6.6 ބިލިއަން ޑޮލަރުގެ 5ޖީ ވެރައިޒަން ޑީލް ސެމްސަންގަށް

އެމެރިކާގެ ވެރައިޒަން ކޮމިއުނިކޭޝަނުން ވަރުގަދަ ޑީލެއް ސެމްސަންގަށް ލިބިއްޖެ އެވެ. އެއީ ވެރައިޒަނުން ބޭނުންވާ ފެންވަރަށް 5ޖީ ނެޓްވޯކް އަޅައިދިނުމެވެ. މިއީ 5ޖީ ވިޔަފާރީގައި ސެމްސަންގަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.


ސެމްސަންގުން 5ޖީ ނެޓްވޯކިން އަށް އިންވެސްޓްކުރަން ވިސްނާތާ އަހަރުތަކެއް ވެއްޖެ އެވެ. އެއީ މި ސިނާއަތުގައި ބާރުގަދަ ނޮކިޔާ އަދި އެރިކްޝަނާ ވާދަކުރުމަށެވެ. ސެމްސަންގަކީ ހާޑްވެއާ މާކެޓްގައި އަޑުގަދަ ނަމެއް ނަމަވެސް، ވަޔަލެސް ނެޓްވޯކިން ފަދަ ހަލަބޮލި މަސައްކަތްތަކުގައި އާންމުކޮށް ވާދަކުރާތީއެއް ނުފެނެ އެވެ. ވެރައިޒަން ކޮމިއުނިކޭޝަނާ އެކު ވި އެއްބަސްވުން ޑިސެމްބަރު 2025ގެ ނިޔަލަށް ދެމިއޮންނާނެ އެވެ.

އެމެރިކާގައި މި ވަރުގެ މަސައްކަތެއް ކުރަން ސެމްސަންގަށް ލިބުމަކީ، މި ސިނާއަތަށް އިންވެސްޓްކޮށްގެން މިހާރު ތިބި ކުންފުނިތަކަށް ޚާއްސަކޮށް ނޮކިޔާ އަށް އުނދަގޫ ކަމަކަށް ވާނެ އެވެ. މި ޚަބަރާ އެކު ވެސް، ހިއްސާ ބާޒާރުގައި ނޮކިޔާ އަށް ވަނީ ނުރަނގަޅު އަސަރުކޮށްފަ އެވެ.

ސެމްސަންގަށް މި މަސައްކަތްތައް ލިބުމާ އެކު، އުފާ ފާޅުކުރަން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވެރައިޒަންގެ ކަސްޓަމަރުންނަށް އެދޭ ފެންވަރަށް ނެޓްވޯކް އަޅައިދޭނެ ކަމަށެވެ. އަދި 5ޖީ ތަޖުރިބާކުރުން ވަކި އެހެން ބަޔަކަށް އުފަލަކަށް ވިޔަ ނުދޭނެ ކަމަށެވެ.

ވެރައިޒަން ކޮމިއުނިކޭޝަންގެ މި ޑީލާ ބެހޭ ގޮތުން އިތުރު ވާހަކަތަކެއް ސެމްސަންގުން ނުދެއްކި ނަމަވެސް، ސެމްސަންގުން އަންނަނީ 6ޖީ ނެޓްވޯކެއްގައި ހުންނަން ޖެހޭ ފެންވަރާ މެދު ދިރާސާކުރަމުންނެވެ. މިއީ އަދި ސިއްރިއްޔާތުގައި އޮތް ކަމެއް ނަަމަވެސް ތުންތުން މަތީން ވަނީ ފާޅުވެފަ އެވެ.