2020 ގައި 200 މިލިއަން 5ޖީ ފޯނު ވިކޭނެ ކަމަށް ގޯލްޑްމަން ސޭކްސް އަންދާޒާކޮށްފި

މި އަހަރު ހިނގާނެ އެންމެ ބޮޑު އެއް ކަމަކީ 5ޖީ ގުޅުން ފުޅާވުމެވެ. މި ކަމަށް އިޝާރާތްކޮށް އިންވެސްޓްމަންޓް ބޭންކްތަކުން ވެސް އަންނަނީ ވާހަކަދައްކަމުންނެވެ. މި އަހަރު ތެރޭގައި 200 މިލިއަން 5ޖީ ފޯނު ވިކޭނެ ކަމށް ގޯލްޑްމަން ސޭކްސް ވެސް ވަނީ ލަފާކޮށްފަ އެވެ. މިއީ ފާއިތުވި 2019 އަހަރާ އަޅާކިޔާއިރު 20 ގުނަ އިތުރު އަދަދެކެވެ.


ދުނިޔޭގެ މާކެޓަށް މި އަހަރު ނެރޭ 5ޖީ ފޯނުތައް، ހިފެހެއްޓުމެއް ނެތި އިތުރުވަން ދާނެ ކަމަށް ކުރިން ވެސް ވަނީ ބެލެވިފަ އެވެ. އެ ގޮތުން އެންމެ ބޮޑަށް ހެދިގަންނާނެ މާކެޓްގެ ގޮތުގައި ބަލާފައި ވަނީ ޗައިނާ އެވެ. ޗައިނާގެ ސްމާޓްފޯނު ކުންފުތަކުން މާކެޓަށް ނެރޭ 5ޖީ ފޯނުތަކުގެ ބޮޑުބައި، ޗައިނާގައި ވިކި ހުސްވާނެ ކަމަށް ބެލެވެ އެވެ. ސްމާޓް އިލެކްޓްރޯނިކްސް އަށް ޗައިނާގައި އޮތް ޑިމާންޑްގެ ސަބަބުން މިކަން މި ގޮތަށް އަބަދު ވެސް ހިނގަ އެވެ.

ޝޯމީ އަކީ ޗައިނާގެ ސްމާޓްފޯން ކުންފުންޏެވެ. އެ ކުންފުނިން ދާދި މިދާކަށް ދުވަހު ބުނި ގޮތުގައި، 5ޖީ ތަރައްގީކުރަން 7 ބިލިއަން ޑޮލަރު މި އަހަރު އެ ކުންފުނިން އިންވެސްޓްކުރާނެ އެވެ. މައިގަނޑު ބޭނުމެއް ކަމަށް ބުނެފައި ވަނީ "އާޓިފިޝަލް އިންޓެލިޖެންސް" އަދި "އިންޓަނެޓް އޮފް ތިންގްސް" އަށް ޑިމާންޑް އިތުރުކުރުމެވެ.

މުވާސަލާތީ ކުންފުނިތަކުން 5ޖީ އަށް އަހުލުވެރިވަމުން އަންނަ ނިސްބަތަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި 5ޖީ ތަރައްގީކުރަން އެންމެ ބޮޑު ހޭދައެއްކުރާނެ ކުންފުންޏަކީ ޗައިނާގެ ވާވޭ އެވެ. ބުނެވޭ ގޮތުގައި ވާވޭއިން އެކަނި ވެސް 100 މިލިއަން 5ޖީ ސްމާޓްފޯން މި އަހަރު މާކެޓަށް ނެރޭނެ އެވެ.

ޗައިނާއިން ވަނީ 5ޖީގެ ގަދަ ބާރަކަށް ވުމަށް ނިޔަތްގަނެފަ އެވެ. އެ ގޮތުގައި ދެމިތިބުމަށް، މި އަހަރު ނިމުނުގެ ކުރިން ޗައިނާގައި އެއް މިލިއަން "ބޭސް ސްޓޭޝަން" ގާއިކުރާނެ ކަމަށް ބުނެވެ އެވެ.