ތަންތަނަށް ދާން މަގު ހޯދަނީ ގޫގުލް މެޕްސް ބޭނުން ނުކޮށެވެ. ބަސް ސްޓޮޕްގައި ހުންނައިރު އިންސްޓަގްރާމް ސްކްރޯލް ކުރުމެއް ވެސް ނޯވެ އެވެ. އަދި ހެޑްފޯނު ނެގުމަށް ފަހު ދޫނިތަކުގެ ރީތި އަޑުތަކަށް ސަމާލުކަން ދެ އެވެ.

މިދިޔަ މާޗް މަހު، އެމެރިކާގެ ވޮޝިންގްޓަންގައި، 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންގެ ގުރޫޕަކުން ވަނީ އެ މީހުންގެ ސްމާޓްފޯނުތައް ދޫކޮށްލުމަށްފަހު، އާދައިގެ "ފްލިޕް ފޯނު" ތަކެއް ބޭނުންކުރަން ފަށައިފަ އެވެ. އެއް މަސްދުވަހަށް ކުރިއަށްގެންދިޔަ މި "ޑިޖިޓަލް ޑިޓޮކްސް" އަކީ ސޯޝަލް މީޑިއާގެ ނުރައްކާތެރި އަސަރުތަކުން ސަލާމަތްވުމަށް އެމެރިކާގެ ޒުވާނުންގެ މެދުގައި އުފެދެމުން އަންނަ އާ ހަރަކާތެއްގެ ބައެކެވެ.

"އަހަރެން ބަހަށް މަޑުކޮށްގެން ހުރިއިރު، ބަސް އަންނާނެ ވަގުތެއް ނޭނގޭ،" 'މަންތު އޮފްލައިން' ޗެލެންޖުގައި ބައިވެރިވި އުމުރުން 29 އަހަރުގެ ޖޭ ވެސްޓް ކިޔައިދިނެވެ. މި ޗެލެންޖަކީ ކުޑަ ސްޓާޓަޕަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ކުރީގެ އާދަތައް ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫނެވެ. ވޮޝިންގްޓަންގެ މެޓްރޯ ސިސްޓަމްގައި ޑޭޓާ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ވެސްޓް ބުނި ގޮތުގައި، ފޯނާ ނުލައި ހޭދަކުރި މަސް ދުވަސް ތެރޭ ވެސް ޖީބުން ފޯނު ނަގަން، ބޭއިހުތިޔާރުގައި ޖީބަށް އަތްލެވެ އެވެ. ފޯނު ނެތްކަން ވެސް ހަނދާންވަނީ އެ ހިސާބުންނެވެ. ނަމަވެސް، އެންމެ ފަހުން މިކަމުން ބޮޑު މިނިވަންކަމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.

މީހަކު ފޯނަކުން އެއްޗެއް ބަލަނީ: ފޯނާ ދުރުވުމުގެ މަސައްކަތް ކުރާ ޒުވާނުން އެމެރިކާގައި ގިނަވަމުން އަންނަ ކަމަށް މިހާރު ވަނީ ބެލެވިފައި. -- ފޮޓޯ: ޕެކްސެލްސް
މީހަކު ފޯނަކުން އެއްޗެއް ބަލަނީ: ފޯނާ ދުރުވުމުގެ މަސައްކަތް ކުރާ ޒުވާނުން އެމެރިކާގައި ގިނަވަމުން އަންނަ ކަމަށް މިހާރު ވަނީ ބެލެވިފައި. -- ފޮޓޯ: ޕެކްސެލްސް

"ބައެއް ފަހަރު ފޫހިވޭ، އެކަމަކު އެއީ މައްސަލައެއް ނޫން،" މި ހަރަކާތުގެ ބައިވެރިން އެ  މީހުންގެ ތަޖުރިބާ ހިއްސާކުރަން ބޭއްވި ބައްދަލުވުމެއްގައި ވެސްޓް ބުންޏެވެ. "ފޫހިވުމަކީ އޯކޭ ކަމެއް."

