ފައިސާ ދޭ ނަމަ ޓްވިޓާގެ ހާއްސަ މެންބަރަކަށް

ވިޔަފާރިތަކަށާއި ޓްވިޓާގައި ނުފޫޒު ގަދަ މީހުންނަށް ހާއްސަކޮށްގެން، ފައިސާ ދީގެން ބައިވެރިވެވޭ ހާއްސަ މެމްބަޝިޕެއް އިހްތިޔާރެއް ދިނުމަށް ޓްވިޓާއިން ވިސްނަން ފަށައިފި އެވެ.


މައިކްރޮބްލޮގިން، އެންމެ މަގުބޫލު ވެބްސައިޓް ކަމަށްވާ ޓްވިޓާގައި ފީ ދައްކައިގެން ބައިވެރިވެވޭ އިޚްތިޔާރެއް ދިނުމުގެ ދިރާސާތައް ފަށާފައި މި ވަނީ ޓްވިޓާގައި އަލަށް ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުން ނުދިއުމާއި ވިޔަފާރީގެ ގޮތުން ގެއްލުންތަކާ ކުރިމަތިވަމުން ދާތީ އެވެ.

ފީ ދައްކައިގެން ބައިވެރިވުމުން ޓްވީޓްޑެކްގެ ހާއްސަ ވާޝަނެއް ލިބޭނެ އެވެ. އަދި ތަފާތު ފުރިހަމަ އިންޓަފޭސްއަކާއި މިހާރު ބޭނުންކުރާ ޓްވިޓާ ވެބްސައިޑުން ނުލިބޭ އާ ޚިދުމަތްތައް ވެސް ލިބޭނެ އެވެ. އެކަމަކު މި ޚިދުމަތާ އެކު އާންމު މީހުންނަށް ތަފާތު ޚިދުމަތެއް ދޭނެ ކަމުގެ އެއްވެސް އިޝާރާތެއް ޓްވިޓާއަކުން އަދި ނުދެ އެވެ.

ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކާ ގުޅޭ މީހުންގެ އަދަދު އިތުރުވެ ޓްވިޓާގެ އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅުގައި ގެންނަ މި ބަދަލުން އާމްދަނީ އިތުރުކުރެވޭނެ ކަމަށް ބެލެވެ އެވެ. ޓްވިޓާއަށް ރަނގަޅު އާމްދަނީއެއް މިހާރު ލިބެނީ ޓްވިޓާގައި ކުރާ އިސްތިހާރުން އެކަންޏެވެ.

ފީ ދައްކައިގެން ޓްވިޓާގައި ބައިވެރިވުމުން ލިބޭނެ ހިދުމަތާ ގުޅޭ ގޮތުން ޓްވިޓާއިން އާންމުކުރި ނަމޫނާއެއް

ޓްވިޓާއިން ނެރުނު ބަޔާނެއްގައި ބުނީ ޓްވިޓާގެ ބައެއް މެންބަރުންގެ މެދުގައި އާންމު އުސޫލުގެ މަތިން ސާވޭއެއް ކޮށްފައިވާ ކަމަށާއި ޓްވިޓާއިން ހުށަހެޅި މި އާ ޚިދުމަތަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.