އިންޑިއާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ކޯޓަށް ހުށަހަޅާފައި ވަނިކޮށް އެ އެޕްލިކޭޝަން އެ ގައުމުގައި ޑައުންލޯޑް ނުކުރެވޭ ގޮތަށް ހަދައިފި އެވެ.
ވީޑިއޯތަކަށް އަޑު އަޅައި އެކްޓްކޮށް ހިއްސާކުރާ އެޕެއްގެ ގޮތުގައި މަޝްހޫރު ޓިކްޓޮކް، އެ އެޕް ހޯސްޓްކުރާ ގޫގުލް އާއި އެޕަލް ސްޓޯރުން މިހާރު ވަނީ އެޕް އިންޑިއާގައި ބްލޮކްކޮށްފަ އެވެ. އެއީ ސަރުކާރުން އެދިގެންނެވެ.
ޗައިނާގެ ބައިޓްޑާންސްގެ ޓިކްޓޮކް އިންޑިއާގައި ބްލޮކް ކުރިއިރު އެ ގައުމުގެ އެ އެޕް ބޭނުން ކުރާ މީހުންގެ އަދަދު 120 މިލިއަނަށް އަރަ އެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޓިކްޓޮކް ހުއްޓުވައިލަން ބޭނުންވި މައިގަނޑު ސަބަބަކީ އޭގައި އަހުލާގީ ފެންވަރު ދަށް ވީޑިއޯތައް ހުރުމާއި އެ އެޕްގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރާތީ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ވަނީ ޓިކްޓޮކްގައި ހުންނަ ވީޑިއޯތައް މީޑިއާތަކުގައި ބްރޯޑްކާސްޓް ނުކުރަން ވެސް ގޮވާލައިފަ އެވެ.
ދެހާސް ސޯޅައިގައި ވުޖޫދަށް އައި ޓިކްޓޮކްއަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުން ކުރާ އެޕެކެވެ.