ޖަރުމަނުގެ ހެކިންގް ގުރޫޕަކުން ސެމްސަންގް ގެލަކްސީ އެސް8ގެ އައިރިސް ސްކޭނާ އަށް އޮޅުވާލައިފި އެވެ. އަދި އެ ބުއްދި ބޭނުންކޮށްގެން ފޯނުގެ ސެކިޔުރިޓީ ފޫވައްޓާލައި، ތަޅުލާފައި އޮތް ފޯނެއް ވަނީ ހުޅުވާފަ އެވެ. އިންޓަނެޓުގައި މި ވާހަކަތައް އުތުރިއެރިއިރު ވެސް، ސެމްސަންގުން އެކައްޗެކޭ ވެސް ނުބުނެވެ.

ހެކަރުން ބުނި ގޮތުގައި އެ މީހުން ފޯނު ހުޅުވީ ވަރަށް އާދައިގެ ފޮޓޯގަނޑެއް ބޭނުންކޮށްގެންނެވެ. އޭގެ އިތުރުން ކޮންޓެކްޓް ލެންސެއް ބޭނުންކުރި ކަމަށް ވެސް އެ ގޫރޫޕުން ވަނީ ބުނެފަ އެވެ.

ސެމްސަންގެ އޮފިޝަލަކު ބުނި ގޮތުގައި، ހެކަރުން އާންމުކުރި ވީޑިއޯގައި ފެންނަނީ އާދައިގެ މީހަކަށް ކުރެވޭ ކަހަލަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މީހަކު ކުރަން ބޭނުންވާނެ ކަމެއް ވެސް ނޫނެވެ.

ސެމްސަންގުން ވާހަކަދެއްކި މީހާއާ ހަވާލާދީ "ކޮރެއަން ހެރާލްޑް" ގައި ބުނެފައިވާ ގޮތުގައި، ވީޑިއޯގައި ބުނެދީފައި ހުރި ގޮތަށް، އެސް8ގެ އައިރިސް ސްކޭނާ އަށް އޮޅުވާލަން ބޭނުން ނަމަ، "އިންފްރާރެޑް ލައިޓް" ފޮޓޯ ނެގޭ ކެމެރާއެއް ހޯދަންޖެހެ އެވެ. އެކަމަކު ވީޑިއޯއިން ފެންނަ ބާވަތުގެ ކެމެރާއެއް ގަންނަން ވެސް ނުލިބޭނެ ކަމަށް ސެމްސަންގުން ބުނެ އެވެ.

ވީޑިއޯގައި ބުނެފައި ވަނީ އިންފްރާރެޑް ކެމެރާ ބޭނުންކޮށްގެން ފޯނުގެ ވެރިމީހާގެ ލޮލުގެ ކަޅި ފޮޓޯނަގަން ޖެހެ އެވެ. އަދި އޭނާ އަށް ނޭނގި ފޯނު ވެސް ވަގަށް ނަގަން ޖެހެ އެވެ. ސެމްސަންގުން ދެކޭ ގޮތުގައި، ފޯނެއް ވަގަށް ހުޅުވުމަށްޓަކައި މިއީ ކުރެވޭނެ ކަންތައްތަކެއް ނޫނެވެ.

ގެލަކްސީ އެސް8 ހުޅުވުމަށްޓަކައި، ހެކަރުން ކުރާ ކަމަކީ، ފޯނުގެ ވެރި މީހާގެ ލޮލުގެ ކަޅި ފޮޓޯ ނެގުމެވެ. އަދި ފޮޓޯގަނޑު ޕްރިންޓްކުރުމަށް ފަހު، އޭގެ މަތީގައި ކޮންޓެކްޓް ލެންސެއް ބާއްވަ އެވެ. އެއީ އިންސާނުންގެ ލޮލުގެ ބައްޓަން ނަކަލުކުރުމަށެވެ. އެ ގޮތުގައި ހެކަރުން ފޯނު ހުޅުވައި އަދި އެއީ ސެމްސަންގް ގެލަކްސީ އެސް8ގެ އައިރިސް ސްކޭނާގައި ހުރި ބަލިކަށިކަމެއް ކަމަށް ބުނެ ޔޫޓިއުބުގައި ވަނީ ދައުވާކޮށްފަ އެވެ.