ވާވޭ 2018 ގައި 200 މިލިއަން ފޯނު ވިއްކައިފި

ދުނިޔޭގެ ގަދަބާރުތަކުން ވާވޭއާ ދެކޮޅަށް ކުޅެކުޅެ ތިއްބައި، 200 މިލިއަން ސްމާޓްފޯން ވިއްކައި، ފާއިތުވި އަހަރު ހެދި އަމިއްލަ ރެކޯޑް މުގުރާލައިފި އެވެ. ވާވޭ ވަނީ 153 މިލިއަން ފޯނު 2017 ގައި ވިއްކާފަ އެވެ. ސްމާޓްފޯން މާކެޓްގައި އެޕަލް ދެވަނާގައި އޮއްވައި، ވާވޭ ކުރި އަރައި ވަނީ އެޕަލް ވައްޓާލާފަ އެވެ. އެހެންކަމުން، މުޅި ދުނިޔެ އަށް އެންމެ ގިނައިން ސްމާޓްފޯނު ނެރެ، ވިއްކުމުގައި ދެވަނަ ކުންފުންޏަކީ މިހާރު ވާވޭ އެވެ.


ވާވޭ މިހާރު މިސްރާބުޖަހާފައި ވަނީ ސައުތު ކޮރެޔާއާ ދިމާއަށެވެ. އެއީ ސެމްސަންގްއާ ވާދަކޮށް، ވައްޓާލުމަށެވެ. ވާވޭ މަސައްކަތްކުރަނީ 2019 ނިމުމުގެ ކުރިން އަމާޒަށް ވާސިލުވުމަށެވެ.

ވާވޭ ފޯނުތަކުގެ ތެރެއިން އެންމެ ގިނައިން ވިކުނު ފޯނުތަކަށް ބަލާއިރު، "ޕީ20" އަދި "މޭޓް 20" ހިމެނެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި "ޕީ20"ގެ 16 މިލިއަން ފޯނު، މި އަހަރުގެ މި ހިސާބަށް، ވަނީ ވިކިފަ އެވެ. މޭޓް20ގެ ފަސް މިލިއަން ފޯނު ވިކުނު ކަމަށް ވެސް ރެކޯޑުތަކުން އެނގެ އެވެ.

ހިނގަމުން މި ދަނީ ވާވޭ އަށް ވިޔަފާރި ރަނގަޅު އަހަރެކެވެ. ޚާއްސަކޮށް ވާވޭ ސްމާޓްފޯނުތަކަށެވެ. ތަފާތު ފޯނުތައް، އެކި މަރުކާތަކަށް ޚާއްސަކޮށް ވާވޭ އުފައްދާއިރު، ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދީފައި ވަނީ "ނޯވާ" ސީރީޒްގެ ފޯނުތަކެވެ. ނޯވާ ސީރީޒްގެ 65 މިލިއަން ފޯނު ވިކިފައިވާ ކަމަށް ހިސާބުތަކުން އެނގެ އެވެ.

ވާވޭ އަކީ ޗައިނާ ކުންފުންޏަކަށް ވާތީ، ބާރުގަދަ ގައުމުތަކުން ދުރުހެލިވި ނަމަވެސް، ސްމާޓްފޯން މާކެޓްގައި މޮޅަށް ކުޅެ ވަނީ ދެވަނަ މަގާމު ދަމަހައްޓާފަ އެވެ. ބެލެވޭ ގޮތުގައި، އަދި މި އަހަރަށް ވުރެ ވެސް، 2018 ގައި ވާދަވެރިކަން ބޮޑުވާނެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