އެއާބަސް އިން ހައިޑްރޮޖަން އިން ދުއްވާ މަތިންދާބޯޓުތައްކެއް ޑިޒައިންކޮށްފި

އެމެރިކާ އާއި ޔޫރަޕުން "ޒީރޯ-ކާބަން" ޕޮލިސީ އަށް ތައްޔާރުވަނީ އެވެ. މިއީ ޕެޓްރޯލާއި ޑީސަލް އަދި ކަރާސީން ތެޔޮ ފަދަ ތިމާވެއްޓަށް ގެއްލުން ދޭ ހަކަތައިގެ ބާވައްތައް ދޫކޮށްލައި، ބަދަލުގައި ބޭނުންކުރާ ބާވަތްތަކަކަށް ބަދަލުވާން ތާރީޚެއް ކަނޑައަޅަން ގޮވާލާ ގޮވާލުމެކެވެ. އެއާބަސް އިން އުންމީދުުކުރަނީ 2035 އަހަރު ލައިގަތުމުގެ ކުރިން ހައިޑްރޮޖަން އިން ދުއްވާ މަތިންދާބޯޓުތައް ވިޔަފާރި އަށް ނެރުމަށެވެ.


މަތިންދާބޯޓްތައް ދުއްވަން މިހާރު ބޭނުންކުރަނީ "ޖެޓް އޭ ފިއުލް" – އޭވިއޭޝަން ގްރޭޑް ކެރާސީން" ނުވަތަ ކަރާސީން ތެލެވެ. "ޖެޓް އޭ ފިއުލް"ގެ ބަދަލުގައި، ހައިޑްރޮޖަން ބޭނުންކުރެވޭ ގޮތަށް އެއާބަސް އިން މަތިންދާބޯޓްތަކެއް ވަނީ ޑިޒައިންކޮށްފަ އެވެ. ޖުމުލަ ނަމެއް ގޮތުގައި މި ވިސްނުމަށް ކިޔަނީ "ޒީރޯއީ" އެވެ.

އެއާބަސްގެ ޒީރޯއީ ވިސްނުމުގައި ހިމެނޭ މަތިންދާބޯޓުތައް ދަރަޖަކޮށްފައި ވަނީ ތިން ޑިޒައިނަކަށެވެ. އެއީ އުފުލޭ ބަރުދަން އަދި ދަތުރުކުރެވޭ ދުރުމިނަށް ނިސްބަތްކޮށެވެ. ފުރަތަމަ އަދި ތިން ވަނަ ޑިޒައިން ޚާއްސަކުރަނީ 200 ދަތުރުވެރިންނަށެވެ. މި ބޯޓުތަކަށް ކަނޑައަޅާފައި ވާ ދާއިރާ އަކީ 2،000 ނޯޓިކަލް މޭލެވެ.

ހައިޑްރޮޖަން މަތިންދާބޯޓްތަކުގައި، ހައިޑްރޮޖަން ރައްކާކުރަން އެއާބަސް އިން ވިސްނާފައި ވަނީ ޓޭންކްތަކެއްގަ އެވެ. މި ޓޭންކްތައް ބޯޓްގެ ފަހަތުގައި ބަހައްޓަން ޑިޒައިންކޮށްފައި ވާއިރު، ހައިޑްރޮޖަން ހުންނާނީ ދިޔާކޮށެވެ.

ދެވަން ޑިޒައިންގެ މަގުސަދަކީ 100 ދަތުރުވެރިންނެވެ. ދާއިރާ އަކީ 1،000 ނޯޓިކަލް މޭލެވެ.

އެއާބަސް އިން ބުނި ގޮތުގައި މިއީ އަދި ވިސްނުމެވެ. މަތިންދޯބޯޓައް ޑިޒައިންކުރި ނަމަ ވެސް، މިއީ ހަމައެކަނި އެއާބަސް އަށް ކުރެވޭނެ ކަމެއް ނޫނެވެ. މަތިންދާބޯޓްތައް "ޒީރޯ ކާބަން" އަށް ބަދަލުކުރުމުގައި އޭވިއޭޝަން ސިނާޔަތުގެ ހުރިހާ ގުނަވަނެއް އެކުގައި ކުޅެޖެން ޖެހެ އެވެ.

މަތިންދާބޯޓްތައް އުފައްދައި ލޮލަށް ފެންނަ އެއްޗެއް ގޮތުގައި އަމަލުން ދައްކަންޖެހެ އެވެ. އެއާޕޯޓްތަކަށް ބޮޑެތި ބަދަލުތައް ގެނެސް، ހައިޑްރޮޖަން ރައްކާކުރަން ޓޭންކްތައް ބިނާކުރަން ޖެހެ އެވެ. އަދި ރައްކާތެރިކަމާ އެކު ބޯޓްފަހަރަށް އެޅޭނެ ގޮތް ހަދަން ޖެހެ އެވެ. މިއީ މުޅި އޭވިއޭޝަން ސިނާއަތް ބަލައިގަންނަން ޖެހޭ ބިޔަ އިންވެސްޓްމަންޓެއް ކަމަށް އެއާބަސް އިން ގަބޫލުކުރެ އެވެ.