ވަޓްސްއެޕްގެ މެސެޖުތައް މިހާރު ސިރީ ކިޔައިދޭނެ

އެޕަލް ޑިވައިސްތަކަށް ވަޓްސްއެޕް "އަޕްޑޭޓް"ކޮށްފި އެވެ. ވަޓްސްއެޕަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންމެ ފާހަގަކުރެވޭ ކަމަކީ، ވަޓްސްއެޕް މެސެޖްތައް ސިރީ ލައްވައި ކިޔުއްވުމެވެ. ބުނެލަން ޖެހެނީ މިހެންނެވެ. ވަޓްސްއެޕްގައި ހުރި މެސެޖްތައް ކިޔައިދީބަލާށޭ ބުނުމުން ސިރީ އެކަން ކުރާނެ އެވެ.


ސިރީ ލައްވައި ވަޓްސްއެޕް މެސެެޖްތައް ކިޔުއްވަން ބޭނުން ނަމަ، އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރަން ޖެހެ އެވެ. ވަޓްސްއެޕް އަށް ގެނައި މި ބަދަލަކީ އައިފޯނު ބޭނުންކުރާ މީހުން އެދިއެދި ތިބި ފީޗާއެކެވެ. ބޭނުންކުރާ މީހުން އެދެނީ "ތާޑްޕާޓީ" އެޕްލިކޭޝަންތައް ކޮންޓްރޯލްކުރުމަށް ސިރީ ބޭނުންކުރެވުމެވެ.

މެސެޖްތައް ކޮންޓްރޯލް ކުރުމަށް ސިރީ އަށް ބާރުތައް ދީފައި ވަނީ، "ޕޭމަންޓް ސިސްޓަމް"އެއް ތައާރުފުކުރަން ވަޓްސްއެޕް މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ. އެހެންކަމުން ސިރީއާ ގުޅިގެން މުވާސަލާތީ ފަސޭހަތައް ބޭނުންކުރާ މީހުންނަށް ފޯރުކޮށްދިނުމުގައި އެހެން އެޖެންޑާއެއް އޮތް ކަމަށް ބެލެވެ އެވެ.

އެޕަލް ނޫން ބަޔަކު އުފައްދާ އެޕްލިކޭޝަނެއްގައި ސިރީ ސަޕޯޓްކުރުވަން އެދޭ ނަމަ "ސިރީކިޓް" ބޭނުންކުރަން ޖެހެ އެވެ. އެ ނޫން ގޮތެއްގައި ސިރީ ލައްވާ "މަސައްކަތް"ކުރުވޭ ގޮތެއް ނޯވެ އެވެ. ސިރީކިޓް ބޭނުންކޮށްގެން ލިއްބައިދެވޭ ޚިދުމަތްތައް ދާއިރާތަކަކަށް ބަހާލާފައިވެ އެވެ. އޭގެ ތެރޭގައި އިންޓަނެޓް މެދުވެރިކޮށް ފޯނުކުރުން، މެސެޖްކުރުން، ޕޭމަންޓް އަދި ރެސްޓޯރަންޓް ރިޒަވޭޝަން ހިމެނެ އެވެ. އެޕަލްގެ އިތުރު އެހީއާ އެކު ހޮޓެލް ރިޒަވޭޝަން ހެދިދާނެ ކަމަށް ވެސް "ޑިވެލޮޕާސް ޑޮޓް އެޕަލް ޑޮޓް ކޮމް" ގައި ބުނެފައިވެ އެވެ.

ސްމާޓްފޯން އެޕްލިކޭޝަންތައް މެދުވެރިކޮށް ކުންފުނިތަކުން މާލީ ތަނަވަސްކަން ހޯދުމަށްޓަކައި، އަސާސީ ޚިދުމަތްތަކެއް ހިލޭ ދެ އެވެ. ވަޓްސްއެޕް އިން ކުރަން އެ އުޅެނީ މާލީ މުއާމަލާތްތަކެއް ކަމަށް ވަރަށް ބޮޑަށް ބެވެލެ އެވެ.