އޭނާގެ ގާތުގައި އިން، އުމުރުން 35 އަހަރުގެ ރޭޗަލް ޝުލްޓްޒް ބުނި ގޮތުގައި، ބައިސްކަލްގައި ދިޔަ ނުވެސް ދަންނަ ބަޔަކު ހުއްޓުވައި، މަގު ހޯދަން އެ މީހުން ގާތު އަހަން ޖެހުނެވެ. އަދި އުމުރުން 25 އަހަރުގެ ލިޒީ ބެންޖަމިން ވަނީ ސްޕޮޓިފައިއާ ނުލައި ލަވަ އަޑުއަހަން އޭނާގެ ބައްޕަ ކުރިން ރެކޯޑުކޮށްފައި ހުރި ސީޑީތަކެއް ހޯދައިފަ އެވެ.

މި ޑިޓޮކްސްގެ ކުރިން، ރިއަލް އެސްޓޭޓްގައި މަސައްކަތްކުރާ ބޮބީ ލޫމިސްއަށް ފޯނަށް ނުބަލައި ޓީވީ ސީރީޒެއްގެ އެންމެ އެޕިސޯޑެއް ވެސް ބެލުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މިހާރު ހެޑްފޯނާ ނުލައި ހިނގާލަން ދާއިރު ދޫނިތަކުގެ އަޑު އަހާލުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. މި ހަރަކާތް ނިމުނުއިރު، އޭނާ ފޯނު ބޭނުންކުރާ ވަގުތު ދުވާލަކު 6 ގަޑިއިރުން 4 ގަޑިއިރަށް ވަނީ މަދުވެފަ އެވެ.

"މުއްސަނދި، އިޖުތިމާއީ ދިރިއުޅުމެއް"

ފޯނަށް ދެވިހިފުމުގެ ސަބަބުން، ސަމާލުކަންދޭ މިންވަރު ކުޑަވުމާއި، ނިދުމުގެ މައްސަލަތަކާއި، ކަންބޮޑުވުން (އެންޒައިޓީ) އިތުރުވާކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ.

މިދިޔަ މާޗް މަހު ކެލިފޯނިއާގެ ކޯޓަކުން ވަނީ އިންސްޓަގްރާމާއި ޔޫޓިއުބަކީ މީހުން އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތްތަކެއް ކަމަށާއި، އެކަމުގެ ޒިންމާ އެ ކުންފުނިތަކުން އުފުލަންޖެހޭނެ ކަމަށް ވެސް ކަނޑައަޅައިފަ އެވެ.

އެމެރިކާގެ ގިނަ ޒުވާނުން މިހާރު މިކަމަށް ސަމާލުކަން ދޭން ފަށައިފި އެވެ. މިދިޔަ އަހަރު ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާގޮތުގައި، 18 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ބޭނުންވަނީ ފޯނު ބޭނުންކުރާ ވަގުތު މަދުކުރާށެވެ.

ފޯނާ ނުލައި މަސް ދުވަހު އުޅުނު ޒުވާނުން ބުނި ގޮތުގައި މިކަމުގެ ސަބަބުން އެ މީހުންގެ އިޖުތިމާއީ ގުޅުންތަކުގެ އެތައް ކަމެއް ރަނގަޅުވި.
ފޯނާ ނުލައި މަސް ދުވަހު އުޅުނު ޒުވާނުން ބުނި ގޮތުގައި މިކަމުގެ ސަބަބުން އެ މީހުންގެ އިޖުތިމާއީ ގުޅުންތަކުގެ އެތައް ކަމެއް ރަނގަޅުވި.

