އިންޑިއާ ނެގުމަށް ފަހު ސަރަހައްދުގެ ފުޓްބޯޅައިގައި ދެން އޮތް އެންމެ ކާމިޔާބު ގައުމު، ރާއްޖެއަށް ވެގެން ދިޔަ ގޮތް އެންމެންނަށް އެނގެ އެވެ. ކުޅުން ދަށްވެ، ނަތީޖާތައް ގޯސްވާން ފެށީ އެވެ. ސާފް ޗެމްޕިއަންޝިޕްގައި 1997 ގައި ދިވެހިން ވާދަކުރަން ފެށިފަހުން، މިހާތަނަށް ރާއްޖެއަކީ އެ މުބާރާތުގެ ފޭވަރިޓުން ލިސްޓްގައި ހިމެނުނު ޓީމެކެވެ. އެކަމަކު އެ ހާލަތު ބަދަލުވެއްޖެ އެވެ. ސާފްގައި ކިރިކިރިޔާ އެލިގަނެގެން އޮއޭވަރު ފިޔަވައި، އެހެން ވަރެއް ދިވެހި ފުޓްބޯޅައިގައި މިހާރަކު ނެތެވެ. 

ކުރިން ރާއްޖޭން ފަސޭހަކަމާ އެކު ބަލިކުރަމުން ދިޔަ، ޕާކިސްތާނާއި ބަންގްލަދޭޝް އާއި ސްރީ ލަންކާއާ ދެކޮޅަށް ވެސް ވާދަކުރަން އުނދަގޫވެއްޖެ އެވެ. އެ ތިން ގައުމުގެ ފުޓްބޯޅަ އަށް މިދިޔަ ތިން އަހަރުތެރޭގައި ގެންނަން ފެށި ބަދަލުގެ ނަތީޖާ، އެ ޓީމުތަކުގެ ކުޅުމަށް އައި ކުރިއެރުމުން އެ ފުނުނީ އެވެ. އެ ގައުމުތަކުގެ ދަރިކޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގައި ކުޅޭ ތަރިން، އަތްފުނާއަޅައިގެން ހޯދައި، އެ ޓީމުތަކަށް ގެނެސްފައިވާ ބަދަލު ވެސް އެންމެންގެ ލޯ ކުރިމައްޗަށް އެ ހުރީ ފެންނާށެވެ. 

އެ ބަދަލުތައް އެ ގައުމުތަކުން ގެނައީ އަހަރުތަކެއް ވަންދެން ދަށް ނަތީޖާތަކެއް ކުރިމަތިވުމުން، އާންމުކޮށް އަމަލުކުރާ އުސޫލަށް ގެނައި ބަދަލެއްގެ ގޮތުންނެވެ.

ރާއްޖޭގައި ނަތީޖާ ގޯސްވާ ކޮންމެ ފަހަރަކު، އާންމު އުސޫލުން، ކޯޗަކަށް ހުންނަ މީހެއްގެ ބޮލަށް ޖަހައި، ދެން އެ ކޯޗަކު ވަކިކޮށް ބޭރުކޮށްކޮށްލަ އެވެ. އެކަމަކު މި އުޅެނީ ހަމައެކަނި ކޯޗުގެ މައްސަލައެއް ނޫންކަން ސާފުކޮށް އެނގެ އެވެ.

އޭގެ ހެއްކަކީ ރާއްޖޭގައި މަސައްކަތްކޮށް ފެއިލްވިކަމަށް ބުނެ އަހަރެމެން މިތަނުން ފޮނުވާލި، ކުރީގެ ކޯޗު ޕީޓާ ސެގަޓް، އޭގެ ފަހުން ތަޖިކިސްތާނުގެ ގައުމީ ޓީމާ ހަވާލުވެ ކުރި ކާމިޔާބު މަސައްކަތެވެ. އޭޝިއަން ކަޕަށް އެ ގައުމު މުޅިން އަލަށް ކޮލިފައިކޮށް ދީ އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް އޭނާ މަގާމު ދޫކޮށްލީ ޝަރަފުވެރިކަމާ އެކު އެވެ. 

