އެންޑްރޮއިޑާ ނުލައި ވާވޭ ދެމިއޮންނާނީ ކިހިނެއް؟

ވާވޭ އަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރުން މަނާވެއްޖެ އެވެ. އެންޑްރޮއިޑަކީ އެމެރިކާ ކުންފުންޏެއްގެ މުދަލަކަށް ވާތީ އެވެ. އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން، އެމެރިކާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.


ސްމާޓްފޯން މަސްރަހުގައި މިހާރު އޮތް ކަންބޮޑުވުމަކީ، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރަން ވާވޭ އަށް ހުއްދަ ނުލިބިއްޖެ ނަމަ ވާވޭ ސްމާޓްފޯނުތަކަށް ވާނެ ގޮތަކާ މެދު އުފެދިފައި ހުރި ސުވާލުތަކެވެ.

ސްމާޓްފޯން މާކެޓް އޮތީ ދެ ބަޔަކަށް ބެހެވިފަ އެވެ. އެއީ ދެ އޮޕަރޭޓިން ސިސްޓަމަށެވެ. އެންޑްރޮއިޑް އަދި އައިއޯއެސް އެވެ. އެންޑްރޮއިޑް ނިސްބަތްވަނީ ގޫގުލް އަށެވެ. އައިއޯއެސް، އެޕަލް ކުންފުންޏަކެވެ. ސްމާޓްފޯން އުފައްދާ ކުންފުނިތަކުން މި ދެ އޮޕަރޭޓިން ސިސްޓަމަށް ބަރޯސާވާން ބޭނުންވި ނަމަވެސް، އެޕަލް ނޫން ބަޔަކަށް އައިއޯއެސް ބޭނުންކުރަން ހުއްދައެއް ނުލިބެ އެވެ. އެހެންވެ، ފޯނު އުފައްދާ ކުންފުނިތަކަށް އެންޑްރޮއިޑް ނޫން އިޚުތިޔާރެއް ނެތެވެ. ވާވޭގެ ހާލަތަކީ ވެސް މި އެވެ.

ޓެކްނޮލޮޖީ ސިނާއަތުގައި ބާރުގަދަ ކިތަންމެ ކުންފުންޏަކުން، ސްމާޓްފޯނުތަކަށް އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދައި ކާމިޔާބުކުރަން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މައިކްރޮސޮފްޓް، މޮޓޮރޯލާ، ނޮކިޔާ އަދި ޕާމް ފަދަ ކުންފުނިތަކަށް ވެސް ވަނީ އަމިއްލަ އޮޕަރޭޓިން ސިސްޓަމަކާ އެކު ދިރިނޫޅެވިފަ އެވެ. މައްސަލަ އަކީ ބާރުގަދަ އެޕްލިކޭޝަންތަކެއް ނެތުމެވެ.

ސްމާޓްފޯން މާކެޓްގައި ވާވޭ އޮތީ ދެވަނައިގަ އެވެ. ވާވޭ އަކީ އަމިއްލަ އަށް ޗިޕް ޑިޒައިންކޮށް، އަމިއްލަ އަށް ހާޑްވެއާ އުފައްދާ އަދި ވަރަށް މުއްސަނދި ކުންފުންޏެކެވެ. ވާވޭ އަކީ ޗައިނާ އަށް ފަޚުރެކެވެ. ޗައިނާ އަކީ ބިޔަ އަދި ބާރުގަދަ ގައުމެކެވެ. އެހެންކަމުން، ކުރިން ބުނި ކުންފުނިތަކަށް ނުކުރެވުނެއް ކަމަކު، އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދައިގެން ނަމަވެސް، ފޯނުތައް ދިރުވޭތޯ ބެލުމަކީ ވާވޭ އަށް ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ގޫގުލް އަށް ވާވޭއާ އެކު ވިޔަފާރިކުރަން އެމެރިކާ ސަރުކާރުން ހުއްދަ ނުދީފާނެ ކަމަށް ބަލައި ނޫން ނަމަ، ދެން ވެސް މި ފަދަ ހާލަތައް މެދުވެރިވެދާނެތީ ވާވޭއިން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދައި ޓެސްޓްކުރަން ފަށާފައިވާ ކަމަށް ބުނެވެ އެވެ. މި އޮޕަރޭޓިން ސިސްޓަމަށް ކިޔާނެ ނަމެއް އަދި ފާސްނުވި ނަމަވެސް، "ވާވޭ އާކް އޯއެސް"، "ވާވޭ އާކް، "އާކް" އަދި "އާކް އޯސް" ކިޔުން އެކަށީގެންވާ ކަމަށް ބުނެވެ އެވެ.

މިހާ ހިސާބުން ދެން އޮތީ، މަޝްހޫރު އެޕްލިކޭޝަންތަކަށް ވާނެ ގޮތެވެ. ވާވޭއިން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. އަދި މަޝްހޫރު އެޕްލިކޭޝަން ޑިވެލޮޕަރުން ވާވޭ އަށް އެއްބާރުލުންދީ އެކުގައި މަސައްކުރަން ތިބި ކަމެއް ވެސް ނޭނގެ އެވެ. އެހެންކަމުން ބެލެވެނީ އަމިއްލަ އޮޕަރޭޓިން ސިސްޓަމެެއް ވާވޭއިން އުފައްދާ ނަމަ އުފައްދާނީ މިހާރު ބޭނުންކުރެވޭ ހުރިހާ އެެޕްލިކޭޝަނެއް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. ސަބަބަކީ ވާވޭ އަކީ ބާރުގަދަ ފޯނުތަކެއް ހުރި އަދި އެ އަށް ވުރެ ބާރުގަދަ ފޯނުތަކެއް އުފެއްދިދާނެ ކުންފުންނަކަށް ވުމެވެ.