ސެމްސަންގް ގެލަކްސީ ވޮޗް އެކްޓިވް 2: ހީވަނީ އެޕަލް ގަޑިއެއްހެން

މިއީ ސެމްސަންގް "ގެލަކްސީ ވޮޗް އެކްޓިވް 2" އެވެ. ސްމާޓް ގަޑިއެކެވެ. ބަލާބެލުމަށް އެޕަލް ގަޑިއަކާ ވަރަށް ވައްތަރެވެ. މިހާ ބޮޑަށް ވައްތަރުކުރި ސަބަބެއް ވެސް އޮންނާނެ އެވެ. އެޕަލް ގަޑިއެއް ކަމަށް ހީކޮށް މީހަކު ގަނެފާނެ ކަމަށް ލަފާކުރެވެނީ ކަމަށް ވެސް ވެދާނެ އެވެ.


ސެމްސަންގް ގެލަކްސީ މަރުކާގެ އާލާތްތައް މާކެޓްކުރާ މޫސުން މިއޮތީ ލައިގެންފަ އެވެ. ފުރަތަމަ ގެލަކްސީ ވޮޗް އެކްޓިވް 2 އެވެ. ލަސްތަކެއް ނުވެ، ގެލަކްސީ ނޯޓް 10 ތައާރުފުކުރާނެ އެވެ. ހަމަ މި މަހު އެވެ.

ގެލަކްސީ ނޯޓް 10އާ އެކު ވުމަށް، ގެލަކްސީ ވޮޗް އެކްޓިވް 2 އަށް އޮތީ ކިހާ ފުރުސަތެއް ކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ މިއީ ގެލަކްސީ ނޯޓް 10އާ އެކު ވެސް ބޭނުންކުރެވޭނެ ގަޑިއެއް ކަމެވެ. ނޯޓް 10 އަކީ އެންޑްރޮއިޑް ސްމާޓްފޯނެކެވެ. ގެލަކްސީ ވޮޗް އެކްޓިވް 2 އަކީ "ޓައިޒަން" ސްމާޓް ގަޑިއެކެވެ. އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ބެލެނިވެރި އަކީ ގޫގުލް އެވެ. ޓައިޒަން އަކީ ސެމްސަންގް އަމިއްލަ އޯއެސް އެކެވެ. މި ގަޑި އިންޖިނިއާކޮށްފައި ވަނީ އެންޑްރޮއިޑް ފޯނުތަކާ އެކު ބޭނުންކުރުމަށެވެ.

ގެލަކްސީ ވޮޗް އެކްޓިވް 2ގައި ވަނީ "އެމޯލެޑް" ސްކްރީނެކެވެ. މިއީ ފެންވަރު ރަނގަޅު، ލޮލަށް ފަސޭހަ ސްކްރީނަކަށް ވާނެ ކަމަށް ކުރިއާލައި، ސެމްސަންގުން ވަނީ ބުނެފަ އެވެ. މި ގަޑީގައި ހިމަނާފައި ހުރި ޓެކްނޮލޮޖީތަކަށް ބަލާއިރު، "ބްލޫޓޫތު 5.0"، ވައިފައި، އެންއެފްސީ، އަދި އެލްޓީއީ ހިމެނެ އެވެ. މިއީ އަމިއްލަ ޒާތުގައި ފޯނުކޯލް ކުރެވޭ ގަޑިއެކެވެ. ކަސްރަތުކުރުން ފަދަ ދުޅަހެޔޮ ހަށިހެޔޮ ހަރަކާތްތަކަށް ޚާއްސަ ބައިވަރު ފީޗާތައް ހިމަނާފައި ވެ އެވެ. އީސީޖީ ސަޕޯޓް ވެސް ލަސްތަކެއް ނުވެ ހިމަނާނެ ކަމަށް ވެ އެވެ.