ބާރުގަދަ ކުންފުނިތަކުން، އަހަރަކު އެއްފަހަރު، ބާރުގަދަ ފޯނެއް މާކެޓްކުރެ އެވެ. އެއީ ވަކި ތަރުތީބަކުން ހިނގާ އާދަކާދައެކެވެ. އެ ކަމަކަށް އިންތިޒާރުކުރާ ބަޔަކަށް، އެ ވަގުތު އަންދާޒާކޮށް ކުރިއާލައި ވެސް އެނގެ އެވެ. މިހާރު މި އޮތީ ގެލްސްކީ އެސް9ގެ ވާހަކަ އެވެ.

ސެމްސަންގް ގެލަކްސީ އެސް8 އަށް ފަހު އެ އާއިލާ އަށް ދެން އަންނާނީ ގެލަކްސީ އެސް9 އެވެ. ބުނެވޭ ގޮތުގައި އެސް9 އުފެއްދުމަށްޓަކައި ސެމްސަންގް ކުންފުނީގައި ބުރަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. ގެލަކްސީ އެސް9 އުފައްދަނީ ކޯޑު ނަމެއް ދީގެންނެވެ. އެސް9 އަށް ކިޔަނީ "ސްޓާ" އެވެ. އެސް9 ޕްލަސް އަކީ "ސްޓާ 2" އެވެ.

އެސް9 އާ ބެހޭ ގޮތުން ދެެކެވޭ ވާހަކަތައް އަދި ވަރަށް މަދެވެ. އެހެން ނަމަވެސް އެ ފޯނު އުފެއްދުމަށްޓަކައި ސެމްސަންގުން އެހާ އަވަދިނެތި އުޅޭ ސަބަބަކަށް ބަލާލަން ޖެހެ އެވެ. އެއީ ފަހަރެއްގައި ކުރިއާލައި މާކެޓަށް ނެރުމަށް ކަމަށް ވެސް ވެދާނެ އެވެ.

ސްމާޓްފޯން މަސްރަހުގައި ދެން އޮތީ ސްކްރީންތައް ފަތްޖެހުމެވެ. ސްކްރީންތައް ލަންބާލުން ނުވަތަ އޮޅާލުމެވެ. އެސް9 ގައި ފަތްފަތްޖަހާލެވޭ ސްކްރީނެއް އިންނާނެ ކަމަށް ބުނާ ވާހަކަތަކެއް ވެސް އެބަ ފެތުރެ އެވެ.

ގެލަކްސީ އެސް9 އުފެއްދުމުގެ މަރުހަލާތައް އެހެނަށް ވުރެ ކުރިން ފަށައިފައި ވަނީ މުޅިން އާ ޓެކްނޮލޮޖީ ތައާރުފުކުރަން ކަމަށް ވެސް ބުނެވެ އެވެ. ފޯނު ބާރުގަދަކުރުމަށްޓަކައި ޕްރޮސެސާ ބަދަލުކުރާ ވާހަކަ ވެސް ދެކެވެ އެެވެ. އެސް8 ގައި ތައާރުފުކުރި "އިންފިނިޓީ" ޑިސްޕްލޭ ދޫކޮށް، ސްކްރީން ފަތްޖަހަން ފެށުމަކީ ވެސް އޮތް ފުރުސަތެކެވެ.

އިންޓަނެޓް ރިޕޯޓްތަކަށް އިތުބާރުކޮށް އެއްޗެއް ބުނާ ނަމަ، އެސް9 އުފެއްދުމަށްޓަކައި ސެމްސަންގުން ކުރިއާލައި އެ އުޅެނީ އެ ފޯނުގައި އާދަޔާ ޚިލާފު ކަމެއް އުޅޭތީ އެވެ. އެކަމަކު މި ވަގުތަށް އަދި އޮތީ ވާނުވާ ބަލަން ތިބުމެވެ. ސެމްސަންގް ގެލަކްސީ އެސް9 ނަމޫނާ ކުރެހުމެއް: އެސް9 އުފެއްދުމަށްޓަކައި ސެމްސަންގުން ހަލުއި މަސައްކަތްތަކެއް ކުރާ ކަމަށް ބުނެވޭ