އަގު ބޮޑުކޮށް ގަންނަ ފޯނާ މެދު އަބަދުވެސް އެންމެ ކަންބޮޑުވަނީ ވެއްޓި ތެޅިދާނެތީ އެވެ. ވަރަށް ތިރިން ވެއްޓި ވެސް ފަސޭހައިން ތަޅައިގެން ގޮސް ނުވަތަ ރެނދެއް އަޅާފައިނެތީ އެވެ.

ސެމްސަންގާއި އެޕަލް އަދި ފޯނު އުފައްދާ ބޮޑެތި އެހެން ކުންފުނިތަކުގެ 70 ޕަސެންޓަށް ވުރެ ގިނަ ފޯނުގައި މިހާރު ބޭނުންކުރާ ގޮރިއްލާ ގްލާސް އުފައްދާ ކުންފުނި، ކޯނިންގް އިން ބުނަނީ ސްކްރީން ތަޅައިގެންދާ މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް ދެން ލިބޭނެ ކަމަށެވެ.

ކޯނިންގް އިން ބުނީ ގޮރިއްލާ ގްލާސް 5 މިހާރު އުފައްދާފައި ވާއިރު އެއީ އެހާ ފަސޭހައިން ތަޅައިގެން ދާނެ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން 1.6 މީޓަރު މަތިން ވައްޓާލިޔަސް ތަޅައިގެން ނުދިއުމުގެ ޗާންސް 80 ޕަސެންޓަށް ވުރެ މަތިވާނެ ކަމަށް ކޯނިންގް އިން ޔަގީންކަންދެ އެވެ.

ފޯނުގެ ސްކްރީން ތަޅައިގެން ދިއުން ނުވަތަ ރެނދު ލުމަކީ މުޅި ދުނިޔެއަށް ބަލާއިރު ފޯނު މަރާމާތުކުރަންޖެހޭ އެންމެ އާންމު ސަބަބެވެ.

އަލަށް އުފެއްދި ބިއްލޫރީގެ މޮޅުކަން ނޫސްވެރިންނަށް ދައްކާލުމަށް، މީގެ ބިއްލޫރީގެ ސްކްރީން ހަރުކޮށްފައިވާ ފޯނުތައް 1.6 މީޓަރު މަތިން، ރާޅުކަން ބޮޑު ތަޅުމުގެ މައްޗަށް ވައްޓާފައިވެ އެވެ. އަދި ކޮނޑާ ހިސާބުންނާއި އުނަގަނޑާ ހިސާބުން ވެސް ފޯނު ވެއްޓި އެވެ. މިގޮތުން ބައެއް ފޯނު 20 ފަހަރަށް ވުރެ ގިނައިން ވައްޓާލި އިރު ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

މިހާރު ގެންގުޅޭ ގޮރިއްލާ ގްލާހުގައި ކޫރު އެޅުމާއި އެހެން ގެއްލުންތައް ލިބުމަށް އޮންނަ ފުރުސަތު، އާ އުފެއްދުމުގައި އެތައް ގުނައަކަށް ކުޑަވާނެ ކަމަށް ވެސް ކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މީގެ ބިއްލޫރި ފޯނު ހަދަން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.