ސްމާޓްފޯނާ ބެހޭ ގޮތުން ކިޔައިދެވޭ ގިނަ ވާހަކަތަކުގައި އެޕަލް އާއި ސެމްސަންގް އުޅެ އެވެ. ވާހަކަ އޮލަކޮށްލައި ރަހަ މީރުކުރުމަށް ވެސް އެ ދެ ކުންފުނީގެ ނަން ގަނެވެ އެވެ. މިސާލެއް ގޮތަށް ނަމަވެސް އެވެ. މާކެޓްގައި މި ވަގުތު ހުރި އެންމެ ބާރުގަދަ ފޯނުތަކަށް ބެލި ނަމަވެސް ނަންކުރެވެނީ އެޕަލް އާއި ސެމްސަންގް އެވެ. އެންމެ ރީތި ފޯނަށް ބެލި ނަމަވެސް އެ ދެ ކުންފުންޏެވެ. ދެން ހުރި ހުރިހާ މިސާލެއް ވެސް ހަމަ އެ ގޮތުގަ އެވެ.

ސްމާޓްފޯން މާކެޓްގައި ސޮނީ އުޅޭކަން ގިނަ ބަޔަކު ނުދަނެ އެވެ. "އެކްސްޕީރިއާ" ފޯނުތައް މަޝްހޫރުވެ އެއީ ކޮންމެ މީހަކު ވެސް އަތްޖައްސާލަން އެދެވުނު ފޯނެއް ކަމަށް ވި ނަމަވެސް، ސޮނީ އަށް ވަފާތެރިން މަދެވެ. ފޯނަށް ވުރެ ކުންފުނީގެ ނަން ވަނދެވެ.

ސެމްސަންގް އަށް ވުރެ ގިނައިން ފޯނު އުފައްދާ ކުންފުންޏެއް ނެތޭ ބުނާހާ ވެ އެވެ. ދެއިރު ދަޅަ އަށް ފޯނެކެވެ. އެއިން ކޮންމެ ފޯނަކަށް ނަމެއް ޚާއްސަކުރި ނަމަވެސް، އާންމުންގެ ތުންމަތީގައި އެއީ ހުސް ސެމްސަންގް ފޯނެވެ. ފޯނުގެ ނަމަށް ވުރެ ކުންފުނީގެ ނަން މަޝްހޫރެވެ.

އެޕަލް އަކީ އެހާ ގިނައިން ފޯނު އުފައްދާ ކުންފުންނަކަށް ނުވުމުން، ކުންފުނި ވެސް އެހައި މަޝްހޫރެވެ. ފޯނު ވަކިން މަޝްހޫރެވެ.

ސޮނީ އަށް އެ ވަނީ ކިހިނެއް ހެއްޔެވެ؟ އުފެއްދުންތަކަށް ސަޕޯޓްކުރާ މީހުން ވެސް ކުންފުންޏާ ހެދި އުޅޭ ތަނެއް ނުފެނެ އެވެ. އެހާ ބޮޑަށް "ސޮނީ" ވެގެން އުޅޭތީ ނުއިވެ އެވެ. އެއީ ފަހަރުގައި ސޮނީ އަކީ ބާރުގަދަ އެތައް އާލާތެއް އުފައްދާ ކުންފުންޏަކަށް ވުމުން ކަމަށް ވެދާނެ އެވެ. ބުނެވޭ ކަހަލަ އެވެ؛ މިއީ ސޮނީގެ އުފެއްދުމެއްކަން ކޮންމެ މީހަކަށް ވެސް އެނގޭ ނޫން ހެއްޔެވެ؟

ސްމާޓްފޯން މާކެޓްގައި ސޮނީގެ ނަން އެހައި އަޑުގަދަ ނޫން ނަމަވެސް، މަޝްހޫރު "ބްރާވިއާ" އިންޖީން އުފެއްދީ ސޮނީންނެވެ. ޕްލޭސްޓޭޝަން އާއިލާގެ ބެލެނިވެރި އަކީ ސޮނީ އެވެ. ޕީއެސްޕީގެ ދަރިފަސްކޮޅުގެ އަސްލަކީ ވެސް ސޮނީ އެވެ.

އިލެކްޓްރޯނިކް މާކެޓްގައި ސޮނީ ޖަހައިލެވޭ ވަރުގެ އެހެން ކުންފުންޏެއް ނެތެވެ. އަމިއްލަ ހާޑްވެއާ އަދި ބާރުގަދަ ސޮފްޓްވެއާ އުފެއްދުމުގައި ވެސް ސޮނީ ނަންކުރެވެ އެވެ. "ޑިޖިޓަލް އެންކްރީޕްޝަން" ދާއިރާގައި ވެސް ސޮނީ ދަންނަ އެތައް ކަމެއް ވާދަވެރިން ނުދަނެ އެވެ. އެހެންކަމުން ސްމާޓްފޯން މާކެޓްގައި ސޮނީ އަށް ބަޔަކު "ހޯޕް ހޯޕް" ނުކިއުމަކުން ކުންފުންޏަށް ލިބޭ ދެރައް އޮތީތީ ނުފެނެ އެވެ.