ރެނެސް (އޮކްޓޯބަރު 3) – ހިލޭ ޓްރާންސްފާއެއްގެ ދަށުން މިސީޒަނުގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ލިއޮނެލް މެސީ އެޓީމާ އެކު ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

ފްރެންޗް ލީގުގައި އެޓީމު މިއަދު ބަލިވީ ރެނެސްއާ ވާދަކޮށް 2-0 އިންނެވެ.

ކުރީގެ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ނުކުތީ މެސީގެ އިތުރުން ނޭމާ އާއި ކިލިއަން އެމްބާޕޭ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ނަމަވެސް ރެނެސްގެ ދަނޑުގައި ކުޅުނު މިމެޗުގައި ޕީއެސްޖީއަށް ގޯލާ އަމާޒުކޮށް އެއްވެސް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ޕީއެސްޖީން މިސީޒަނުގައި ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ސިލްސިލާއަށް މިވަނީ ނިމުމެއް އައިސްފަ އެވެ.

ރެނެސްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޖަހައިދިނީ ގަޓޭޓާން ލަބޯޑް އެވެ. އަދި ދެވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ޖަހައިދިނީ ޕްލޭވިއަން ޓައީޓް އެވެ.

ޕީއެސްޖީގެ އެމްބާޕޭ މިމެޗުގައި ގޯލެއް ޖެހި ނަމަވެސް ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު އޭނާ ހުރީ އޮފްސައިޑުގައި ކަމަށް ނިންމައިފަ އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް އެމްބާޕޭއަށް ގޯލެއް ޖެހޭގޮތް ވަނީ ނުވެފަ އެވެ. ޕީއެސްޖީން ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ މެސީ ފޮނުވާލި ހިލޭޖެހުމަކުންނެވެ. މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުން ބަލިވި ނަމަވެސް އެޓީމު އޮތީ ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށް 24 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލެންސަށް ނުވަ މެޗުން ލިބެނީ 18 ޕޮއިންޓެވެ.