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ދަށް ނަތީޖާތަކުގެ ޒިންމާ ހަމައެކަނީ ކޯޗު އިސްތަވާން އުރްބާނީ ބޮލަށް ކަނޑަލަން އުޅޭތަން އެބަ ފެނުނެވެ. މެޗުތަކުން ނަތީޖާ ނުނެރެވުމުގައި އޭނާ އަށް ވެސް ގޯސްތައް ހެދިފައި އެބަހުރިކަމަށް ތަޖުރިބާކާރުން ބުންޏެވެ.

އެކަމަކު މި އުޅެނީ ހަމައެކަނި އުރްބާނީ މައްސަލައެއް ނޫނެވެ.

"މި އުޅެނީ މިތާންގައި ރަނގަޅު ސިސްޓަމެއް ނެތިގެން. އެފްއޭއެމްގެ މި އެކްސްކޯއަށް އަހަރަކަށް ވުރެ ވެސް ގިނަ ދުވަސްވެއްޖެ. އެކަމަކު މި ބުނާ ސްޓްރަކްޗަރަލް ސިސްޓަމް ބިނާކުރަން އެއްވެސް ކަމެއް ކޮށްފައި އޮތް މަންޒަރެއް ނުފެނޭ. ތެދެއް ޑޮމެސްޓިކް މުބާރާތްތައް އެބަ ބާއްވާ،" މައްސަލައިގައި ވާހަކަ ދެއްކި ފުޓްބޯޅައިގެ ތަޖުރިބާކާރަކު ނަން ޖަހަން ބޭނުން ނުވެ، ބުންޏެވެ.

ޔޫރަޕުން ދަރިކޮޅުތަކުގެ ކުޅުންތެރިން ހޯދައިގެން، ޓީމު އެކުލަވާލާ ޕާކިސްތާނާއި ބަންގްލަދޭޝާ އާއި ލަންކާއާ ދެކޮޅަށް ވާދަކުރާނެ ގޮތް އިންޑިއާއިން އެ ބުނެދިނީ އެވެ. އިންޑިއާއިން އެކަން އެ ކުރީ، ހަމައެކަނީ އަމިއްލަ ގައުމުގެ އެކަޑަމީތަކާއި ޔޫތު ޑިވެލޮޕްމެންޓް މަރުހަލާތަކުން އުފެއްދި ޒުވާން ކުޅުންތެރިން ބޭނުންކޮށްގެންނެވެ. 

"އިންޑިއާއަށް އެކަން އެ ކުރީ އެ ގައުމުގެ ފުޓްބޯޅައިގައި އެ ސިސްޓަމް އަހަރުތަކެއް ކުރިން ސުރެ ބިލްޑްކޮށްފައި އޮތީމަ،" ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ. 

އުމުރުފުރާތަކުގެ މުބާރާތްތަކުގައި އިންޑިއާގެ ފެންވަރު މައްޗަށް ޖައްސާލައިފި އެވެ. މި މަހު ނިންމާލީ އޭޝިއާގެ 17 އަހަރުންދަށުގެ ކޮލިފައިން މުބާރާތުން، އެ އުމުރުފުރާގެ އޭޝިއަން ކަޕަށް ކޮލިފައިވި ދެކުނު އޭޝިއާގެ ހަމައެކަނި ޓީމަކީ އިންޑިއާ އެވެ. އަންނަ އަހަރު ޗައިނާގައި ބާއްވާ 20 އަހަރުންދަށުގެ އޭޝިއަން ކަޕަށް ވެސް އިންޑިއާ ވަނީ ކޮލިފައިވެފަ އެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ނާކާމިޔާބާ އެކު ވެސް، އެފްއޭއެމް އަދި އޮތީ ހިމޭންކޮށެވެ. މުބާރާތުގެ ކުރިން ކޯޗު އުރްބާނީ ވަނީ، ކޯޗެއްގެ މަސްއޫލިއްޔަތުތައް ދުކޮށްލައި ހަމައެކަނި ޓެކްނިކަލް ޑައިރެކްޓަރަކަށް ހުސްވެ ހުރުން ކައިރިކަމަށް ބުނެފަ އެވެ. އެކަމަކު އަދި މިހާތަނަށް އެކަމާ ބެހޭގޮތުން އެފްއޭއެމުން އެއްވެސް ނިންމުމެއް ނިންމިކަމެއް ހާމަކޮށްފައެއް ނުވެ އެވެ. 

