އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން އެތައް ސަތޭކަ ސެޓެލައިޓެއް ފޮނުވައިގެން ފަށާފައިިވާ ސްޓާލިންކް މަޝްރޫއުގެ ހިދުމަތް ހޯދުމަށް ޕްރީއޯޑަރަށް ހުޅުވާލައި އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމަނައިފި އެވެ.
މިއީ ސްޓާލިންކުން ވިއްކާ ކުޑަ ޑިޝްއަކާއި އެހެން ބައެއް ހާޑްވެއާ ބޭނުންކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ހިދުމަތެކެވެ. އެ ކުންފުނިން މިހާރު އަންނަނީ ދުނިޔޭގެ އެކި ހިސާބަށް ހިދުމަތް ފުޅާކޮށް ބީޓާ މަރުހަލާގައި ހިދުމަތް ދެމުންނެވެ.
މި އަހަރު ތެރޭ ދުނިޔޭގެ ބޮޑު ބަޔަކަށް ހިދުމަތް ދޭން މަސައްކަތްކުރަމުން އަންނައިރު ސްޓާލިންކުން އެ ކުންފުނީގެ ވެބްސައިޓްގައި ބުނެފައިވަނީ ސިކުންތަކު 50-150 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ކަމަށެވެ. މި ދުވަސްވަރު ހިދުމަތް ލިބޭއިރު 20-40 މިލިސިކުންތުގެ ލޭޓެންސީ ނުވަތަ ޑިލޭއެއް އުޅޭނެ ކަމަށާއި ހިދުމަތް އެއްކޮށް ކެނޑޭ ވަގުތު ވެސް ދިމާވެދާނެ ކަމަށެވެ.
"އިތުރު ސެޓެލައިޓްތައް ފޮނުވައި ގްރައުންޑް ސްޓޭޝަންތަކާއި ސޮފްޓްވެއާ، ޑޭޓާ، ސްޕީޑް، ލޭޓެންސީ އަދި އަޕްޓައިމް ވެސް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ" ކަމަށް ވެބްސައިޓްގައި ބުނެފައިވެ އެވެ.
ސްޓާލިންކުން އިންޓަނެޓް ދޭން ފޮނުވާފައިވާ ސެޓެލައިޓްތައް ދައުރުވަނީ، މިހާރު އިންޓަނެޓް ދޭން ބޭނުންކުރާ ސެޓެލައިޓްތަކަށް ވުރެ ދުނިޔެއާ 60 ގުނަ ކައިރީގައި ކަމަށާއި އެހެންވެ ހިދުމަތުގެ ފެންވަރު މާބޮޑަށް ވެސް ރަނގަޅުވާނެ ކަމުގެ ޔަގީންކަން ސްޓާލިންކުން ދެ އެވެ.
ސްޓާލިންކް ވެބްސައިޓް މެދުވެރިކޮށް އިންޓަނެޓް ހިދުމަތަށް ޕްރީއޯޑާ ކުރުމަށް އީމެއިލް އެޑްރެސް އާއި އެޑްރެސް ޖެހުމުން އެ މީހަކު ބޭނުންވާ ތަނަކަށް އިންޓަނެޓް ހިދުމަތް ލިބޭ ނަމަ އެނގޭނެ އެވެ. ހިދުމަތުގެ ޕްރީއޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ. މި ވަގުތު މި ހިދުމަތަށް މަހަކު 99 ޑޮލަރު ނަގާނެ އެވެ.
ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ސްޓާލިންކުން ބުނީ އެކި ރީޖަންތަކުން ހިދުމަތް ދޭނީ ވަކި އަދަދަކަށް ކަމަށެވެ. އެހެންވެ ޑިޕޮސިޓް ދެއްކި ކަމުގައި ވިޔަސް އެއީ އަދި ހިދުމަތް ލިބޭނެ ކަމުގެ ގެރެނޓީއެއް ނޫން ކަމަށް ސްޓާލިންކުން ބުނެފައިވެ އެވެ.