ޔޫޓިއުބް ބޭނުންކުރާ މީހުން ކޮންމެ ދުވަހަކު އެއް ބިލިއަން ގަޑިއިރުގެ ވީޑިއޯއަށް ވުރެ ގިނައިން ބަލާ ކަމަށް ޔޫޓިއުބުން ބުނެފި އެވެ.
ޔޫޓިއުބް ބޭނުންކުރާ އެތައް މިލިއަން ބަޔަކު ކޮންމެ ދުވަހަކު ބަލާ ވީޑިއޯގެ ދިގުމިނުގެ ޖުމުލަ އަދަދު އަހަރުގެ ގޮތުގައި މާނަކުރާ ނަމަ އެއީ 100،000 އަހަރުގެ ފުޓޭޖެވެ.
މިހާރު ކޮންމެ ދުވަހަކު ބިލިއަން ގަޑިއިރުގެ ވީޑިއޯއަށް ވުރެ ގިނައިން ބަލާ ކަމަށް ޔޫޓިއުބުން ބުނީ ހޯމަ ދުވަހު ޝާއިއުކުރި ބްލޮގް ޕޯސްޓެއްގަ އެވެ. އެކަމަކު ބުނީ މި މިންވަރަށް މިދިޔަ އަހަރު ތެރޭ ވީޑިއޯ ބަލަން ފަށާފައިވާ ކަމަށެވެ. ޔޫޓިއުބުން ބުނީ ޔޫޓިއުބް ބޭނުންކުރާ މީހުން ބަލާ ވީޑިއޯގެ ޖުމުލަ ދިގުމިނާއި ވީޑިއޯ ބެލި އަދަދު އިތުރުކުރުމަށް ވުރެ މިހާރު އިސްކަން ދެނީ ވީޑިއޯ ބެލުމަށް ކޮންމެ މީހަކު ވެސް ހޭދަކުރާ ވަގުތު އިތުރުކުރުމަށް ކަމަށެވެ.
އެ ވެބްސައިޓުން ބުނީ ވީޑިއޯއެއް ބެލުމަށް މީހަކު ހޭދަކުރާ ވަގުތަކީ އެ ވީޑިއޯއަކާ މެދު މީހަކު ގަޔާވި މިންވަރު ދެނެގަތުމަށް މުހިންމު މައުލޫމާތެއް ކަމަށެވެ.
ހަލުވިކަމާ އެކު ޔޫޓިއުބު ކުރިއަރަމުން އައި ނަމަވެސް ބޮޑެތި ގޮންޖެހުންތައް ވެސް ކުރިމަތިވެފައިވެ އެވެ. ޔޫޓިއުބްގެ ދަށުން ހިންގަން ފެށި ބައެއް ހިދުމަތްތައް ކަމު ނުގޮސްގެން، ބޮޑެތި ބައެއް ކުންފުނިތަކުން ޔޫޓިއުބް ދޫކޮށްލާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. އަދި ބައެއް ކުންފުނިތަކުން ޔޫޓިއުބް ދޫކޮށްލާފައި ވެސް ވެ އެވެ.
ފީ ދައްކައިގެން ބައިވެރިވެވޭ "ޔޫޓިއުބް ރެޑް" އަށް ވެސް ލިބިފައި ވަނީ އެންމެ 1.5 މިލިއަން ސަބްސްކްރިޕްޝަނެވެ. އެހެންވެ އެ ހިދުމަތަށް ވެސް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.