ކުޅިވަރު / ދުނިޔޭގެ ކުޅިވަރު

ނޯވޭގެ ޗެމްޕިއަން ބޯޑޯ/ގިލްމްޓް އަތުން މޮރީނިއޯގެ ރޯމާ އަށް ލަދުވެތި ބައްޔެއް

ބޯޑޯ (އޮކްޓޯބަރު 22) - ޔޫއެފާ ކޮންފަރެންސް ލީގުގައި ނޯވޭގެ ޗެމްޕިއަން ބޯޑޯ/ގިލްމްޓްއާ ވާދަކޮށް، ހޯސޭ މޮރީނިއޯގެ ރޯމާ 6-1 އިން ބަލިވެއްޖެ އެވެ.

ނޯވޭގައި ކުޅުނު މި މެޗުގެ ނަތީޖާއަކީ މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ވެސް އޭނާ އަށް ކުރިމަތިވި އެންމެ ހިތްދަތި ނަތީޖާ އެވެ. މިއީ އޭނާގެ ކޯޗިން ކެރިއަރުގެ 1،008 ވަނަ މެޗުގައި ބައިކޮޅަށް ހަ ގޯލު ވަން ފުރަތަމަ މެޗެވެ.

މީގެ ކުރިން މޮރީނިއޯގެ އިރުޝާދުގެ ދަށުން އެންމެ ތަފާތު ބޮޑުކޮށް ބަލިވީ 2010 ވަނަ އަހަރު އޭނާ ރެއާލް މެޑްރިޑުގައި ހުރިއިރު އެވެ. އެ ފަހަރުގެ އެލް ކްލެސިކޯ މެޗަކުން ރެއާލް ވަނީ ބާސެލޯނާ އަތުން 5-0 އިން ބަލިވެފަ އެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން ޕޯޓޯ އާއި އިންޓަ މިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. ކޮންފަރެންސް ލީގަކީ މި ސީޒަނުގައި ޔޫއެފާ އިން ފެށި ތިންވަނަ ފަންތީގެ މުބާރާތެކެވެ.

ރޭގެ މެޗުގައި ބޯޑޯ/ގިލްމްޓް ވަނީ ފުރަތަމަ 20 މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އެރިކް ބޮތެއިމް އާއި ޕެޓްރިކް ބާގެވެ. އެ އަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާ އަށް ފަރަގު ކުޑަކޮށްދިނީ ކާލެސް ޕެރޭޒް އެވެ.

ދެވަނަ ހާފުގައި މޮރީނިއޯ ގެނައި ބަދަލުތަކާއެކު ވެސް ބޯޑޯ/ގިލްމްޓް ވަނީ މި ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ބޮތެއިމް ޖަހައިދިންއިރު، އަނެއް ތިން ލަނޑު ޖެހީ އޮލާ ސޯލްބަކެން އާއި އަމާލް ޕެލެގްރީނޯ އެވެ. ސޯލްބަކެން ވަނީ މި ހާފުގައި ދެ ގޯލު ޖަހައިފަ އެވެ.

މި މެޗުގައި މޮރީނިއޯ ވަނީ ރޯމާގެ ފުރަތަމަ 11 ގައި އާއްމުކޮށް ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް އަރާމު ކުރުމަށް ދީފަ އެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ، ފަަރިތަކުރުންތަކުގައި ބުރަކޮށް މަސައްކަތްކުރި ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނީ ސްކޮޑް ރޮޓޭޓް ކުރުމުގެ މަގްސަދުގައި ކަމަށާއި ބަލިވުމުގެ ޒިންމާ އޭނާ ފުރިހަމައަށް ނަގާ ކަމަށެވެ.

މި ނަތީޖާއާއެކު ރޯމާ އޮތީ ހަ ޕޮއިންޓާއެކު ކޮންފަރެންސް ލީގު ގުރޫޕް ސީގެ ދެވަނައިގަ އެވެ. ހަތް ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ބޯޑޯ/ގިލްމްޓް އެވެ. ތިން މެޗުން ހޯދި ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ޔޫކްރޭންގެ ޒޯރްޔާ ލުހަންސްކް އެވެ. ފުލުގައި އޮތް ރަޝިއާގެ ސީއެސްކޭއޭ ސޯފިއާ އަށް ލިބުނީ އެއް ޕޮއިންޓެވެ.

މިދިޔަ ސީޒަނުގެ ކުރީކޮޅު މޮރީނިއޯ ކޯޗު ކޮށްދިން އިނގިރޭސި ޓީމު ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ ރޭ ރަށުން ބޭރުގައި ނެދަލެންޑްސްގެ ވިޓޭސޭއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.

ޓޮޓެންހަމް ހިމެނޭ ގުރޫޕުގެ އެއްވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި ސްލޮވީނިއާގެ މުރާ 2-1 އިން ބަލިކުރި ފްރާންސްގެ ރެނެސް އެވެ. ރެނެސް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފަ އެވެ. ހަ ޕޮއިންޓާ އެކު ވިޓޭސޭ ދެވަނައިގައި އޮތްއިރު ތޮންވަނައިގައި ޓޮޓެންހަމް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ޕޮއިންޓެއް ނުލިބި މުރާ އޮތީ ގުރޫޕްގެ ފުލުގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454