ޢަރާދު، ބަހްރޭން (އޮކްޓޯބަރު 25) – ބަހްރެއިންގައި މިހާރު ކުރިއަށް ގެންދާ އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ފަހު މެޗުގައި ބަހްރެއިންގެ އަތުން ބަލިވެ، ދިވެހި ޒުވާން ޓީމަށް ކޮލިފައިން ނިމިއްޖެ އެވެ.

އެ ގައުމާ ވާދަކޮށް ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 އިންނެވެ. ރާއްޖެ ހިމެނޭ ގުރޫޕް ސީގައި ހިމެނޭ އަފްގާނިސްތާންގެ ޓީމަށް ބަހްރެއިނަށް ދަތުރު ނުކުރެވުމުން، ގުރޫޕުގެ ކުޅުން ކުރިޔަށް ގެންދަނީ ތިން ޓީމުގެ މެދުގަ އެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިރާގު އަތުން ބަލިވީ 4-0 އިންނެވެ.

ބަހުރެއިންގެ މެޗަށް ރާއްޖެ އިން ނެރުނީ ފުރަތަމަ މެޗުގައި އިރާގާ ދެކޮޅަށް ވެސް ކުޅުނު ފުރަތަމަ 11 އެވެ. މި ބައްޔާއެކު ރާއްޖެ އަށް ކޮލިފައިން ނިމުނަސް، ގުރޫޕުގެ ފަހު މެޗު ކާމިޔާބު ކޮށްގެން ބަހްރެއިނާއި އިރާގަށް ވެސް އަންނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައި ވުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖެ- ބަހްރެއިން މެޗުގައި ލީޑު ނެގީ 16 ވަނަ މިނިޓުގައި އަދްނާން ފަވާޒް އަލްޝިރާހް ޖެހި ލަނޑުންނެވެ.

މެޗުގެ 53 ވަނަ މިނިޓުގައި ބަހްރެއިނަށް ލިބުނު ޕެނަލްޓީއެއް ރާއްޖޭގެ ކީޕަރު އަލީ ނާޖިހް (ނާޖީ) ދިފާއު ކުރި ނަމަވެސް އޭގެ ދެ މިނިޓު ފަހުން ބަހްރެއިންގެ ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އަބްދުލްގައްޔޫމެވެ. އަދި ތިންވަނަ ލަނޑު 70 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ޖެހީ އަބްދުލް ފާދެލް އަލަސްފޫރެވެ.

ރާއްޖޭގެ ހަސަން ނަޒީމް (ޗޯޓު) އާއި އަބްދުﷲ ޔާމީން (ޔާނު) އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބައްސާމް މުހައްމަދު ނައީމް (ބައްކު) ބަހްރޭނުގެ ގޯލަށް ނުރައްކާ ކުރިޔަސް ގޯލު ޖެހުމުގައި ވަނީ އުނދަގޫތަކެއް ކުރިމަތި ވެފަ އެވެ.

މި މެޗުގައި ދެވަނަ ހާފުގައި ކުޅެން އެރި ރާއްޖޭގެ މުހައްމަދު ޖައިލަމް (އޮގީ) އަށް ވަނީ އަނިޔާވެގެން އަށިގަނޑުގައި ބާލަން ޖެހިފަ އެވެ.

މި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތަށް ކޮލިފައިވާ ޓީމެއް ޔަގީން ވާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ބަހްރެއިނާއި އިރާގު ބައްދަލުކުރާ މެޗަށް ފަހު އެވެ. ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް، ތިން ޕޮއިންޓް ހޯދައިފަ އެވެ.