕޯޓްސް ކްލަބް)، ހުސައިން ޝިފާއު ޔޫސުފް (ވިކްޓަރީ)، އަހުމަދު އައިހަމް - އައިހު (އޮޑި)، އަމްދާން އަލީ (ނިއު ރޭޑިއަންޓް)، ތޯއިފް ގާސިމް (ބުރު)، އަހުމަދު މާއިޝް ރަޝީދު (ވިކްޓަރީ)
މިޑްފީލްޑަރުން: އަހުމަދު އައިހަމް - ފަތޯ (މާޒިޔާ)، އިބްރާހީމް ވަހީދު ހަސަން (އޮޑި)، އިބްރާހީމް އައިސަމް (މާޒިޔާ)، ނިޝާމް މުހައްމަދު ރަޝީދު (މާޒިޔާ)، އަހްޒަމް ރަޝީދު (އޮޑި)، އީތަން އިބްރާހީމް ޒަކީ (ނިއު ރޭޑިއަންޓް)، އަލީ ހަމްދާން (ބުރު ސްޕޯޓްސް ކްލަބް)،
ފޯވާޑުން: އިބްރާހީމް މަހުދީ ހުސައިން (މާޒިޔާ)، ނައްސާހު އިބްރާހީމް ނާސިރު (މާޒިޔާ)، ނާއިޒް ހަސަން (ވިކްޓަރީ)، އަލީ ފާސިރު (ނިއު ރޭޑިއަންޓް)، މުހައްމަދު ނާއިމް (ނިއު ރޭޑިއަންޓް)، މުޒްދާން ހަސަން (އޮޑި)، އަބްދުﷲ ލޫތު އިބްރާހީމް (މާޒިޔާ)