ބްރެޒިލްއަށް މިހާރު ކުރިމަތިވަމުންދާ ގަދަ ކޮޅިގަނޑުތަކުގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ބްރެޒިލްގެ ސްޓޭޓެއްގެ ކަމަށްވާ ސައި ޕައޮލޯގެ ސަރުކާރު އިދާރާތަކުން ބުނި ގޮތުގައި އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު މިހާރުވަނީ 36 އަށް އަރައިފަ އެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުކާރުގެ އިދާރާތަކުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ބްރެޒިލްގެ ބައެއް ސަރަހައްދުތަކުގެ ހައިވޭތަކާއި މަގުތައް އޮތީ، އެއްގަމު އުޅަނދުވެސް ނުދުއްވޭ ވަރަށް ފެން ބޮޑުވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ހުރި ގެތައް ބާރު އޮއިވަރާއެކު ގޮސްފައިވާއިރު، ވަންނާނެ ގެދޮރެއް ނެތް އެތައް ބަޔަކު މިހާރު ތިބީ، އުސް ސަރަހައްދުތަކުގައި ހުރި ސްކޫލްތަކާއި ޕާކުތައް ފަދަ ތަންތަނުގައި ވަގުތީ ފޭލިގެ ޖަހައިގެންނެވެ.
ސައޮ ޕައޮލޯ އަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެ އެކަނިވެސް 600 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އެއީ މުޅި މި މަހުގެ ތެރޭގައި އެ ސަރަހައްދަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރި މިންވަރެވެ.
ބްރެޒިލް ސަރުކާރުން ބުނި ގޮތުގައި ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން، ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ ބައެއް މަގުތައް ކަނޑައިގެން ގޮސްފައިވާތީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ. ބައެއް ސަރަހައްދުތަކުގައި މަތިން ފައިބައިގެން އަންނަ ފެންގަނޑުގެ އޮއިވަރު ބާރުވުމުގެ ސަބަބުން، މީހުން ހޯދުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުކުރެވެ އެވެ.
ސައޮ ސެބަސްޓިއާއޯ ޓައުންގެ މޭޔަރު ފެލިޕް އޮގަސްޓޯ ވިދާޅުވި ގޮތުގައި ވާރޭ ވެހޭލެއް ބޯކަމުންނާއި ވައި ބާރު ކަމުން، މިހާތަނަށް ލިބުނު ގެއްލުން އަންދާޒާކޮށްލަން ވެސް ވަނީ ދަތިވެފަ އެވެ. އަދި އެ ސަރަހައްދުން މިހާތަނަށް 50 އަށް ވުރެ ގިނަ ގެ ވެއްޓިފައިވާ އިރު، ހާލުގައި ޖެހިފައިވާ މީހުން ތިބި ސަރަހައްދުތަކަށް ދިއުމުގައި، އެހީ ދޭ ޓީމުތަކަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ އެވެ.
މިހާރު ކުރަމުން ދާ ވިއްސާރައާ ގުޅިގެން، އެ ގައުމުގައި ބާއްވަމުން އަންނަ އަހަރީ ކާނިވަލުގެ ހަރަކާތްތައް ވެސް އުތުރުގެ ސަރަހައްދުތަކުގައި މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.