ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ދަށަށް ކެމެރާ ލެވޭކަށް އަދި ނެތް

ސްމާޓްފޯން އުފައްދާ ކުންފުނިތަކަށް މިހާރު އޮތް އެންމެ ބުރަ ބޮޑު މަސައްކަތަކީ، ފަތްޖެހިފޯނެއް އުފެއްދުމުގެ އިތުރުން، ފޯނުގެ ޑިސްޕްލޭ ދަށަށް "ސެލްފީ" ކެމެރާ ލާނެ ގޮތެއް އުނގެނި، އަމަލީ ސިފަ ޖެއްސުމެވެ.


ފޯނުތަކުގެ ޑިސްޕްލޭ ބޮޑުކުރަން ކުންފުނިތަކުން ވިސްނައި، އެއީ ނެތް އެއްޗެކޭ ބުނެވޭ ވަރަށް ފޯނުގެ ދާރަ ހަނިކޮށްފަ އެވެ. ފޯނުގެ މޫނުމަތީގައި ކެމެރާއެއް އިންނަންޖެހޭތީ، ކެމެރާ އަށް ތަންކޮޅެއް ބައިދަންޖެހުން ފިޔަވައި، ޑިސްޕްލޭ ވަނީ މުޅި ސްކްރީނަށް ފަތުރާލާފަ އެވެ.

ކުންފުނިތަކަށް މިހާރު ދަތި ކަމަކަށް ވެފައި ވަނީ "ޕިންހޯލް" ނައްތާލުމަށްޓަކައި ފޯނުގެ ޑިސްޕްލޭ ދަށަށް ކެމެރާ ލާނެ ގޮތެއް ހޯދައިގަތުމެވެ.

ޝޯމީ ސެލްފީ ކެމެރާ ޑިސްޕްލޭ ދަށުގައި މަސައްކަތްކުރުވަނީ

ފޯނުގެ ޑިސްޕްލޭ ދަށަށް ކެމެރާ ލުމަކީ ޒަމާނީ ވިސްނުމެކެވެ. ޓެކްނޮލޮޖީގެ ޒަރިއްޔާއިން ލިބިގަނެވިދާނެ ބޮޑު ފަސޭހައެކެވެ. އެހައި ރީތި ކަމަކަށް ވެސް ވާނެ އެވެ. މިއީ ސްމާޓްފޯން އުފައްދާ ކުންފުނިތަކަށް ގިރާކުރެވޭ އުސް އޮޅިގަނޑަކަށް ވެސް ވާނެ އެވެ. ނަމަވެސް، ހާޑްވެއާ ދިރާސާކުރާ މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި، އެ ކަހަލަ ފޯނެއް، ކުރި އަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އާންމު މާކެޓަކަށް ނުނެރެވޭނެ އެވެ.

ޑިސްޕްލޭ ދަށަށް ކެމެރާ ލެވިދާނެ އުކުޅެއް، ޗައިނާގެ ޝޯމިން ވަަނީ ކިޔައިދީފަ އެވެ. އެއީ ދެމެހެއްޓެނިވި ޓެކްނޮލޮޖީއަކަށް ވެދާނެ ކަމަށް އޮޕޯ ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި ޝޯމީއާ ގުޅިގެން އެ ޓެކްނޮލޮޖީގައި ފުރިހަމަ ސިފަޖައްސަން ޝައުގުވެރިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޮޕޯ ސެލްފީ ކެމެރާ ޑިސްޕްލޭ ދަށުގައި

ޝޯމީ އަދި އޮޕޯއިން ވަނީ ޑިސްޕްލޭ ދަށަށް ކެމެރާއެއް ލައި މަސައްކަތްކުރާ ގޮތް ދައްކުވާފަ އެވެ. އެ މީހުން އާންމުކުރި ވީޑިއޯ ކްލިޕް ވަރަށް ކުރެވެ. އެހެންކަމުން، ވާނުވާ ކަށަވަރުކުރެވޭ ގޮތެއް ނުވެ އެވެ. އެހެން ނަމަވެސް، މިއީ އަދި ވަރަށް ބޮޑަށް ދިރާސާކުރަންޖެހޭ މައުލޫއަކަށް ވާތީ، ސްމާޓްފޯނުތަކުގެ މޫނުމަތިން ސެލްފީ ކެމެރާ އަށް ޖާގައެއް ނުދީ ފަރުޖެއްސޭކަށް އަދި ނެތެވެ.