މައުލޫގައި، "މިހާރު" އާ ވާހަކަ ދެއްކި ތަޖުރިބާކާރު އެހެން ކޯޗަކު ބުނީ، ސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު އޮތް މޮޑެލްއާ ވާދަކުރަން ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

ފުޓްބޯޅައިގެ ހަރުދަނާ ސިސްޓަމެއްގައި ހުންނަން ޖެހޭ ސިފަތަކަކީ ކޮބައިކަން، އޭނާ ވަނީ "މިހާރު" އަށް ފޮނުވި މެސެޖްގައި ހިއްސާކޮށްފަ އެވެ. 

އޭނާ ބުނި ގޮތުގައި ރަނގަޅު ސިސްޓަމެއް ރާއްޖޭގެ ފުޓްބޯޅައިގައި ނެތެވެ. އެހެންވެ އާންމުކޮށް އަމަލުކުރާ އުސޫލުތައް މުޅިން ބަދަލުކުރަން ޖެހޭކަން ފާހަގަ ކުރި އެވެ. 

ފުޓްބޯޅައިގެ ކޯޗެއް އަދި މެނޭޖްމެންޓްގައި ވެސް މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ހިއްސާ ކުރި ހުލާސާ ނުކުތާތަކަކީ؛

        - ނަތީޖާއެއް ނުނެރެވޭ، މިހާރުގެ ނިޒާމު އެއްކޮށް ބަދަލުކޮށް އަލުން ފެށުން.

        - ޒުވާން ކުޅުންތެރިން ބިނާކުރަން (ޔޫތު ޑިވެލޮޕްމަންޓް) ހަރުދަނާކުރުން.

        - ގްރާސްރޫޓް ފުޓްބޯޅައަށް އިސްކަންދިނުން.

        - ގްރާސްރޫޓް ފެންވަރުން ފެށިގެން ސެމީ ޕްރޮފެޝަނަލް އަދި ޕްރޮފެޝަނަލް ފެންވަރަށް ކުޅުންތެރިން ދާނެ ސާފު މަގެއް ރޭވުން.

        - ކޯޗިން މެތޮޑިއޮލޮޖީތައް ބަދަލުކުރުން. 

        - ކުރު ރާސްތާ، މެދު ރާސްތާ އަދި ދިގު ރާސްތާގެ ލަނޑުދަނޑިތަކެއް ކަނޑައެޅުން.

މި ނުކުތާތައް ހިއްސާކުރުމަށް ފަހު އޭނާ ބުނީ އަދި މިއީ މަދު މިންވަރެއް ކަމަށެވެ. 

މުހިންމު އެހެން ވިސްނުމެއް ވެސް އޭނާ ފާޅުކުރި އެވެ. އޭނާ ބުނިގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ އައިޑެންޓިޓީއަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށެވެ. 

"އަހަރެމެންގެ ފުޓްބޯޅައިގެ އަމިއްލަ ގޮތަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ. ދިވެހި ފުޓްބޯޅައިގެ ގޮތަކީ ކޮބައިތޯ؟ އަހަރެމެންގެ ފުޓްބޯޅަ ގޮތަކީ ކޮބައިތޯ އެއްބަސްވެ މިކަން ތަންފީޒު ކުރެވޭނެ އެންމެ އެކަށީގެންވާ ޓެކްނިކަލް ޑިރެކްޓަރަކާއި ކޯޗުން ހޯދަންޖެހޭ،" އޭނާ ލިޔެފައިވެ އެވެ.

"ކޮންމެ ގައުމެއްގައި ވެސް އެ ޤައުމެއްގެ އަމިއްލަ ފުޓްބޯޅަ ކުޅޭ ގޮތެއް ނުވަތަ އައިޑެންޓިޓީއެއް އޮވޭ. ހިތާމަކުރަންޖެހޭ ކަމަކީ އަހަރެމެންގެ އެފަދަ ގޮތެއް ނެތުން. އެހެންކަމުން ކޮންމެ ކޯޗަކު އަޔަސް، އަހަރެމެންނަށް ޖެހެނީ އެ ކޯޗަކު ބޭނުންވާ ގޮތަކަށް ކުޅެން."