މިކަމަށް އެހީތެރިވުމަށްޓަކައި ޑިޖިޓަލް ޑިޓޮކްސް އެޕްތަކާއި، ފޯނު ބްލޮކްކުރާ އާލާތްތައް މިހާރު ދަނީ ތައާރަފުވަމުންނެވެ. ޖޯޖްޓައުން ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ ކޮސްޓަޑިން ކުޝްލޭވް ވިދާޅުވި ގޮތުގައި، ސްމާޓްފޯނާ ނުލައި މަދު ދުވަސްކޮޅަކު އުޅުމުން ވެސް ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ކަންކަމަށް ސަމާލުކަން ދިނުމުގެ ގާބިލްކަން ރަނގަޅުވެ އެވެ.

ވޮޝިންގްޓަންގައި މި ޕްރޮގްރާމް ރޭވުމުގައި އުޅޭ އެކަކު ކަމަށްވާ ޖޯޝް މޮރިން ގަބޫލުކުރާ ގޮތުގައި، ހަމައެކަނި ފޯނު ދޫކޮށްލުމަކުން ނުފުދެ އެވެ. އޭގެ ބަދަލުގައި ކުރާނެ ފައިދާހުރި ކަމެއް އޮންނަންޖެހެ އެވެ. އެހެންކަމުން މި ޕްރޮގްރާމްގެ ތެރޭގައި ކޮންމެ ހަފުތާއަކު ބައިވެރިން ބައްދަލުކޮށް ވާހަކަދެއްކުމުގެ ސެޝަންތައް ބާއްވަ އެވެ.

"އާ ހަރަކާތެއްގެ ފެށުން"

'މަންތު އޮފްލައިން' އިސްނެގުމަކީ 'ޑަމްބް.ކޯ' ކިޔާ ކުންފުންޏަކުން މީގެ އަހަރެއް ކުރިން ފެށި މަސައްކަތެކެވެ. މީގައި ބައިވެރިވުމަށް މީހަކު 100 ޑޮލަރު ދައްކަންޖެހެ އެވެ. އެ ފައިސާގެ ބަދަލުގައި އެމީހުންނަށް ފްލިޕް ފޯނެއް ލިބެ އެވެ. އޭގައި ބޭނުންކުރެވެނީ ހަމައެކަނި ގުޅުމާއި، މެސެޖްކުރުމާއި އަދި އޫބާ ފަދަ ޒަރޫރީ ހިދުމަތްތަކެވެ.

ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ގްރަހަމް ބާނެޓް ސިފަކުރައްވާ ގޮތުގައި، މިއީ 1960 ގެ އަހަރުތަކުގައި ތިމާވެށީގެ ހަރަކާތްތައް ފެށިގެން އައި ފަދަ ވަރުގަދަ ހަރަކާތެއްގެ ފެށުމެވެ.

ކެންޑަލް ޝްރޯ، 23، ވަނީ މިދިޔަ ޖެނުއަރީ މަހު މި ޑިޓޮކްސް ފުރިހަމަކޮށްފަ އެވެ. އޭނާ މިހާރު ގޫގުލް މެޕްސްއާ ނުލައި އަމިއްލައަށް މަގުތައް ހޯދަ އެވެ. އަދި އޭނާ ވަނީ އިންސްޓަގްރާމް ފޮހެލުމަށް ފަހު، "ޑިޖިޓަލް މަސްތުން ސަލާމަތްވުމުގެ" އަމިއްލަ ގުރޫޕެއް އުފައްދައިގެން އެ މަސައްކަތް ވަނީ ފަށައިފަ އެވެ.

"އަހަރެން ދެކެނީ މިއީ ވަރަށް އުއްމީދީ ކަމެއްގެ ގޮތުގައި. މިއީ ވަރަށް ބޮޑު ކަމެއްގެ ފެށުން،" އޭނާ ބުންޏެވެ. 

ނޯޓް: މިއީ އޭއެފްޕީގައި ޔޫލިސް ބެލިއާ ޝާއިއުކުރި ލިޔުމެއްގެ ތަރުޖަމާ އެވެ.