ދާރަ ނެތް ޑިސްޕްލޭތައް އަގު ހެޔޮ ފޯނުތަކަށް

ދާރަ ނެތް ޑިސްޕްލޭތައް ސްމާޓްފޯނުތަކަށް ތައާރުފުކޮށްފި އެވެ. އެއީ ފޯނު އުފައްދާ ކުންފުނިތަކުން މި އަހަރު ހާސިލުކުރަން ކަނޑައެޅި ލަނޑުދަނޑިއެކެވެ. އެކަން ކުރަން މިހާރު އެންމެންނަށް އެނގެ އެވެ.


އާ ޓެކްނޮލޮޖީއެއް ތައާރުފުކުރަން ކުންފުނިތަކުން މަސައްކަތްކުރާއިރު އެއީ އަގު ބޮޑު ފީޗާއެކެވެ. އެ ފީޗާތައް އެންމެ ފުރަތަމަ ހިމަނަނީ އެ ކުންފުންޏަކުން އުފައްދާ އެންމެ އަގު ބޮޑު ފޯނުގަ އެވެ. ދާރަ ނެތް ޑިސްޕްލޭތައް ވެސް ފުރަތަމަ ޚިދުމަތަށް ނެރުނީ އަގުބޮޑު މަރުކާތަކަށް ޝަރަފެއް ގޮތުގަ އެވެ.

ސެމްސަންގް އިންފިނިޓީ ޑިސްޕްލޭގައި ދާރައެއް ނުހުރެ އެވެ. އަދި އެ އަށް ވުރެ ބޮޑަށް ދާރަ ދުއްވާލެވުމުން، އެއް ގޮތަކަށް ވެސް ދާރަ ނެތް ކަމަށް ބުނާނީ އެވެ. އެއީ އާދަޔާ ޚިލާފަށް މޮޅު ފީޗާއެއް ކަމަށް ބަލައި، ފުރަތަމަ ހިމެނީ ގެލަކްސީ އެސް8 އަދި އެސް8 ޕްލަސްގަ އެވެ. އެކަމަކު ތަންކޮޅެއް ދުރަށް ބަލާލާއިރު، ސެމްސަންގުން "ގެލަކްސީ ނޯޓް އެޖް" ވެސް ނެރުނެވެ. ގެލަކްސީ އެސް8 ވަރު ނުވި ނަމަވެސް، ނޯޓް އެޖްގެ ޑިސްޕްލޭގައި ވެސް ދާރަ އަށް ވާ ބައި އިންނަނީ ލަންބާލައިފަ އެވެ. އެ އަށް ފަހު، ގެލަކްސީ އެސް6 އެޖް، އަދި އެސް7 އެޖް ވެސް ވަނީ މާކެޓަށް ނެރެފަ އެވެ.

މިއީ ޑިސްޕްލޭގައި ދާރަ ނެތް ފޯނުތަކުގެ އަހަރެކެވެ. ވާދަވެރިންގެ ފޯނުތަކުގައި އަޅުވަން ސެމްސަންގް އިންފިނިޓީ ޑިސްޕްލޭ ނުލިބުނު ނަމަވެސް، ދާރަ ނެތް ޑިސްޕްލޭތަައް ވާދަވެރިންގެ ފޯނުތަކަށް ވެސް އެބަ އާދެ އެވެ. ވާވޭ، ޝޯމީ އަދި ވަންޕްލަސް ވެސް މި ރޭހަށް ވަނީ ވަދެފަ އެވެ. ސެމްސަންގް އަށް ވުރެ ބޮޑަށް ދާރަ ދުއްވާލެވޭ ގޮތެއް އެ މީހުން ދަސްކުރުމަކީ ވެސް ގާތްކަމެކެވެ.

ސެމްސަންގް ފޯނުތަކުން ސްމާޓްފޯން މާކެޓަށް އާންމުކުރި ދާރަ ނެތް ޑިސްޕްލޭތައް، އެ ކުންފުނީގެ ބަޖެޓް ފޯނުތަކަށް މިހާރު ވަނީ އަމާޒުކޮށްފަ އެވެ. މާނަ އަކީ ގެލަކްސީ އެސް8 ޕްލަސް އަދި ނޯޓް8 ފަދަ ފޯނުތައް، އަގު ބޮޑުވުން މައްސަލައަކަށް ވާ މީހުންނަށް ވެސް، އިންފިނިޓީ ޑިސްޕްލޭ ބޭނުންކުރަން ފުރުސަތު ލިބުމެވެ. ގެލެކްސީ އޭ5 (2018) އަދި އޭ7 (2018) ގައި ވެސް އެ ޒާތުގެ ޑިސްޕްލޭ އަޅުވާނެ ކަމަށް ބެލެވެ އެވެ. އެ ވާހަކަތައް ވަރަށް ގަދަ އަށް އެބަ ދެކެވެ އެވެ.