ސޮނީ މޮބައިލްއިން މައި އެކްސްޕީރިއާ ރިމޯޓް ޓްރެކިން ޚިދުމަތް ހުއްޓާލައިފި

މައި އެކްސްޕީރިއާ ރިމޯޓް ޓްރެކިން ޚިދުމަތް ހުއްޓާލި ސަބަބެއް ސޮނީ މޮބައިލް އަކުން ނުބުނެ އެވެ. ނަމަވެސް، އޮޅުމެއް ނެތް މިންވަރަށް، އެ ސަބަބު ސާފެ އެވެ. މައި އެކްސްޕީރިއާ ރިމޯޓް ޓްރެކިން ވެބްސައިޓަށް ވަންނަ ކުރާ މަސައްކަތުގައި، ގޮސް ވަދެވެނީ ގޫގުލްގެ "ފައިންޑް މައި ޑިވައިސް" ވެބްސައިޓަށެވެ.


ސޮނީ އެކްސްޕީރިއާ މަރުކާގެ ފޯނުތައް ބޭނުންކުރާ މީހުންގެ މެދުގައި "މައި އެކްސްޕީރިއާ ރިމޯޓް ޓްރެކިން" ޚިދުމަތް ވަރަށް އާންމެވެ. އެއީ ފޯނު އޮތް ތަން ބުނެދޭ ޚިދުމަތެކެވެ. ފޯނު ފެންނަން ނެތް ނަމަ ބާރު އަޑެއް ވެސް ލައްވައިދެ އެވެ. ފޯނު އޮތް ތަން ދުނިޔޭގެ ޗާޓު މެދުވެރިކޮށް ވެސް ދައްކައިދެ އެވެ. ފޯނު ލޮކްކުރުމާއި ފޯނުގައި ހުރި ޑާޓާތައް ފޮހެލުމަކީ ވެސް މި ޚިދުމަތުގެ ބައެކެވެ.

ގޫގުލްގެ ފައިންޑް މައި ޑިވައިސް އަކީ ވެސް، މައި އެކްސްޕީރިއާ ރިމޯޓް ޓްރެކިން ކަހަލަ ޚިދުމަތެކެވެ. ގޫގުލްއިން މި ޚިދުަމަތް ވަރަށް ފުޅާ ދާއިރާއެއްގައ މިހާރު ފޯރުކޮށްދެ އެވެ. އެހެންކަމުން ސޮނީ އަށް އެންމެ ރަނގަޅު ގޮތަކީ މައި އެކްސްޕީރިއާ ރިމޯޓް ޓްރެކިން ޚިދުމަތް ހުއްޓާލުމެވެ. ސާވާތައް ބެލެހެއްޓުމަށް ސޮނީން ކުރަންޖެހޭ މަސައްކަތްތަކަށް ކޮންވެސް ވަރެއްގެ ލުޔެއް މިހާރު ލިބޭނެ އެވެ.

އެންޑްރޮއިޑް ޑިވައިސްއެއް އޮވެފައި، ގޫގުލް އެކައުންޓެއް ބޭނުންކުރާ ނަމަ، އެ ޑިވައިސް ބެލެހެއްޓުން ގޫގުލްއާ ހަވާލުކުރާށެވެ. ފައިންޑް މައި ޑިވައިސް ވެބްސައިޓަށް ވަދެ، އެ މީހުން ދައްކާ ދެތިން ފިތަކަށް ފިތާލާށެވެ. އާނއެކޭ ބުނަންޖެހިއްޖެ ނަމަ އެއްބަަސްވާށެވެ. ދެން ހުރިހައި ކަމެއްގެ ޒިންމާ ގޫގުލް ހަވާލުވާނެ އެވެ.