ގޮރިއްލާ ގްލާސް އަށް ނަންބަރު ދިނުން ހުއްޓާލައި ނަމެއް ދީފި

"ގޮރިއްލާ ގްލާސް" އުފައްދާ ކުންފުނި، "ކޯނިންގް" އިން "ގޮރިއްލާ ގްލާސް ވިކްޓަސް" އުފައްދައި، ތައާރަފުކޮށްފި އެވެ. ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ނެރެން ހުރި ފޯނުތަކުގެ މޫނުމަތީގައި ދެން އޮންނާނީ، "ގޮރިއްލާ ގްލާސް 7" ގެ ބަދަލުގައި "ވިކްޓަސް" އެވެ. ކޯނިންގް އިން މި ވަނީ ގޮރިއްލާ ބިއްލޫރީގައި ނަންބަރުޖެހުން ދޫކޮށްލައި، ނަމަކަށް ބަދަލުކޮށްފަ އެވެ.


ގޮރިއްލާ ގްލާސް ތައާރުފުވެގެން އައިއިރު، ވަރުގަދަ ބިއްލޫރިއެއް ގޮތުގައި ވަނީ މަޝްހޫރުވެފަ އެވެ. އާ ފޯނެއްގެ ނަން ހަމަ އިވޭތަނުން ކުރެވޭ ސުވާލަކީ، ގޮރިއްލާ ގްލާސް ކިތަކެއްތޯ އެވެ. މި ބީދައިން ބިއްލޫރި އަށް ނަންބަރު ދެމުން އައިސް، އެންމެ ފަހުން ޖެހި އަދަދަކީ 6 އެވެ. އެހެންވެ، ގޮރިއްލާ ގްލާސް 7 އުފައްދާނެ ކަމަށް މި ތިބީ ވިސްނައިގެންނެވެ.

ކޯނިންގް އިން ބުނި ގޮތުގައި، ސްމާޓް ޑިވައިސްތަކުގެ މޫނުމަތީގައި އަޅުވާލަން، ވިކްޓަސް އަށް ވުރެ ގަދަފަދަ ބިއްލޫރިއެއް މާކެޓްގައި ނެތެވެ. މިއީ މުޅި ގޮރިއްލާ އާއިލާގައި ވެސް އެންމެ ގަދަފަދަ ބިއްލޫރި އެވެ.

ގޮރިއްލާ ގްލާސް ވިކްޓަސްއާ ބެހޭ ގޮތުން ކޯނިންގް ސަޅިކެނޑި ނަމަވެސް، ގޮރިއްލާ ގްލާސް 3 އަށް ފަހު، މި ބިއްލޫރީގައި މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ ސިނާއަތުގައި ވަނީ ފާޑުކިޔާފަ އެވެ. އެހެން ނަމަވެސް، ކޯނިންގް އިން މިކަން ގަބޫލެއް ނުކުރެ އެވެ. ކޯނިންގް އިން ބުނާ ގޮތުގައި ބިއްލޫރީގެ ފަހަތަށް އަންނަ ކޮންމެ އަދަދަކުން ވެސް މާނައެއް ދޭހަކޮށްދެ އެވެ.

ކޯނިން ގޮރިއްލާ ގްލާސްގައި ނަންބަރުޖެހުން ދޫކޮށްލައި މި ފަހަރު ގޮރިއްލާ ގްލާސް ވިކްޓަސް

ގޮރިއްލާ ގްލާސް ވިކްޓަސް އެންމެ ފުރަތަމަ ބޭނުންކުރާނީ ސެމްސަންގް ގެލަކްސީ ފޯނުތަކުގައި ކަމަށްވެ އެވެ. ނަމަވެސް، ގެލަކްސީ ނޯޓް 20 ގައި ވިކްޓަސް ބޭނުންނުކުރާނެ ކަމަށް ވެ އެވެ. ޔަގީނެއް ނޫނެވެ.

ސެމްސަންގް ގެލަކްސީ ފޯނުތަކުގައި ވިކްޓަސް އެހާ އަވަހަށް ބޭނުންކުރެވެނީ ކީއްވެތޯ ކުރެވޭ ސުވާލާށް އޮތް ޖަވާބަކީ، ސެމްސަންގާއި ކޯނިންގް ގުޅިގެން، ގޮރިއްލާ ބިއްލޫރި ވަރުގަދަކުރަން މަސައްކަތްކުރަން މާ ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ. މިއީ ވަރަށް ގާތްކޮށް މަސައްކަތްކުރާ ދެ ކުންފުނީގެ ގޮތުގައި ވަނީ މަޝްހޫރުވެފަ އެވެ.

އެޕަލް އިން ވެސް އަގު ބޮޑު އައިފޯނުތަކުގައި ގޮރިއްލާ ބިއްލޫރި ނޫން އެއްޗެއް ބޭނުމެއްނުކުރެ އެވެ. އެޕަލް އިން ބުނި ގޮތުގައި އެ ކުންފުނިން ކަނޑައަޅާ ފެންވަރަށް ބިއްލޫރި އުފެއްދުމުގެ ކުޅަދާނަކަން ކޯނިންގް އަށް ލިބިފައި ވެ އެވެ. އެޕަލްގެ މި ބުނުމުން ދޭހަވަނީ ލަސްތަކެއް ނުވެ އައިފޯނުތަކުގައި ވިކްޓަސް ބޭނުންކުރާނެ ކަމެވެ.